09 Jul 2012, 17:37
މާލޭ ސަރަހައްދުގެ ކުނި ނައްތާލުމަށް 49.2 މިލިއަން ޑޮލަރަށް އިންޑިއާ ކުންފުންޏަކާ ސިޓީ ކައުންސިލުން ހަވާލުކުރި ޕްރޮޖެކްޓް ކުރިއަށް ނުދާތީ އެ މަސައްކަތް އެހެން ބަޔަކާ ހަވާލުކުރުމަށް އެންވަޔަރަމެންޓް މިނިސްޓްރީން ނިންމައިފި އެވެ.
ކުނިނައްތާލުމުގެ ޕްރޮޖެކްޓް އިންޑިއާގެ، ޓަޓްވާ ގްލޯބަލް ރީނިއުބަލް އެނާޖީއާ (ޔޫއީއީއެލްއާ) ހަވާލުކުރީ މިދިޔަ އަހަރުގެ މޭ މަހު ގެ ތެރޭގަ އެވެ. އެ ޕްރޮޖެކްޓް 20 އަހަރަށް އެ ކުންފުންޏާ ހަވާލުކުރީ އެގްރިމަންޓް ކުރާތާ ހަ މަސް ދުވަހުގެ ތެރޭގައި ޕްރޮޖެކްޓް އަމަލީ މަސައްކަތް ފަށާ ގޮތަށެވެ.
އެންވަޔަރުމެންޓް މިނިސްޓްރީން މިއަދު ބުނީ އެ ޕްރޮޖެކްޓް ފެށުމަށް ދީފައިވާ މުއްދަތު ދެ ފަހަރަކަށް އިތުރުކޮށްދިން ނަމަވެސް އެ ކުންފުނިން މަސައްކަތް ފަށާފައި ނުވާ ކަމަށެވެ. އަދި ބުނީ އެ ޕްރޮޖެކްޓްގެ މަސައްކަތް ލަސްވަމުން ދިޔުމުން މާލޭގައި ދިރިއުޅޭ ފަރާތްތަކަށާއި ތިލަފުއްޓާ ކައިރީ ހިސާބުތަކުގައި ހުރި ރިސޯޓްތަކަށް މެއްސާއި ދުމުގެ އުނދަގޫ ބޮޑުވެފައިވާ ކަމަށެވެ.
"ކުނި ނައްތާލުމުގެ އިންތިޒާމެއް މިހާރުން މިހާރަށް ހަމަޖެއްސުމަކީ ކުރަން ޖެހިފައިވާ މަސައްކަތެއް ކަމުގައިވާތީ މި މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކަށް މި ކަމުގެ ދޮރު އަލުން ހުޅުވާލުމުގެ މަސައްކަތް މި މިނިސްޓްރީގެ ފަރާތުން ފަށާފައިވާ ކަމުގައި ދެންނެވީމެވެ،" އެންވަޔާރުމަންޓް މިނިސްޓްރީން އާންމުކުރި ބަޔާނެއްގައިވެ އެވެ.
އެންވަޔަރަމެންޓް މިނިސްޓްރީން ވަނީ އެ ޕްރޮޖެކްޓްގެ އެހެން މައްސަލަތަކެއް ފެންމަތިކޮށްފަ އެވެ. އެ މިނިސްޓްރީން ބުނަނީ ޔޫއީއީއެލްއާ އެކު ސިޓީ ކައުންސިލުން ވެފައިވާ އެގްރިމަންޓްގެ ސަބަބުން ދައުލަތަށް ބޮޑަތި މާލީ ގެއްލުންތަކަކާ ވެސް ކުރިމަތިވާނެ ކަމަށެވެ.
