ގެދޮރުވެރިޔާ ސްކީމަށް އަލުން ފޯމުލުމުގެ ފުރުސަތު ދެނީ ކަމަށް ބުނެ ހިންގާ ސްކޭމަކަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.

ފުލުހުން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ، ހައުސިން މިނިސްޓްރީގެ ލިޔެކިއުންތަކެއް އެނދުމާ ގުޅިގެން ގެދޮރުވެރިޔާ ފްލެޓްތަކަށް އަލުން ފޯމުލުމުގެ ފުރުސަތު ހުޅުވާލައިފިކަމަށް ބުނެ ލިންކަކާއެކު މެސެޖެއް ދައުރުވަމުންދާ ކަމަށެވެ.

ފުލުހުން ބުނީ އެއީ ސައްހަ މެސެޖެއް ނޫން ކަމަށެވެ. އެހެންވެ، އެ މެސެޖާއެކު އަންނަ ލިންކަށް ނުފިތުމަށް އިލްތިމާސްކޮށްފައިވެއެވެ.

ސްކޭމްތައް ރިޕޯޓުކުރުމަށް ފުލުހުންގެ ހޮޓްލައިން 119އާއި 3322111އަށް ގުޅޭނެއެވެ.

ހައުސިން މިނިސްޓްރީގެ އިތުރުން އެންވަޔަރަމެންޓް މިނިސްޓްރީއާއި އިންފްރާސްޓްރަކްޗާ މިނިސްޓްރީ ހިންގާ އިމާރާތުގައި މިމަހުގެ 12 ވަނަ ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި އެ އިމާރާތް ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދައިފައެވެ.

ހައުސިން މިނިސްޓްރީން ވަނީ، ގެދޮރުވެރިޔާ ސްކީމާ ގުޅޭ ލިޔެކިޔުމާއި މައުލޫމާތަކީ އެ މިނިސްޓްރީގެ ކްލައުޑް ހޯސްޓިންގައި ޑިޖިޓަލްކޮށް ބަލަހައްޓާ މައުލޫމާތުތަކެއް ކަމަށާއި އެހެންވެ، އެހެންވެ އެ ސްކީމާ ގުޅޭ ލިޔެކިޔުމަށް އަލިފާނުގެ އަސަރެއް ނުކުރާނެ ކަމަށް ބުނެފައެވެ.

މީގެ އިތުރުން އިންފްރާންސްޓްރަކްޗާ މިނިސްޓަރު، ޑރ. އަބްދުﷲ މުއްތަލިބު ވެސް ވަނީ އެ ހާދިސާގައި ބޯހިޔާވަހިކަމާ ގުޅުންހުރި އެއްވެސް އެއްޗެއް ނުގެއްލޭ ކަމަށް ވިދާޅުވެފައެވެ.