ރާއްޖެ ސަރަހައްދުގައި އުފެދުނު ކޮޅިގަނޑުގެ ބާރު ކެނޑިއްޖެ ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި މޫސުން ރަނގަޅުވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓު އޮފީހުން ބުނެފިއެވެ.

މިރޭ މެޓު އޮފީހުން ބުނީ، ރާއްޖެ ސަރަހައްދުގައި އުފެދުނު ކޮޅިގަނޑު މިވަގުތު ވަނީ ރާއްޖެއާ ދުރަށް ދަތުރުކޮށްފައި ކަމަށެވެ. އެހެންކަމުން މި ކޮޅިގަނޑުގެ އަސަރު ދެން ރާއްޖެއަށް ނުކުރާނެ ކަމަށް މެޓުން ބުންޏެވެ.

ވޭތުވެދިޔަ ދެތިން ދުވަހު ރާއްޖެއަށް ވަނީ މޫސުން ވަރަށް ގޯސްވެ ގުގުރުމާއެކު ބޯކޮށް ވާރޭވެހިފައެވެ. މިއާއެކު ވައި ގަދަވެ، ކަނޑުތައް ވެސް ވަނީ ވަރަށް ބޮޑަށް ގަދަވެފައެވެ.

ވިއްސާރަވެ ކަނޑުގަދަވުން: މެޓުން ބުނީ މި ހަފުތާތެރޭ މޫސުން ރަނގަޅުވާނެ ކަމަށް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެގޮތުން އިއްޔެ އެކަނި ވެސް މާލެއަށް ވަނީ 136 މިލިމީޓަރުގެ ވާރޭ ވެހިފައެވެ. ކަނޑުތައް މިދުވަސްވަރު ގަދަވުމާ ގުޅިގެން ދަތުރު ކުރާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުކަން ދިނުމަށް އޭރު މެޓުން އިލްތިމާސް ކުރިއެވެ.

މެޓުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބުތަކަށް ކެރީގެ އަސަރު ކުރުން އެކަށީގެންވާ ކަމަށެވެ. ނަމަވެސް، ބޯކޮށް ވާރޭވެހި ގުރުރާނެ ކަމަށް ލަފާ ނުކުރެވޭކަމަށް އެ އިދާރާއިން ބުންޏެވެ.

މިރޭ މެދުރާއްޖެތެރެއާއި ދެކުުގެ ބައެއް ރަށްތަކަށް ވިއްސާރަ ކުރާނެ ކަމަށާއި އުތުރުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރުކުރުން އެކަށީގެންވާ ކަމަށް މެޓުން ވަނީ ބުނެފައެވެ.

މި ދުވަސްވަރަކީ ހުޅަނގު މޫސުން ނިމި އިރުވައި މޫސުން ފެށޭ ދުވަސްވަރަށް ވުމާއެކު މި ދުވަސްވަރު އާއްމުކޮށް ކޮޅިގަނޑުތައް އުފެދޭ ކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ.