ރާމަﷲ (ޖުލައި 9): ނިއުކްލިޔާ ރޭޑިޔޯ އެކްޓިވް މައްދާއެއް ކަމަށްވާ ޕޮލޯނިޔަމްގެ ވިހައިގެ ސަބަބުން އަވަހާރަވެފައިވާ ކަމަށް ބެލެވިފައިވާ ފަލަސްތީނުގެ ކުރީގެ ޒަޢީމް ޔާސިރު ޢަރަފާތުގެ ކައްވަޅުކޮނެ އެތަނުން ސާމްޕަލް ނެގުމުގެ ހުއްދަ ފަލަސްތީނުގެ ރައީސް މަޙްމޫދު ޢައްބާސް ދެއްވައިފި ކަމަށް ޚަބަރުލިބިއްޖެ އެވެ.

ފަލަސްތީނުގެ އިސް މަސްއޫލުވެރިއެއް ކަމަށްވާ ޑރ. ސާއިބު ޢުރައިޤާތު ދާދިދެންމެ އަކު ދެއްވި ބަޔާނެއްގައި ވިދާޅުވީ ޢަރަފާތުގެ ހަށިކޮޅު ވަޅުލެވިފައިވާ ފަސްގަނޑުގައާއި އޭނާގެ ކަށީގައި ޕޮލޯނިޔަމްގެ އަސަރު ހުރިތޯ ބެލުމަށް ޓަކައި ސާމްޕަލްތައް ނެގުމުގެ މަސައްކަތް، (ޢަރަފާތުގެ ހެދުންކޮޅުތަކާއި އެނޫން ޕާސަލަން ތަކެތި ޓެސްޓްކުރި ސްވިޓްޒަރލޭންޑްގެ ލެބޯޓްރީގެ ތަޖްރިބާކާރުންނާ ގުޅިގެން) ކުރިޔަށް ގެންދިޔުމަށް ޢައްބާސް ވަނީ އޭނާގެ މެޑިކަލް އެޑްވައިޒަރުންނަށް އަންގަވާފަ އެވެ.

ޢައްބާސްގެ މިއެންގެވުމާ ގުޅިގެން މި މަސައްކަތް ކުރިޔަށް ގެންދިޔުމަށް ޓަކައި ޢަރަފާތު ފަސްދާނުލެވިފައިވާ ފަލަސްތީނުގެ ރާމަﷲ އަށް ވަޑައިގަތުމުގެ ދަޢްވަތު ސްވިޓްޒަރލޭންޑްގެ ލެބޯޓްރީގެ ތަޖްރިބާކާރުންނަށް މިހާރު ދެވިފައިވާ ކަމަށާއި އެބޭފުޅުން ވަރަށް އަވަހަށް ރާމަﷲ އަށް ވަޑައިގަންނަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ޢުރައިޤާތު ވިދާޅުވި އެވެ.

ޢަރަފާތު އަވަހާރަވީ ނިއުކްލިޔަރ ވިހައިގެ ސަބަބުން ކަން ހާމަވީ ޢަރަފާތު ބޭނުން ކުރެއްވި ތަކެއްޗާއި އޭނާގެ ހެދުންކޮޅުތަކާ ގެންގުޅުއްވި ޕާސަނަލްތަކެތި ސްވިސްޓްޒަރލޭންޑްގެ ޚާއްސަ ލެބޯޓްރީއެއްގައި ޓެސްޓްކުރުމުން ނިއުކްލިޔަރ ރޭޑިއޯ އެކްޓިވް މާއްދާއެއް ކަމަށްވާ ޕޮލޯނިޔަމްގެ އަސަރު އެތަކެތީގައި ވަރަށް ބޮޑަށް ހުރިކަން ދާދިފަހުން ސާބިތުވުމުންނެވެ.
މިތަހްޤީޤް ކުރީ އަލްޖަޒީރާ އިންނެވެ. މި ޓެސްޓްތަކަށް ފަހު ފަލަސްތީނުގެ ލީޑަރުންނާއި ޖިނާއީޢިލްމުގެތަޖްރިބާކާރުން ވަނީ ޢަރަފާތަށް ވިހަލާފައި ވަނީ އެމެރިކާ އާއި އިސްރާއީލު ގުޅިގެން ރޭވި ރޭވުމެއްގެ ދަށުން ކަމަށް ތުހުމަތު ކުރައްވައި މި މައްސަލަ ބައިނަލްއަޤްވާމީ ގޮތުން ތަޙްޤީޤް ކުރުމަށް ގޮވާލައްވާފަ އެވެ. (އަލްޖަޒީރާ)