ހުޅުމާލޭން ނުހައްގުން ގޯތިތަކެއް ވިއްކި ކަމަށް ކުރާ ތުހުމަތު ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީން) މިރޭ ދޮގުކޮށްފިއެވެ.

އެ ކޯޕަރޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ، ހުޅުމާލޭން ދިރިއުޅުމުގެ ބޭނުމަށް ބިން ވިއްކާފައި ވަނީ އާންމުކޮށް އިއުލާނުކޮށް، ބިޑިން ޕްރޮސެސްއަކަށް ހުޅުވާލުމަށް ފަހު ކަމަށެވެ. އެގޮތުން، ބިން ގަތުމުގެ ފުރަތަމަ މަރުހަލާއަކީ ކަނޑައެޅޭ ބިމަށް އީއޯއައި ހުށަހެޅުން ކަމަށާއި އީއޯއައި ހުށަހެޅި މީހަކަށް ބިޑު ކުރަން ހުޅުވާލުން ކަމަށް އެޗްޑީސީން ބުނެއެވެ.

އެ ބިމެއް ގަތުމަށް ފުރުސަތު ދީފައި ވަނީ ބިޑު ކުރުމަށް ކަނޑައަޅާފައިވާ ވަގުތު ނިމޭއިރު، އެންމެ މަތީ އަގު ހުށަހެޅި މީހަކަށް ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

އިތުރަށް އެކޯރަޕޭޝަނުން ބުނީ، ބިން ގަތުމަށް އީއޯއައި ހުށަހެޅޭނީ އިއުލާނުކުރި ބިމުގެ ބޭސް ރޭޓަށް ވުރެ ދަށް ނޫން އަގެއްގައި ކަމަށާއި ބޭސް ރޭޓަށް ކަނޑައަޅާފައި ވަނީ އެ ކޯޕަރޭޝަންގެ ބޯޑް އޮފް ޑައިރެކްޓަރުން އެންޑޯޒްކޮށްފައިވާ ރޭޓުތަކެއްގައި ކަމަށެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހި: ހުޅުމާލޭން ބިޑް އުސޫލާ ޚިލާފަށް ބިން ވިއްކި ކަމަށް ކުރާ ތުހުމަތު އެޗްޑީސީން ދޮގުކޮށްފި -- ފޮޓޯ/ އެޗްޑީސީ

އެ އުސޫލުގެ ދަށުން ވިއްކާފައިވާ ތިން ގޯއްޗެއްގެ ތަފްސީލުތައް އެ ބަޔާނުގައި އެޗްޑީސީން ހިއްސާކޮށްފައިވެއެވެ. އެ ތަފްސީލުތަކުގެ ތެރޭގައި ލޮޓް ނަންބަރާއި އީއޯއައި ހުށަހެޅި ތާރިޚާއި އަކަފޫޓަކަށް ބިމުގެ ބޭސް ރޭޓާއި ބިޑު ކުރި އެންމެ ފަހުގެ އަގުގެ އިތުރަށް ބިޑު ކާމިޔާބު ކުރި އަގު ހިމެނެއެވެ.

އެހެންވެ، އެޗްޑީސީން ވަނީ އާންމުކޮށް އިއުލާނުކޮށްގެން ވިއްކާފައިވާ ބިންތަކާ ގުޅޭގޮތުން ހަގީގަތާ ޚިލާފު ވާހަކަ ނުފެތުރުމަށް އިލްތިމާސްކޮށްފައެވެ.

އެޗްޑީސީން މިހެން ބުނެފައިވަނީ، ބިންވެރިޔާ ސްކީމަށް ޝަރުތު ހަމަނުވި ނަމަވެސް ގޯތި ލިބިފައިވާ މީހުންގެ ތެރޭގައި، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލްގެ ބޭބެ އަދި އެމްޑަބްލިޔުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ފަޒީލް ރަޝީދު ހިމެނޭ ކަމަށް ބުނާ ލިޔެކިޔުންތަކެއް ވަނީ އާންމުވެފައި ވަނިކޮށެވެ. އެ ގޯތީގައި ވަށައިފާރު ވެސް ވަނީ ރާނާފައެވެ.

އެ މައްސަލައާ ގުޅޭ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފަޒުލް ވިދާޅުވީ، އެކަމުގައި އޭނާގެ މަސްލަހަތެއް ނެތް ކަމަށާއި، އެފަދަ މައްސަލައެއް ފެންމަތިވީ އޭނާގެ ބޭބެއާ ގުޅޭ ގޮތުން ކަމަށް ވުމަކީ އިއްތިފާގެއް ކަމަށެވެ.

މި މައްސަލަތައް ފެންމަތިވެފައި ވަނިކޮށް މިއަދު ވަނީ ފްލެޓު އެޅުމުގެ ނަމުގައި ސީލައިފް ގްލޯބަލްއިން ހިންގި ސްކޭމްގައި ގެއްލުންވި މީހުންނަށް ވިނަރެސް ފުލެޓުތަކެއް ދޭން އެންގުމުން، ސީލައިފަށް ފައިސާ ދެއްކި ކަމުގެ ފޭކު ލިޔުންތަކެއް ހަދައިގެން ވިނަރެސް ފުލެޓުތަކެއް އޮޅުވާލައިގެން ދިން މައްސަލައެއް ވެސް ފެންމަތިވެފައެވެ.

ގޯތީގެ މައްސަލަ ފުލުހުންނާއި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން އަންނަނީ ބަލަމުންނެވެ.

މައްސަލަ ބަލަމުން އަންނަނިކޮށް، މިއަދު ފަޒުލް ވަނީ ތަހުގީގަށް ފުރުސަތު ދޭންކަމަށް ބުނެ އިސްތިއުފާ ދެއްވާފައެވެ.