މިދިޔަ އަހަރު ފުވައްމުލަކުގައި ބިދޭސީއަކު މަރާލި މައްސަލައިގައި ބަންގުލަދޭޝްގެ ތިން މީހެއްގެ މައްޗަށް ދައުވާކޮށްފި އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި ދައުވާ އިއްވަވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ މިދިޔަ އަހަރުގެ ޖޫން މަހުގެ 28 ވަނަ ދުވަހު ބަންގުލަދޭޝްގެ ސަލާމް އާއި ޝަރީފާ ދެ މީހުން ވެގެން ބަންގުލަދޭޝްގެ ޝަރީފުލް ކިޔާ މީހަކަށް އަނިޔާކޮށް މަރާލާފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށާއި އެ ދެ މީހުންގެ މައްޗަށް ކުރާ ދައުވާއަކީ ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ ކަމަށެވެ.

ވަކީލު ވިދާޅުވީ އެ މީހާ މަރުވެފައި އޮތްތޯ ބެލުމަށް ބަންގްލާދޭޝްގެ އަލާލް، އޭނާގެ ގައިގައި އަތްލައި އޭނާގެ ކޮނޑަށް ލައިގެން މަރުވި މީހާ ގެންގޮސް އެމީހާ އެއްލާލުމުގައި ބައިވެރިވި ކަމަށާއި އޭނާގެ މައްޗަށް ކުރާ ދައުވާ އަކީ ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ ކަމަށެވެ.

ދައުވާ އިއްވުމުން ދައުވާ އަށް އިންކާރު ކުރުމަށް ފަހު ތަރުޖަމާނެއްގެ އެހީގައި އެ ތިން މީހުން ވެސް ބުނީ ޝަރީފުލް މަރާލިކަން އެމީހުންނަށް އެނގުނީ ހެނދުނު ހޭލުމުން ކަމަށާއި ތިން މީހުން ވެސް ދިރިއުޅެނީ އެކި ގޭގައި ކަމަށެވެ.

ވަކީލަކު އައްޔަން ކުރަން ބޭނުންތޯ ގާޒީ އެއްސެވުމުން އެމީހުން ބުނީ އެވަރުގެ މާލީ ތަނަވަސްކަމެއް އެ މީހުންގެ ކިބައިގައި ނެތް ކަމަށާއި ހައިކޮމިޝަން މެދުވެރިކޮށް ވަކީލަކު ހަމަޖެއްސަން ބޭނުންވާ ކަމަށެވެ.

އެމީހުން އެހެން ބުނުމުން ގާޒީ ވިދާޅުވީ ދިވެހި ސަރުކާރު މެދުވެރިކޮށް ވަކީލަކު ހަމަޖެއްސޭނެ ކަމަށެވެ. ނަމަވެސް އެމީހުން ބުނީ ސަރުކާރުން ހަމަޖައްސާ ވަކީލަކު ބޭނުން ނުވާ ކަމަށެވެ.

އެމީހުން ދައުވާ އަށް އިންކާރު ކުރުމުން ދައުލަތުން ވަނީ ދައުވާ ސާބިތުކުރުމަށް ޓަކައި ހެކި ހުށަހަޅާފަ އެވެ.

ހެކީންގެ ގޮތުގައި ހުށަހެޅި މީހުންގެ ތެރޭގައި ބައެއް ބިދޭސީންނާއި ދިވެހީން ވެސް ހިމެނެ އެވެ. މީގެ އިތުރުން މަރުވި މީހާގެ ކަރުގައި އައްސާފައި އޮތް ވާގަނޑުން އަލާމްގެ ޑީއެންއޭ ފެނިފަިވާތީ އަލާލުގެ ޑީއެންއޭ ރިޕޯޓު ވެސް ވަނީ ހުށަހަޅާފަ އެވެ.

އެ މީހުން ދައުވާ އަށް އިންކާރު ކުރި ނަމަވެސް ފުލުސް އޮފީހަށް އެމީހުން ދިން ބަޔާނުގައި ވަނީ އޭނާ މަރާލި ކަމަށް އިއުތިރާފުވެފަ އެވެ.

ފުލުހުންނަށް އެމީހުން ދިން ބަޔާނާ ބެހޭ ގޮތުން އެމީހުންނާ ސުވާލުކުރުމުން ތިން މީހުން ވެސް ބުނީ ޕޮލިސް ސްޓޭޝަން ތެރެއަށް އެ މީހުން ވެެއްދުމަށް ފަހު ބިރުދައްކައި އަނިޔާ ކުރުމަށް ފަހު ލިޔެފައިވާ ގަނޑެއްގައި އެ މީހުން ލައްވައި ސޮއިކުރީ ކަމަށެވެ.