މިސްކިތު ފަންޑަށް 14.8 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އިސްލާމިކް މިނިސްޓްރީ އާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލުމާތު ދެއްވުމަށް ވެލާނާގޭ ޕްރެސް ރޫމުގައި ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު މުހައްމަދު ޝަހީމު އަލީ ސައީދު މިއަދު ވިދާޅުވީ މިސްކިތްކުގެ ފަންޑަށް ރާއްޖޭގެ ރައްޔިތުން ދެއްވާ އެހީތެރިކަމަކީ ހީކުރިވަރަށް ވުރެ ބޮޑު އެހީތެރިކަމެއް ކަމަށާއި މިސްކިތު ފަންޑަށް މިހާތަނަށް 14.8 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ.

ޝަހީމު ވިދާޅުވީ މިސްކިތްތަކުގެ ފަންޑަށް ލިބިފައިވާ ފައިސާ އިން މިހާތަނަށް 60 މިސްކިތެއްގެ މަރާމާތަށް ހަރަޔުކުރުމަށް ޓަކައި އޭގެ ތެރެއިން 2.4 މިލިއަން ރުފިޔާ އެ ފަރާތްތަކާ ހަވާލުކުރުމަށް މިނިސްޓްރީން ހުއްދަ ދީފައިވާ ކަމަށެވެ.

"މީގެ ތެރެއިން ވަރަށް ގިނަ ރަށްރަށަށް މިފައިސާ އިން މިދަނީ ހަރަދުކުރަމުން. މާލިއްޔަތު ގާނޫނާ އެއްގޮތަށް ބަލައި ގަވައިދުގެ ދަށުން އައިސްފައިވާ ކޮންމެ ހުށައެޅުމަކަށް ވެސް އިޖާބަދެމުން. މިގޮތުން މިހާރު 12 ދާއިރާއަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމައި ފައިސާ ޓްރާންސްފާ ކުރުމަށް އެދިފައި ވާނީ. އެގޮތުން 2،642،000 ރުފިޔާ ހަރަދުކުރުމަށް ފިނޭންސް މިނިސްޓްރީގައި އެދިފައި ވާނީ،" ޝަހީމް ވިދާޅުވި އެވެ.

ޝަހީމު ވިދާޅުވީ ފަންޑަށް 15 މިލިއަނާ ގާތަށް ފައިސާ ލިބިފައި ހުރުމުގެ ސަބަބުން ފަންޑުގެ ފައިސާ އިން ބައެއް މިސްކިތްތައް ޢިމާރަތްކުރުމާ ގުޅޭ ގޮތުން ފަންޑްކޮމިޓީއާ މަޝްވަރާކުރާނެ ކަމަށެވެ.

އޭނާ ވިދާޅުވީ މިސްކިތު ފަންޑަށް ލިބިފައިވާ ފައިސާ މާލިއްޔަތު ގާނޫނާ އެއްގޮތަށް ނޫން ގޮތަށް ހަރަދު ނުކުރާނެ ކަމަށާއި ފަންޑްގެ ހުރިހާ ތަފްސީލްތަކެއް ކޮންމެ ހަފްތާ އަކު އެއްފަހަރު އެމިނިސްޓްރީން ހާމަކުރާނެ ކަމަށެވެ.

ޝަހީމު ވިދާޅުވީ އަންނަ ރޯދަމަސް އައުމުގެ ކުރިން ރާއްޖޭގެ ތިން މިސްކިތްތަކެއް ހުޅުވިގެންދާނެ ކަމަށާއި އެގޮތުން ހއ. ތުރާކުނު މިސްކިތްތަކާއި ހުޅުމާލޭގައި އަލަށް ގާއިމުކުރި މިސްކިތުގެ އިތުރުން މަޖިލިސް ފުރަގަހުގައި އިމާރާތްކުރަމުންދާ މަސްދިލް އިމާދުއްދީނު ވެސް މިއަންނަ ހަފުތާގެ ތެރޭގައި ހުޅުވޭނެކަ މަށެވެ.

އަދި ފުރުގާނު މިސްކިތް ރޯދަމަހަށް ނިންމާނުލެވުނު ނަމަވެސް އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެ މިސްކިތް ނިންމާލެވޭނެ ކަމަށެވެ.