ރައްޔިތުންގެ މަޖިޅީހުގައި އަޑުގަދަކޮށް ހަޅޭއްލެވުމަށް ވުރެ މަޖިލިސް އުވާލުން ވެސް މާ ރަނގަޅުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމު މުހައްމަދު ވިދާޅުވެއްޖެ އެވެ.

މެންބަރުންގެ ޒުވާބާއި ހަޅޭކުގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަށް ނުގެންދެވިގެން ތިން ފަހަރެއްގެ މަތިން ފަސްކޮށް 1:00ގައި ޖަލްސާ ފެއްޓުމުން ވެސް އެމްޑީޕީ އަށް ނިސްބަތްވެ ވަޑައިގަންނަވާ މެންބަރުން "ހަޅޭއްލަވައި" ހުތުރު ބަހުން ވާހަކަ ދައްކަވައި ޖަލްސާ ކުރިއަށް ގެންދިއުމަށް ދަތިވުމުން، ނިޒާމީ މައްސަލައެއް ނަންގަވައި ވާހަކަ ދައްކަވަމުން ސިޔާމު ވިދާޅުވީ، ޖަލްސާގައި މެންބަރުން ހަރަކަތްތެރިވަމުންދާ ގޮތުގެ ސަބަބުން ޖަލްސާ ބަލަމުންދާ ފަރާތްތަކުގެ އަހްލާމީ މިންގަނޑު އެއް ދުވަހުން އަނެއް ދުވަހަށް ހަލާކުވަމުންދާ ކަމަށެވެ. އަދި މަޖިލީހުގައި މިހާރަށް ވުރެ ރަނގަޅު މިސާލެއް މެންބަރުންނަށް ދެއްކެވިދާނެ ކަމަށާއި ބޮޑެތި މުސާރަ ނަންގަވައިގެން ޕާޓީތަކުގެ ނަމުގައި މެންބަރުން މަޖިލީހުގައި ވާހަކަ ދައްކަވާ އިރު މަޖިލީހަށް މެންބަރުން އިންތިހާބު ކޮށްފައި ވަނީ ޕާޓީތަކުން ނޫން ކަމަށް ސިޔާމު ވިދާޅުވި އެވެ.

"މުޅި މަޖިލިސް ހެނދުނުއްސުރެ ނިޒާމީ ގޮތުން ގެއްލިފައި މިއޮތީ. މަޖިލީހަށް ވަޑައިގަންނަވަނީކީ ރައްޔިތުންނަށް މަސައްކަތްކޮށްދޭކަށެއް ނޫން. އެއަށް ވުރެ މާ ރަނގަޅު މި މަޖިލިސް އުވައިލިއްޔާ. މިއީ ގައުމުގެ ރައްޔިތުންގެ މަޖިލިސްތޯ؟ އަޅުގަނޑުމެން އިސްލާހުވާންވީ އިނގޭތޯ. ރައްޔިތުންގެ ތެރެއިން އަޑުއަހަން ތިބި ކުޑަކުދިންނާއި ބޮޑެތި މީހުންގެ އަހްލާގީ މިންގަނޑުތައް އެދަނީ އެއް ދުވަހުން އަނެއް ދުވަހަށް ހަލާކުވަމުން. މި މަޖިލީހުގައި މިއަށް ވުރެ ރަނގަޅު މިސާލެއް ދައްކަންވީ ނޫންތޯ. ބޮޑެތި މުސާރަތަކާއި އެއްޗެހި ނަގައިގެން. ކާކުތޯ މިތަނަށް ޕާޓީއެއްގެ ނަމުގައި މީހަކު އިންތިހާބު ކުރީ. ރައްޔިތުން އިނގޭތޯ އިންތިހާބު ކުރީ،" ސިޔާމު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ތިން ފަހަރެއްގެ މަތިން ކުރިއަށް ގެންދަން މަސައްކަތް ކުރި ނަމަވެސް މެންބަރުންގެ ކޯޅުން ބޮޑުވެގެން ޖަލްސާ ވަނީ ކުރިއަށް ގެންދެވޭ ގޮތް ނުވެފަ އެވެ.