Last Updated: 1 decade 3 year ago
އެ ޕާޓީގެ މެންބަރުން މުޒާހަރާ ކުރަމުން ދަނީ އޯކިޑްމަގުގައި ހުންނަ ރީފްސައިޑް ސަރަހައްދުގަ އެވެ. އެ ތަނުގައި ކޮންމެވެސް ވަރަކަށް ފުލުހުންނާއި އާންމުންނާއި ދެމެދު އަންނަނީ ހަމަނުޖެހުން ހިނގަމުންނެވެ. އެތަނުން ބައެއް މީހުން ވަނީ ހައްޔަރުވެސް ކޮށްފަ އެވެ.
އެ ދުވަހު "އިންތިހާބު އަވަސްކުރޭ،" ގޮަވަމުން އެމްޑީޕީން ފެށި އެމުޒާހަރާ އަދި ނިމާލިކަން އަދި އެމްޑީޕީއަކުން އިއުލާންކޮށްފައެއް ނުވެ އެވެ.
މުޒާހަރާ ރޭ ވެސް ކުރިއަށް ގެންދިޔައީ އެމްއެމްއޭ ސަރަހައްދާއި ޗާންދަނީމަގާއި އޯކިޑްމަގު ގުޅުނު ހިސާބު ރީފް ސައިޑް ކުރިމަތީގަ އެވެ. އެ ދެ ތަނުގައި ވެސް އަމަން ބެލެހެއްޓުމަށް ހަރަކާތްތެރިވަމުން ދިޔައީ ނިސްބަތުން މަދު ފުލުހުންތަކެކެވެ.
ނަމަވެސް ރޭ ފެނުނު އެންމެ ހައިރާންކުރުވަނިވި އެއް ކަމަކީ މުޒާހަރާގައި ބައިވެރިވެވަޑަގެންނެވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މުޒާހަރާ ތެރެއަށް ވަޑަގެންނެވުމުން ހިނގާ ދިޔަ ހާދިސާތަކެވެ. އެގޮތުން ރައީސް ނަޝީދު ވަޑައިގެން ޗާނދަނީ މަގުގެ ސްވެނިއަ ޝޮޕްތައް ކައިރީ ތިބި އެމްޑީޕީގެ ސަޕޯޓަރުންގެ ތެރެއަށް ވެދެވަޑައިގެންނެވިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި އިތުރު ފުލުހުން އެސަރަހައްދަށް އައެވެ. އަދި އެއްވެސް އިންޒާރެއް ނުދީ، ފުލުހުންގެ އެ ފައުޖުން މުޒާހަރާގެ ބައިވެރިންނާ ކުރިމަތިލައި، ބައެއް މީހުން ހައްޔަރުކުރަން މަސައްކަތް ކުރަން ފެށުމުން ދެން ފެނުނީ ދެފަރާތުގެ ދެމެދުގައި ވަރުގަދަ ހަމަނުޖެހުން ހިނގިތަނެވެ.
އިއްޔެގެ ދުވާލުގެ ވަގުތުތަކުގައި ބައެއް ނޫސްވެރިންނަށް ހުރަސް އެޅި ނަމަވެސް ރޭ، އެފަދަ ކަމެއް ކުރިމަތި ނުވާތީ، ތަޅާފޮޅުމުގެ މެދަށް އަޅުގަނޑަށް ވަދެވުނެވެ. ބައެއް އާންމުން ބިންމައްޗަށް ވެއްޓިފައި ތިބިތަން ފެނުނު އިރު ބައެއް ފުލުހުން ވެސް ވެއްޓުނުތަން ފެނުނެވެ. ބޮޑަށް އަނިޔާވީ ކޮން ބަޔަކަށް ކަން އޭރު ނޭނގުނު ނަމަވެސް، ފަހުން އެނގުނީ ދެ ފަރާތަށް ވެސް ބޮޑެތި އަނިޔާތައްވީ ކަމެވެ.
މެންދަމުން އަލިވެ، ތިނެއް ވެސް ޖެހި ފަހުން ހޮސްޕިޓަލަށް ދިޔަ އިރު އެތަނުގައި އާއްމުންގެ ތެރެއިން ހާލު ދެރަ އެެކަކު އޮތެވެ. އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ އިމަޖެންސީ ރޫމްގައި އޮތް އެމީހާއާ ބެހޭ ގޮތުން ޑޮކްޓަރެއްގެ ބަހެއް ލިބޭ ގޮތް އެވަގުތު ނުވި ނަމަވެސް އޭނާގެ އާއިލާ އިން ބުނީ އޭނާ އަށް ބޮޑެތި އަނިޔާތައް ލިބިފައިވާ ކަމަށެވެ. އަދި ފުލުހެއްގެ މޫނު މައްޗަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާތީ އިތުރަށް ފަރުވާ ދޭން، ރާއްޖޭން ބޭރަށް ގެންދަން ޖެހޭ ކަމަށް ފުލުހުން ވެސް އޭރު ބުނެފަ އެވެ. ފުލުހުން ބުނީ އޭނާ އަށް އަނިޔާވީ މުޒާހަރާ ކުރި މީހުން އެއްލި ގަލަކުން އޭނާގެ މޫނުމަތީގައި ޖެހިގެން ކަމަށެވެ.
ސީދާ ހަރަކާތް ނިންމާލިކަން އެމްޑީޕީން އިއުލާންކޮށްފައި ނުވާ އިރު ދެ ފަރާތުން ވެސް ބައެއް މީހުން ވަނީ ސީދާ ހޮސްޕިޓަލަށް ގެންދަން ޖެހިފަ އެވެ.