09 Jul 2012, 15:12
ރާއްޖޭގެ އަދުލު އިންސާފު ގާއިމް ކުރުމުގެ ނިޒާމު މިހާރު އޮތީ 2008 ވަނަ އަހަރު، އާ ގާނޫނު އަސާސީއަށް އަމަލުކުރަން ފެށުމުގެ ކުރިން އޮތް ގޮތަށް ބަދަލުވެފައި ކަމަށް އެމްޑީޕީގެ މެމްބަރު އަދި އެޕާޓީގެ ކުރީގެ ރައީސް އިބުރާހިމް އިސްމާއީލް ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ މެމްބަރު އަދި ޖުޑީޝަލް ސާވިސް ކޮމިޝަންގެ ރައީސުލް ޖުމްހޫރިއްޔާގެ މެމްބަރުކަން ކުރިން ކުރައްވާފާއިވާ އައިޝަތު ވެލަޒިނީއާއި އިބްރާހިމް އިސްމާއިލް (އިބުރާ) މިއަދު އެމްޑީޕީގެ އޮފީހުގައި ބޭއްވި ނޫސްކޮންފަރެންސެއްގައި އިބުރާ ވިދާޅުވީ ރާއްޖޭގެ އަދުލު އިންސާފުގެ ނިޒާމު 2008 ގެ ފަހުން އައީ މަޑުމަޑުން ރަނގަޅުވަމުން ކަމަށާއި އެހެން ނަމަވެސް ވެރިކަން ބަދަލުވުމުން އެކަން ވެސް ވަނީ ބަދަލުވެފަ އެވެ.
"އެންމެ ކަންބޮޑުވާން ޖެހޭ ކަމަކީ އެއް ސަބަަބަކީ 2008 ވަނަ އަހަރު ގާނޫނު އަސާސީ އަލުން އެކުލަވާލައި ދެން އޭގެ ފަހުން އެއައި ބަދަލާ ގުޅިގެން އަދުލު އިންސާފުގެ ނިޒާމު ވެސް އައީ މަޑުމަޑުން ރަނގަޅުވަމުން، އެންމެ އެދެވޭ ވަރަށް ނޫން ކަމަށް ވިޔަސް، ނަމަވެސް ހަތެއް ފެބްރުއަރީގައި ސަރުކާރަށް މިއައި ބަދަލާ އެކުގައިހެން އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ އޭގެ ކުރިން އޮތް ދިމާލަށް 2004 ހިސާބުގައި އޮތް ދިމާލަށް އަދުލު އިންސާފުގެ ނިޒާމު އެނބުރިގެން ދިޔަތަން،" އިބުރާ ވިދާޅުވި އެވެ.
އިބުރާ ވިދާޅުވީ އަދުލު އިންސާފުގެ ނިޒާމު ހާއްސަކޮށް، ޖިނާއީ އަދުލުގެ ނިޒާމު މުޅިން ގަޑުބަޑުވެފައިވާ ކަމަށާއި އެހެންވެ، މިހާރު ރައްޔިތުންގެ އިންސާނީ ހައްގުތައް ހޯދުމަށް ދަތިވާ ހިސާބަށް ކަންތައް ގޮސްފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ރައްޔިތުން ތިބީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިބުރާ ވިދާޅުވީ ޝަރުއީ ނިޒާމު ރަނގަޅު ކުރެވޭނީ ރައްޔިތުންގެ މަޖިލީހުން ކަމަށާއި އެ މަޖިލީހުން އެމަސައްކަތް ކުރާ އިރު ރައްޔިތުން އެމަޖިލީހުގެ ކައިރިއަށް ދާން ޖެހޭ ކަމަށެވެ. މިހާރު އޮތް ރައްޔިތުންގެ މަޖިލީހުން އެކަން އެގޮތަށް ކޮށްފާނެ ކަމަށް އުއްމީދުކުރައްވަންތޯ ދެންނެވުމުން ވިދާޅުވީ ކޮމިޝަން އޮފް ނެޝަނަލް އިންކްއަރީގެ މަސައްކަތް ނިމޭ އިރު ރައްޔިތުންގެ މަޖިލީހަށް ބަދަލު އަންނާނެ ކަމަށް ގަބޫލުކުރައްވާ ކަމަަށެވެ.
"އަޅުގަނޑަށް ވިސްނޭ ގޮތުގައި ހަތެއް ފެބްރުއަރީގައި ސަރުކާރު ބަދަލުވި ގޮތް ތަހުގީގު ކުރައްވަމުން ގެންދަވާ ކޮމިޝަންގެ ތަހުގީގު ނިމޭއިރު ރައްޔިތުންގެ މަޖިލީހުގެ ވަރަށް ގިނަ ބެމްބަރުން ޝާމިލުވާނެ ކަމަށް ފެންނަނީ، ރައްޔިތުންގެ މަޖިލީހުގެ ވަރަށް ގިނަ ގޮނޑި ހުސްވާނެ ކަމަށް ފެންނަނީ،" އިބުރާ ވިދާޅުވިއެވެ.