ޝީޝާގެ ތިން ބެއިންގެ ނަމުގައި ސްޓޭޓް ބޭންކް (އެސްބީއައި)ގައި ހުޅުވާފައި ހުރި އެކައުންޓުން 18 މިލިއަން ރުފިޔާ ވަގަށް ނެގި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައި ތިބި ހަތަރު މީހުންގެ ތެރެއިން ދެ މީހަކު ގޭ ބަންދަށް ބަދަލު ކޮށްފި އެވެ.

ފުލުހުން ބުނީ ޝީޝާ މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ތެރެއިން ހުކުރު ދުވަހު ގޭބަންދަށް ބަދަލު ކުރީ ބ. ތުޅާދޫ، މާފަރިވާގޭ، އިބްރާހިމް ޝާހިދު 42، ކަމަށެވެ. އަދި އޭގެ ކުރިން ށ. ޅައިމަގު، ޖަމްސަރީރުގޭ، މުހައްމަދު މުސްޠަޢުމިދު 32، ހުރީ ގޭބަންދަށް ބަދަލުކޮށްފައި ކަމަށް ފުލުހުން ބުނެ އެވެ.

ވަގު ޑޮކިއުމަންޓްތަކެއް ބޭނުންކޮށްގެން ދެ ފަހަރެއްގެ މަތިން 18 މިލިއަން ރުފިޔާ ނެގި މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކޮށްފައި ވަނީ، ޝީޝާގެ ތިން ބެއިންގެ އެކައުންޓުން ފައިސާ ޓްރާންސްފާ ކުރި ބޭންކް އޮފް މޯލްޑިވްސްގެ އެކައުންޓްގެ ވެރިފަރާތް ކަމަށްވާ އިބްރާހިމް ޝާހިދާއި ދަފްތަރު ނަންބަރު 1307 މުހައްމަދު ރަޝީދު އަބްދުލް ބާޤިރު 51، އާއި މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރި މުހައްމަދު މުސްޠަޢުމިދާއި، ށ. ޅައިމަގު، ގޯލްޑް ސްޓާރު މުޙައްމަދު މުސްތޮފާ 35، އެވެ.

އެ މައްސަލައިގައި ހައްޔަރު ކޮށްފައި ހުރި ބާގިރަކީ ވިޔަފާރީގެ ބޭނުމަށް މަސްތުވާތަކެތި އަތުގައި ބެހެއްޓުމުގެ ކުށުގައި މީގެ ދެ މަސް ކުރިން އުމުރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައި ހުރި މީހެކެވެ. އަދި ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާއެއްޗެއް ވިޔަފާރި ކުރުމަށް އަތުގައި ބެހެއްޓުމުގެ ކުށް ވެސް އޭނާގެ މައްޗަށް ސާބިތުވެ 10 އަހަރަށް ޖަލަށް ލުމަށް ވަނީ ހުކުމްކޮށްފަ އެވެ.

އެ ހަތަރު މީހުންގެ މައްޗަށް ދައުވާ ކުރުމަށް މިދިޔަ ޖޫން މަހު ޕީޖީއަށް ފޮނުވާއިފައިވާ އިރު، އެމީހުންގެ އިތުރުން ވެސް މި މައްސަލައިގައި ނުސީދާ ގޮތެއްގައި ބައިވެރިވި ކަމަށް ބެލެވޭ އިތުރު ހަތަރު މީހެއްގެ މައްޗަށް ދައުވާ ކުރުމާ މެދު ގޮތެއް ނިންމަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ޕީޖީ އޮފީހުން ބުނީ އެ މައްސަލަ ދިރާސާ ކުރުމުން އަންނަ ކަމަށެވެ.