09 Jul 2012, 17:09
ރާއްޖޭގައި ކުޅޭ އެންމެ ބޮޑު ލީގް ކަމަށްވާ ދިރާގް ދިވެހި ލީގުގެ މިޑް ސީޒަން ޓްރާންސްފާ ބްރޭކަށް ފަހު ދެ ވަނަ ބުރުގެ ކުޅުން މާދަމާ ހަވީރު ފަށަން ހަމަޖެހިއްޖެ އެވެ.
މެދުކަނޑާލައިފައި އޮތް ދިވެހި ލީގުގެ ކުޅުން މާދަމާ ފަށާނީ ލީގުގެ އެންމެ ކުރީގައި މިވަގުތު އޮތް ނިއުރޭޑިއަންޓާއި ތިން ވަނާގައި އޮތް އީގަލްސްގެ މެޗުންނެވެ. މިމެޗް ކުޅޭނީ މާދަމާ ހަވީރު 4:00 ޖަހާއިރު ގަލޮޅު ދަނޑުގައެވެ.
މާދަމާގެ މެޗުގެ ކުރިން މިއަދު މެންދުރު ފަހު އެފްއޭއެމް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ނިއުގެ ހެޑް ކޯޗް މުހައްމަދު ޝިޔާޒް (މޯހަން) ބުނީ ޓީމު އޮތީ މާދަމާގެ މެޗަށް ވަރަށް ފުރިހަމައަށް ތައްޔާރުވެ ކަމަށެވެ. އަދި މާދަމާގެ މެޗަށް ނުކުންނައިރު ލިބުނު ބޮޑު ބުރޭކްގައި ޓީމް ވަރަށް ފުރިހަމަ ދަތުރެއް އދ. މަހިބަދޫއަށްކޮށް، އެރަށުގައި ވެސް ރަހުމަތްތެރި ކަމުގެ މެޗެއް ކުޅެފައިވާ ކަމަށެވެ. އަދި ޓީމްގެ ފަރިތަކުރުންތައް ވެސް ބްރޭކްގައި ކޮށްފައި ވާނެ ކަމަށް ވެސް މޯހަން ބުންޏެވެ.
މޯހަން ބުނީ، މާދަމާގެ މެޗަށް ނިކުންނައިރު ޓީމަށް ކުޅުންތެރިންތަކެއް ގުޅިފައިވާ ކަމަށާއި އެގޮތުން ބިދޭސީ މިޑްފީލްޑަރެއް ޓީމާ ގުޅިފައިވާ ކަމަށެވެ. އަދި މާދަމާގެ މެޗުގައި ބިދޭސީ ކުޅުންތެރިޔާ ފެނުން ވަރަށް ގާތް ކަމަށް ވެސް މޯހަން ބުންޏެވެ.
"ނިއުއާ އަލަށް ގުޅުނީ ބަލްގޭރިއާގެ މިޑްފީލްޑަރެއް. އޭނާ މާދަމާގެ މެޗުގައި ކުޅޭނެ. އެންމެ ފަހުން ބޭއްވި ފަރިތަކުންތަކުގައި އޭނަ ވަނީ ބައިވެރިވެފަ." މޯހަން ބުންޏެވެ.
މޯހަން ބުނީ ބިދޭސީ މިޑްފީލްޑަރުގެ އިތުރުން ދެން ޓީމާ ގުޅުނު އަނެއް ދެކުޅުންތެރިންނަކީ ކުރީގެ މިޑްފީލްޑަރު މުހައްމަދު ހުސެއިން (އޮއިއްޓޭ) އާއި ކްލަބް މޯލްޑިވްސް ކަޕުގައި އެމްޕީއެލްގައި މޮޅު ކުޅުމެއް ދެއްކި އަހުމަދު އަފުރާދެވެ.
