09 Jul 2012, 15:55
އަހަރު ދުވަހުގެ ތެރޭގައި އެމްޓީސީސީއަށް 35 މިލިއަން ރުފިޔާގެ ގެއްލުމެއްވި މައްސަލައިގެ ޒިންމާ ފިނޭންސް މިނިސްޓްރީން ނަގަން ނުޖެހޭނެ ކަމަށާއި އެ ކުންފުންޏަށް ލިބެންޖެހޭ ފައިސާ ހޯދައި ދިނުމަކީ އެ މިނިސްޓްރީގެ ޒިންމާއެއް ނޫންކަމަށް ފިނޭންސުން ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް އަންގައިފި އެވެ.
މާލިއްޔަތު ކޮމެޓީން އެމްޓީސީގެ މައްސަލަތައް ބަލަން ފެށީ އެ ކުންފުންޏަށް ބޮޑެތި ގެއްލުންތަކަކާއި ކުރިމަތިލާން ޖެހުމާއި އެކު އެކަން ކޮމެޓީގެ ސަމާލުކަމަށް އައިސްގެންނެވެ. މާލިއްޔަތު ކޮމެޓީގެ ތަހުގީގުތަކުން ހާމަވެފައިވާ ގޮތުގައި އަހަރު ދުވަހުގެތެރޭ ގައި އެ ކުންފުންޏަށް 35 މިލިއަން ރުފިޔާގެ ގެއްލުމެއް ވެފައިވަނީ ގއ. އަތޮޅުގައި ކުރިއަށް ގެންދިޔަ ހައުސިން ޕްރޮޖެކްޓްގެ މަސައްކަތް އެހެން ކުންފުންޏަކާއި ހަވާލުކޮށްފައި ވަނިކޮށް ފިނޭންސްގެ އެންގުމަށް އެމްޓީސީސީން އެ ޕްރޮޖެކްޓްގެ ބައެއް މަސައްކަތްތައް ކޮށް އެ މަސައްކަތްތަކަށްވާ ފައިސާ ނުލިބިގެނެވެ.
މާލިއްޔަތު ކޮމެޓީން ނިންމާފައިވަނީ އެ މައްސަލައިގައި ޝާމިލްވާ ފަރާތްތައް ގެނެސް ޕަބްލިކް އިންކްއަރީއެއް ހިންގުމަށެވެ. ނަމަވެސް އެކަން އޮންނާނެ ދުވަހެއް އަދި ގެންނާނެ މީހުނެއް ވެސް ފައިނަލެއް ނުކުރެ އެވެ.
މާލިއްޔަތު ކޮމެޓީއަށް ފިނޭންސުން ފޮނުވި ޖަވާބުތައް މެންބަރުންނަށް ބްރީފްކޮށް ދެއްވަމުން މުގައްރިރު، ދިއްގަރު ދާއިރާގެ މެންބަރު ނާޒިމް ވިދާޅުވީ އެމްޓީސީއަށްވި ގެއްލުމުގެ މައްސަލައިގައި ކުންފުންޏަށް ލިބެންޖެހޭ ފައިސާއަކީ އެ މިނިސްޓްރީން ޒިންމާވާންޖެހޭ ފައިސާ ނޫން ކަމަށް ބުނެފައިވާ ކަމަށާއި އެ ކުންފުންޏަށް އެލްސީތައް ހުޅުވައިދީފައި ވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ރާއްޖެއަށް ދިން ސްޓޭންޑްބައި ކްރިޑިޓް ފެސިލިޓީގެ ތެރެއިން ކަމަށެވެ. އަދި އެ ފައިސާއަށް ފިނޭންސް މިނިސްޓްރީން ޒިންމާވާނެ ކަމަށް އެއްބަސްވެފައި ނެތް ކަމަށްވެސް މިނިސްޓްރީއާ ހަވާލާ ދެއްވައި ނާޒިމް ވިދާޅުވި އެވެ.
