ޔުގާންޑާގެ ބުންޑިބުގިއޯ ޑިސްޓްރިކްޓްގެ އަންހެނުންނާއި އަންހެން ކުދިންގެ މެދުގައި ފެތުރޭ ގޮތްނޭގޭ ވައިރަހެއްގެ ސަބަބުން ހުން އައިސް، ހަށިގަނޑު ކޮންޓްރޯލުނުކުރެވޭ ވަރަށް ތެޅެމުންދާ ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

ޔުގާންޑާ މީހުން އެ ބައްޔަށް ކިޔަނީ 'ޑިންގާ ޑިންގާ' (ނެށުން) އެވެ. އެ ބަލީގެ އަސަރު އެ ޑިސްޓްރިކްޓްގެ ގާތްގަނޑަކަށް 300 މީހުންނަށް ކޮށްފައިވާއިރު، އޭގެ ތެރޭގައި އެންމެ ގިނައީ އަންހެނުންނާއި އަންހެން ކުދިންނެވެ.

އިންޑިއާ ޓުޑޭ އިން ނެރުނު ރިޕޯޓެއްގައިވާ ގޮތުން އެ ބަލީގައި މިހާތަނަށް އެއްވެސް މީހަކު މަރުވެފައެއްނުވެއެވެ. މިހާރު އެ ބައްޔަށް ފަރުވާ ދެމުންދަނީ އެންޓިބަޔޮޓިކްސް ދީގެންނެވެ. ޑިސްޓްރިކްޓް ހެލްތު އޮފިސަރު ޑރ.ކިއިޓާ ކްރިސްޓޮފާ ވިދާޅުވީ، ގޭގައި އަމިއްލައަށް ފަތްޕިލާވެލި ބޭނުންކޮށްގެން އެ ބައްޔަށް ފަރުވާ ކުރެވޭނެ ކަމުގެ އެއްވެސް ސައިންޓިފިކް ހެއްކެއް ނެތް ކަމަށެވެ.

"އަޅުގަނޑުމެން މި ބޭނުންކުރަނީ ވަކި ފަރުވާތަކެއް، އަދި ބަލިމީހުން އާންމުކޮށް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ރަނގަޅުވޭ. މި ޑިސްޓްރިކްޓްގެ ތެރޭގައި ހުންނަ ސިއްޚީ މަރުކަޒުތަކުން ފަރުވާ ހޯދުމަށް އާންމު ރައްޔިތުންނަށް އިލްތިމާސް ކުރަން،" ކްރިސްޓޮފާ ވިދާޅުވިއެވެ.

ނަމަވެސް ބުންޑިބުގްޔޯއިން ބޭރުން ބަލީގެ އެއްވެސް ކޭހެއް ފެނިފައެއް ނުވެއެވެ. ބަލިޖެހިފައިވާ މީހުންގެ ސާމްޕަލްތައް ޔުގަންޑާގެ ސިއްޚަތާބެހޭ ވުޒާރާއަށް ފޮނުވާފައިވާއިރު، ބަލިން ދިފާއުވުމަށް ދޭނެ ބޭހެއް އަދި ކަށަވަރުވެފައެއް ނުވެއެވެ.

ޔުގާންޑާއަށް ކުރިމަތިވެފައިވާ އެ ބަލި 1518 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން ރޯމަން ސަރުކާރުގެ އަލްސާސްގެ ސްޓްރާސްބާގްގައިވެސް ފެތުރުނެވެ.

ޔުގާންޑާގައި ވިހެއުމުގެ ތެރޭގައި މަރުވާ އަންހެނުންގެ އަދަދު އަދިވެސް ވަރަށް ގިނައެވެ. އުފަންވާ ކޮންމެ 100،000 ކުދިންގެ ތެރެއިން 440 މައިން މަރުވާ ކަމަށް ދަ ވޯލްޑް ހެލްތު އޮގަނައިޒޭޝަން (ޑަބްލިޔުއެޗްއޯ) ގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

މައިމީހާ މަރުވުމުގެ ސަބަބުތަކުގެ ތެރޭގައި ރައްކާތެރި ނޫން ގޮތަކަށް ދަރިފުޅު ވައްޓާލުމާއި، ދަރިމައިވުމުގެ އުދަނގޫތަކާއި، ލޭއައުން، އިންފެކްޝަން، ހައިޕާޓެންސިވް ޑިސްއޯޑާސް، އަދި ވިހެއުމަށް ހުރަސްއެޅުން ފަދަ މައްސަލަތަކާއި، ބަލިވެ އިނުމާ ގުޅުންހުރި ބަލިމަޑުކަމާއި، ހަކުރުބަލި، ހެޕަޓައިޓިސް، އަދި ލޭމަދުވުން ފަދަ ހާލަތްތައް ހިމެނެއެވެ.