އެގްރިމެންޓް ދިރާސާ ކުރުމަށް ފަހު އެ މިނިސްޓްރީން އާންމުކުރި މައުލޫމާތު ކަރުދާހުގައިވާ ގޮތުން އެ ކުންފުންޏަށް އެ ޕްރޮޖެކްޓް ދިނީ 200 ޓަނުގެ ކުނީގެ ގެރެންޓީ ދިނުމަށް ފަހުގައި ކަމަށް ވުމުން ދައުލަތުން 2.5 މިލިއަން ރުފިޔާ އަށް ވުރެ ބޮޑު އެއްޗެއް އެ ކުންފުންޏަށް ދޭންޖެހެ އެވެ. އަދި ކުނީގެ ސަބްސިޑީގެ ގޮތުގައި ދައުލަތުން އެ ކުންފުންޏަށް 8 މިލިއަނާއި 10 މިލިއަން ޑޮލަރުގެ ފައިސާ ދައްކަން ޖެހެ އެވެ. އިންޓަރިމްގެ މުއްދަތުގައި (2012-2014) ދެމެދު އެ ކުންފުންޏަށް ސަރުކާރުން ފަސް މިލިއަން ޑޮލަރު ދޭން ޖެހެ އެވެ. މިނިސްޓްރީން ލަފާކޮށްފައި ވަނީ އެ އެއްބަސްވުމުގެ ސަބަބުން ދައުލަތަށް 20 އަހަރު ދުވަހުގެ ތެރޭ އެއް ބިލިއަން ރުފިޔާގެ ގެއްލުމަކާ ކުރިމަތިވާނެ ކަމަށެވެ.
"މާލޭ ސިޓީ ކައުންސިލާއި އެ ކުންފުންޏާ ދެމެދު ސޮއި ކުރެވިފައިވާ ކޮންސެޝަން އެގްރިމަންޓަކީ ފުރިހަމަ އެގްރިމަންޓެއް ކަމާ މެދު ވެސް ވަނީ ސުވާލުއުފެދިފަ އެވެ،" މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.
ކުނި ނައްތާލުމުގެ ބިޔަ އެ ޕްރޮޖެކްޓް ދަށުން ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ގޭގެއިން ކުނި ނެގުމާއި ތިލަފުއްޓަށް ގެންގޮސް ކުނި ނައްތާލައި އަދި ނައްތާލައި ކުނި ބޭނުންކޮށްގެން ހަކަތަ އުފެއްދުމަށް އޮތީ ނިންމައިފަ އެވެ. އަދި އެ ޕްރޮޖެކްޓް ހިންގަން ސިޓީ ކައުންސިލުން މަސައްކަތް ކޮށްފައި ވަނީ ކޮންމެ ކަރަންޓް މީޓަރަކުން 75ރ.ގެ ފީއެއް ނަގައިގެންނެވެ.
ސިޓީ ކައުންސިލްގެ މެންބަރު އަހުމަދު އަބްދުލް ކަރީމް (ރުކުމާ) މިއަދު ވިދާޅުވީ ސަރުކާރުން އެ ޕްރޮޖެކްޓާ އެކު ކުރިއަށް ދާން ބޭނުން ނުވާ ނަމަ އެ ޕްރޮޖެކްޓް ކުރިއަށް ގެންދެވެން ނޯންނާނެ ކަމަށާއި އެކަމާ މެދު ގޮތެއް ނިންމޭނީ ސަރުކާރާ އެކު މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ.
"އޭގައި ސަރުކާރުގެ ސްޓޭންޑެއް ބަލައިގެން ކުރިއަށް ގެންދެވެން އޮންނާނީ،" ރުކުމާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ މަޝްރޫއު މިހާތަނަށް ނުފެށިފައި އޮތީ އެ މަޝްރޫއު ހަވާލުކުރި ކުންފުންޏަށް ފައިނޭންޝިއަލް މައްސަލަތަކެއް ދިމާވެގެން ކަމަށެވެ.
ތިލަފުށީގައި ކުނިނައްތާލުމުގައި ރައްކާތެރި ނިޒާމެއް ނެތުމުގެ ސަބަބުން މާލޭ ސަރަހައްދުގެ ތިމާވެށީ ތަޣައްޔަރުވުމުގެ މައްސަލަ ވަނީ ކުރިމަތިވެފަ އެވެ. އަދި ރާއްޖޭގެ ކުނި ނައްތާލުމުގެ ރަނގަޅު ނިޒާމެއް މިހާތަނަށް ގާއިމް ކުރަން އެކި ފަހަރު މަސައްކަތް ކުރި ނަމަވެސް އެކަން އަދި ވަނީ ކާމިޔާބުނުވެފަ އެވެ.