"އެހެންކަމުން މި މައްސަލައިގައި އަޅުގަނޑު ސާފުކުރަން އެދޭނަން މިއީ ބޯޑުން ކޮންއިރަކު ނިންމައިގެން ކޮށްފައި އޮތް ކާކު ޒިންމާވާ ގޮތަށް ކުރިކަމެއްތޯ؟" ނާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެސްބީއައިގައި ހުޅުވާފައި ހުރި އެލްސީތަކަށް ޓްރާންސްފާކޮށްފައި ހުރި ފައިސާ އެ ޕްރޮޖެކްޓް ހިންގާ ފިލިޕީންސްގެ، ޕާފޯމެންސް ބިލްޑާޒްއިން މިހާރު ނަގާފައިވާ ކަމަށާއި މައްސަލައަކީ އެ ކުންފުނިން އެމްޓީސީއަށް އެ ފައިސާ ދައްކާފައި ނުވުން ކަމަށެވެ. ނާޒިމް ވިދާޅުވީ ސައުދީ ފަންޑުގެ 220 މިލިއަން ރުފިޔާގެ އެ ހީގައި ހިންގާ އެ ޕްރޮޖެކްޓްގައި ބާކީ ހުރީ 39 މިލިއަން ރުފިޔާ ކަމަށެވެ.
"މި ފައިސާއިން އަޅުގަނޑުމެން ބަލަން އެބަޖެހޭ އެމްޓީސީސީއަށް ލިބެންޖެހޭ ފައިސާ ހޯދައިދެވޭނެ ގޮތެއް،" ނާޒިމް ވިދާޅުވި އެވެ.
ހައުސިން އެ ޕްރޮޖެކްޓްގެ ގާތްގަނޑަކަށް 63 ޕަސެންޓް ނިމިފައިވާ ކަމަށް މާލިއްޔަތު ކޮމެޓީން އާންމު ކުރި މައުލޫމާތުތަކުން ހާމަވެ އެވެ. އެހެން ކަމުން ބައެއް މެންބަރުން ވިދާޅުވީ މިހާރު ބާކީ ހުރި ފައިސާއިން އެމްޓީސީސީއަށް ފައިސާ ދެއްކުމަށް ފަހު އެ ޕްރޮޖެކްޓް ނިންމި ދާނެތޯ ކޮމެޓީން ސާފުކުރަން ޖެހޭ ކަމަށެވެ.
"ބަލަން އެބަޖެހޭ އެ ޕްރޮޖެކްޓަށް ބޭނުންވާ އެއްޗިހި އެބަ ހުރިތޯ އެތަނުގައި އެހެން ވެއްޖިއްޔާ އަޅުގަނޑަށް ހީވަނީ މުޅި ޕްރޮޖެކްޓް ނިންމާލެވޭނެ އެމްޓީސީއަށް ފައިސާ ދެއްކުމަށްފަހު ވެސް،" ނޮޅިވަރަމް ދާއިރާހެ މެންބަރު މުހަންމަދު ނަޝީދު (ކާނަލް) ވިދާޅުވި އެވެ.
އެމްޓީސީސީން ވަނީ އެ ޕްރޮޖެކްޓަށް ބޭނުންވާ ހުރިހާ ސާމާނެއް ސ. ހިތަދޫ ބަދަރުން ގއ. އަށް ގެންދިޔުމުގެ ހުރިހާ މަސައްކަތެއް ކޮށްފައި ކަމަށް ހޯދުނު ހޯދުންތަކުން ދައްކަ އެވެ. ނާޒިމް ވަނީ އެކަމާ ގުޅުވައި އެހެން މައްސަލައެއް ވެސް ފެންމަތި ކުރައްވައިފަ އެވެ. ނާޒިމް ވިދާޅުވީ 2010 ވަނަ އަހަރު މުދާ ބާލައި އެރުވުމުގެ ގަވާއިދަށް ގެނައި ބަދަލާއި ގުޅިގެން ހިތަދޫ ބަދަރަށް ނޫނީ އެ މުދާ ނުބޭލޭ ގޮތް ވުމުން ސަރުކާރަށް 9.5 މިލިއަން ރުފިޔާގެ ގެއްލުން ވެފައިވާ ކަމަށެވެ. އަދި ރައްޔިތުންނަށް ފައިދާ ކުރަން ގެނައި ބަދަލަކުން ރައްޔިތުންނަށް މިވީ ފައިދާތޯ ބަލަން ޖެހޭ ކަމަށްވެސް ނާޒިމް ވިދާޅުވި އެވެ.
"އިތުރަށް މި ހުރި ކަންތައްތައް ސާފުކުރަން އަޅުގަނޑު އެމްޓީސީސީގައި ދަންނަވާނަން،" ނާޒިމް ވިދާޅުވި އެވެ.