ރާއްޖޭގައި އުޅޭ ބިދޭސީންގެ ކަންތައް ހަރުދަނާ ކުރުމާ ބެހޭ ގޮތުން ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނުން އިސްނަގައިގެން ޕަބްލިކް ފޯރަމެއް މިއަދު ފަށައިފި އެވެ.

އިމިގްރޭޝަނުން މިއަދު ބުނީ ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ކަސްޓަމްސްގެ ޖަލްސާކުރާ މާލަމުގައި ކަމަށާއި އެ ރަސްމިއްޔާތުގައި ސަރުކާރުގެ އެކި މުއައްސަސާތަކުގެ ވެރިންނާއި ޖަމްއިއްޔާތަކުން ބައިވެރިވެފައިވާ ކަމަށެވެ.

އެ ފޯރަމް ހުޅުވައި ދެއްވަމުން ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވި ކަމަށް އިމިގްރޭޝަނުން ބުނީ، ރާއްޖޭގައި ހިނގާ ގިނަ ކުށްތަކުގައި ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބިދޭސީން ބައިވެރިވަމުން އަންނަ ކަމަށާއި ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަށް އެންމެންގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ.

އިމިގްރޭޝަނުން ބުނީ އެ ފޯރަމްގައި ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންނާ ބެހޭ ގޮތުންނާއި ހިއުމަން ޓްރެފިކިން އާއި ވަޒީފާއާ ބެހޭ ގާނޫނާ ބެހޭ ގޮތުން މައުލޫމާތު ދީފައިވާނެ ކަމަށެވެ.

އިމިގްރޭޝަނުން ބުނީ މާދަމާ އެ ފޯރަމް ނިމޭނެ ކަމަށާއި މާދަމާގެ ބައްދަލުވުމުގައި ބިދޭސީ މަސައްކަތްތެރިންގެ ކަންތައް ބެލެހެއްޓުމަށް އަލަށް ތައާރަފްކުރާ އީ އެކްސްޕެޓް ނިޒާމްގެ ތައާރަފެއް ދިނުން އޮންނާނެ ކަމަށެވެ.