އަވައްޓެރި އިންޑިއާގައި ބާއްވާ އެންމެ ޝަރަފްވެރި ފުޓްބޯޅަ މުބާރާތް ކަމަށްވާ ނެހެރޫ ކަޕްގައި ބައިވެރިވުމުގެ ފުރުޞަތު ދިވެހިރާއްޖެ އަށް ލިބިއްޖެ އެވެ.

ސަން އޮންލައިނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ނެހެރޫ ކަޕުގައި ބައިވެރިވުމަށް އިންޑިއާ އިން ދިން ދައުވަތު ރާއްޖެ އިން ޤަބޫލް ކުރި ނަމަވެސް، އެ މުބާރާތުގައި ރާއްޖެ އިން ބައިވެރިވާން އަދި ނިންމާފައެއް ނުވެ އެވެ. އަދި އެކަމާ ބެހޭ ގޮތުން ރައްޖޭގެ ފުޓްބޯޅައާ ބެހޭ މައިދާރާ އިން ވަކިގޮތެއް ނިންމާފައެއް ވެސް ނުވެ އެވެ.

މިމުބާރާތް އިންޑިޔާގައި ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ އޮގަސްޓް 23 އިން ސެޕްޓެމްބަރު މަހުގެ ދެ ވަނަ ދުވަހުގެ ނިޔަލަށެވެ. އެހެން ނަމަވެސް މިމުބާރާތް އިންޑިއާގައި ބާއްވަނީ ކޮން އަވަށެއްގައި ކަމެއް އަދި މުޅިން ފައިނަލްވެފައި ނުވި ކަމުގައި ވިޔަސް، އެޤައުމުގެ ބައެއް މީޑިއާ ރިޕޯޓްތަކުގައި ބުނެފައި ވަނީ މުބާރާތް ބާއްވަނީ ވެރިރަށް ނިއު ދިއްލީ ނުވަތަ ބެންގަލޫރުގައި ކަމަށެވެ.

އިންޑިއާގައި ބާއްވާ މިމުބާރާތުގައި ދެކުނު އޭޝިއާ ސަރަހައްދުން ދައުވަތު ދީފައި ވަނީ ރާއްޖެ އަށް އެކަނި ކަމަށް ވެސް އެގައުމުގެ ބައެއް ކުޅިވަރު ނޫސްތަކުގައި ބުނެފައިވެ އެވެ.

ނެހެރޫ ކަޕަކީ އިންޑިޔާގެ ފުޓްބޯޅަ ފެޑެރޭޝަނުން އިންތިޒާމުކޮށްގެން 1982 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މުބާރާތެކެވެ.