ޤައުމީ ވޮލީބޯޅަ ލީގުގެ ފުރަތަމަ ބުރުގައި ކުލަބް ޕީކޭއާ ދެކޮޅަށް ރޭ ކުޅުނު މެޗް އެސްޓީއޯ އިން ކާމިޔާބުކޮށްފި އެވެ.

ޒުވާނުންގެ މަރުކަޒުގެ ވޮލީ ކޯޓުގައި ރޭ ކުޅުނު މިމެޗް އެސްޓީއޯ އިން ކާމިޔާބު ކުރީ ސީދާ ތިން ސެޓުންނެވެ.

މެޗުގެ ސެޓްތައް އެސްޓީއޯ އިން ގެންގޮސްފައިވާ ގޮތަށް ބަލާ އިރު، މެޗުގެ ފުރަތަމަ ސެޓް އެސްޓީއޯ އިން ކާމިޔާބު ކުރީ 25-16 އިނެވެ. ދެ ވަނަ ސެޓް އެސްޓީއޯ އިން ކާމިޔާބު ކުރީ 25-18 އިންނެވެ. އަދި ފަހު ސެޓް އެސްޓީއޯ އިން ކާމިޔާބު ކުރީ 25-22 އިންނެވެ.

މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެސްޓީއޯގެ އިޝާން މުހައްމަދު (ބަޓިސް) އެވެ.

އިއްޔެގެ މޮޅާ އެކު އެސްޓީއޯ ވަނީ މިހާތަނަށް ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ ވަނަ އަށް އަރައިފަ އެވެ. ދެ ވަނައިގައި ދިވެހި ސިފައިންގެ ކްލަބް އޮތްއިރު ތިން ވަނަ ލިބެނީ ޕޮލިސް ކްލަބަށެވެ. ލީގުގައި ދެން ވާދަކުރަނީ ސްޕޯޓްސް ކްލަބް ގުޑީސް އަދި ސްޕޯޓްސް ކްލަބް ސިޓީ އެވެ.

މި އަހަރުގެ ގައުމީ ވޮލީބޯޅަ ލީގުގެ ފުރަތަމަ ބުރު މި މަހުގެ 10 ވަނަ ދުވަހާ ހަމައަށް ކުރިއަށް ދާނެ އެވެ. މުބާރާތުގެ ދެވަނަ ބުރު ކުޅޭނީ އޮކްޓޯބަރު މަހު އެވެ.

މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަނުންނަކީ ޕޮލިސް ކްލަބެވެ.