މީގެއިތުރުން މޯހަން ބުނީ، ފުރަތަމަ ބުރުގައި ނިއުއާ އީގަލްސް ކުޅުނު މެޗު 1- 1 އިން އެއްވަރުވެފައި އޮތުމުން މާދަމާގެ މެޗުގައި އީގަލްސްއަށް ޚާއްސަ ސަމާލުކަމެއް ދޭނެ ކަމަށެވެ. އަދި އީގަލްސް ޓީމަކީ ބަލި ޓީމެއް ނޫން ކަމަށް ވެސް މޯހަން ބުންޏެވެ.
ނިއުއާ ދެކޮޅަށް ނިކުތުމުގެ ކުރިން އީގަލްސްގެ އެސިސްޓަންޓް ކޯޗު އަހުމަދު ނިމާދު (ނިމާ) ބުނީ، ލީގުގެ އެއްވަނާގައި މިވަގުތު އޮތް ނިއުއާ ދެކޮޅަށް މާދަމާ ނުކުންނައިރު ޓީމުގެ މުހިންމު ކުޅުންތެރިންނަށް އަނިޔާވެފައިވާ ކަމަށާއި އެހެންނަމަވެސް މާދަމާގެ މެޗަށް ޓީމް އޮތީ ވަރަށް ފުރިހަމައަށް ތައްޔާރުވެ ކަމަށެވެ.
"އީގަލްސްގެ މުހިންމު މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) އަށް ކޮންމެވެސް ވަރެއްގެ އަނިޔާއެއް ވަނީ ވެފަ. އޭނާ މާދަމާ ނުފެނިދާނެ. ޒުވާން ކުޅުންތެރިޔާ މުހައްމަދު ހުސެއިން އަށް ވެސް ވަނީ އަނިޔާވެފަ. އޭނާ އަށް ނުކުޅެވޭނެ. މާދަމާ މެޗަށް ނިކުންނައިރު ދާދި ފަހުން ޓީމް ވަނީ އައްޑޫގައި ކޭމްޕެއް ކޮށްފަ. އެކަމުގެ ސަބަބުން ޓީމަށް ވަރަށް ފައިދާކުރާނެ ކަމަށް ބެލެވޭ. ތަފާތު ފެންނާނެ ކަމަށް ވެސް އުއްމީދުކުރަން" ނިމާ ބުންޏެވެ.
ނިމާ ބުނީ، ނިއުއާ ދެކޮޅަށް މާދަމާ ނުކުންނައިރު، ކުޅުންތެރިން ތަކެއް ގުޅިފައިވުމުން، އެ ޓީމު އިތުރަށް ވަރުގަދަވާނެ ބެލެވުނު ކަމުގައި ވިޔަސް، ނިއުއާ ދެކޮޅަށް ނުކުންނާނީ ކާމިޔާބީއެއް ހޯދަން ކަމަށެވެ.
"ނިއުއާ ދެކޮޅަށް ނުކުންނާނީ ޕޮއިންޓަކަށް. އެކަމަކު އުންމީދަކީ މޮޅުވުން. ނިއުއާ ދެ ކޮޅަށް ނުކުންނައިރު އަލަށް ޓީމާ ގުޅުނު ކުތުންތެރިން ތަކެއް އެބަތިބި. އެކުޅުންތެރިންގެ ބޭނުން މާދަމާގެ މެޗުގައި ނުހިފުނު ކަމުގައި ވިޔަސް ސޮބާހްގެ ބޭނުން މާދަމާގެ މެޗުގައި ހިފާނެ." ނިމާ ބުންޏެވެ.
މި މިޑް ޓްރާންސްފާ މުއްދަތުގެ ތެރޭގައި އީގަލްސްއާ އަލަށް ގުޅުނު ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ އީގަލްސްގެކުރީގެ ޑިފެންޑަރު ސޮބާހް މުހައްމަދު އަދި ވީބީގެ ޒުވާން މިޑްފީލްޑަރު އާދަމް އިމްރާނެވެ.
ލީގުގެ ކުޅުން އަލުން މާދަމާ ފަށާއިރު، އެއް ވަނާގައި ނިއު އޮތީ 21 ޕޮއިންޓާއެކު އެވެ. އަދި އީގަލްސް ތާވަލްގެ ތިން ވަނާގައި އޮތީ 13 ޕޮއިންޓާއެކު އެވެ.