ރައްޔިތުންގެ މަޖިލިހުގެ ތަޅަމުގައި ނަގައި ނިމިފައިވާ ވޯޓެއް ދެ ވަނަ ފަހަރަށް އަލުން ނެގުމަށް ޑީއާރްޕީން ތާއީދު ނުކުރާނެ ކަމަށް އެ ޕާޓިން ބުނެފި އެވެ.

ޑީއާރްޕީގެ ޕާލިމެންޓް ގްރޫޕްގެ ނައިބު ރައީސް އަބުދުﷲ މައުސޫމު މަޖިލިސް ކުރިމަތީގައި މިއަދު ބޭއްވި ޕްރެސްކޮންފަރެއްސެއްގައި ވިދާޅުވީ މީޑިއާ ކައުންސިލު އުވާލަން މާލިއްޔަތު ކޮމިޓީން ފާސްކޮށް ހުށައެޅި ރިޕޯޓަށް ބުދަ ދުވަހު ވޯޓަށް އަހައި ނިމުނު ފަހުން ވޯޓްގެ ނަތީޖާ ރިޔާސަތުން އިއުލާނު ނުކޮށް މަޖިލިސް މެދުކަނޑާލުމަށް ފަހު މިއަދު އަލުން ވޯޓަށް އެހުމަށް ޑީއާރުޕީން ތާއިދު ނުކުރާ ކަމަށެވެ.

އޭނާ ވިދާޅުވީ ކުރިން ވޯޓަށް އަހާފައިވާ މައްސަލައެއް ރިޔާސަތުން އެޖެންޑާކުރަން ނިންމެވި އިރު ޕާޓީތަކާ މަޝްވަރާކޮށްފައި ނުވާ ކަމަށާއި އެފަދަ ގޮތަކަށް ޕާޓީތަކާ މަޝްވަރާކުރުމެއް ނެތި މީޑިއާ ކައުންސިލްގެ މައްސަލާގައި މިއަދު ދެ ވަނަ ފަހަރަށް ވޯޓް ނަގައިފި ނަމަ ކުރިއަށް އޮތް ތަނުގައި ވެސް ހިތްހަމަނު ޖެހޭ ގޮތަށް ވޯޓުގެ ނަތީޖާ ބައްދަލުވެއްޖެ ނަމަ މަޖިލިސް ހަލަބޮލިކޮށްކޮށްލުމުގެ ފުރުސަތު ލިބިގެން ދާނެ ކަމަށެވެ.

"މީޑިއާ ކައުންސިލް އުވާލުމާ ގުޅޭ ގޮތުން ނެގި ވޯޓާ ބެހޭ ގޮތުން މާލިއްޔަތު ކޮމިޓީ އިން ފޮނުވި ރިޕޯޓަށް ވޯޓް ނަގާނިމިފައި އޮއްވައި އެ ދުވަހު މަޖިލިސް ތެރެ ހަލަބޮލިވެގެން ނިންމާލީ. މިއަދު ރިޔާސަތުން އިއުލާނު ކުރެއްވީ އެ ދުވަހުގެ ވޯޓްގެ ނަތީޖާ އިއުލާނު ނުކުރެވޭތީ އެވޯޓް ބާތިލުވީ ކަމަށް. އެގޮތަށް އެހެން ނިންމައިފި ނަމަ ވާނެ ގޮތަކީ ވޯޓެއް ހަމަ ގޯސްކޮށް ދާއިރު އެ އިއުލާނު ނުކުރެވެނީސް މަޖިލިސް ހަލަބޮލިކޮށްލާފިއްޔާ ވޯޓް ބާތިލްވާ ހިސާބަށް ގޮސްފި ނަމަ ނިޒާމު އޮޅުން ބޮޅުން ތެރެއަށް ދާނީ،" މައުސޫމް ވިދާޅުވި އެވެ.

މައުސޫމު ވިދާޅުވީ ޑީއާރްޕީގެ ޕޮޒިޝަނަކީ މީޑިޔާ ކައުންސިލް އުވާނުލުން ކަމަށާއި ދެން ވޯޓަކަށް އެހި ނަމަވެސް އެކަން އެގޮތަށް ފާސްވެގެން ދާނެ ކަމަށެވެ. ނަމަވެސް ވޯޓެއް ނެގުމަށް ފަހު ވޯޓް ވަކިބަޔަކަށް ކާމިޔަބު ނުވާ ނަމަ މަޖިލިސް ހަލަބޮލިކޮށްލައި އަނެއްކާ ވެސް ވޯޓެއް ނެގުމަށް މަގުފަހިވާ ގޮތަށް ކަންކަން ދާން ބޭނުން ނުވާ ކަމަށެވެ.

މިދިޔަ ބުދަ ދުވަހުގެ ޖަލްސާގައި ވޯޓް ނެގި ވަގުތު ވަނީ މަޖިލިސް ވަރަށް ބޮޑަށް ހަލަބޮލިވެވެފަ އެވެ. އެ ދުވަހު މަޖިލިސް ހަލަބޮލިވީ އެއްވެ އުޅުމުގެ މިނިވަންކަމުގެ ބިލް މަޖިލިހަށް ބަލައިގަތުމަށް ފަހު ފޮނުވާނެ ކޮމެޓިއެއްގެ މައްސަލާގައި ހިޔާލުތަފާތުވުން އުފެދި އެ ބިލް ޕާކްކުރަން ރިޔާސަތުން ނިންމުމާ ގުޅިގެންނެވެ. އެ ދުވަހު އެ ހޫނުގަނޑުގެ ތެރޭގައި މީޑިޔާ ކައުންސިލް އުވާލުމުގެ ބިލަށް ވޯޓަށް އެހުމާ އެކު މީޑިއާ ކައުންސިލް އުވާނުލުމަށް 40 އަށް ވުރެ ގިނަ މެންބަރުން ވޯޓް ދީފައިވެ އެވެ. ނަމަވެސް ވޯޓުގެ ނަތީޖާ ރިޔާސަތުން އިއުލާނުނުކޮށް މަޖިލިހުގެ ޖަލްސާ މެދުކަނޑާލިކަން ރިޔާސަތުން އިއުލާނު ކުރިއެވެ.