ކަރަބާއޯ ކަޕްގެ ސެމީފައިނަލުން ލިވަޕޫލާއި ނިއުކާސްލް ޔުނައިޓެޑް ޖާގަ ހޯދައިފިއެވެ.

މި މުބާރާތުގެ ސެމިފައިނަލުން ލިވަޕޫލް ޖާގަހޯދީ ކުއާޓާ ފައިނަލްގައި ސައުތެމްޕްޓަންއާ ބައްދަލުކުރި މެޗު ދެ ލަނޑު އެއް ލަނޑުން ކާމިޔާބު ކޮށްގެންނެވެ. ސައުތެމްޕްޓަންގެ ދަނޑުގައި ކުޅުނު މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ލިވަޕޫލްއިންނެވެ.

މިމެޗުގެ ފުރަތަމަ ލަނޑު ޖަހައި މެޗުގެ ލީޑު ލިވަޕޫލްއިން ނަގާފައިވަނީ މެޗުގެ 24 ވަނަ މިނެޓުގައި ޑާވިން ނޫނޭޒް ކާމިޔާބު ކޮށްދިން ލަނޑުންނެވެ. އަދި މިލަނޑު ކާމިޔާބު ކުރިތާ އަށް މިނެޓް ފަހުން ހާވީ އެލިއޮޓް ކާމިޔާބު ކޮށްދިން ލަނޑުން ލިވަޕޫލްއިން މިމެޗުގައި އެޓީމުގެ ލީޑު ފުޅާކުރިއެވެ.

އެންމެ ފަހުން ކުޅުނު ޕްރިމިއާ ލީގުގައި ކުޅުނު މެޗުން ބަލިވުމާއެކު އެޓީމުގެ ކޯޗު ރަސެލް މާޓިން ވަކިކުރުމަށްފަހު ވަގުތީ ގޮތުން ސައިމަން ރަސްކްއާ ހަވާލުކޮށްފައިވާ ސައުތެމްޕްޓަންއިން ދެވަނަ ހާފުގައި އެޓީމުގެ ކުޅުން ފުރަތަމަ ހާފަށް ވުރެ ރަނގަޅުކުރިކަން ފާހަގަވިއެވެ. މިގޮތުން މެޗުގެ 59 ވަނަ މިނެޓުގައި އެޓީމުން ވަނީ ކެމެރޮން އާޗާ ކާމިޔާބު ކޮށްދިން ލަނޑުން ދެޓީމުގެ ދެމެދުގައިވާ ފަރަގު އެއް ލަނޑަށް ބަދަލުކޮށްފައެވެ. އަދި މިހާފުގައި އެޓީމުގެ ކޮޅަށް އިތުރު ލަނޑެއް ވަނަނުދީ ހިފަހައްޓާލާފައެވެ. އެހެން ނަމަވެސް ސައުތެމްޕްޓަންއަށް މިމެޗުގައި އިތުރު ލަނޑެއް ޖެހޭގޮތެއް ނުވިއެވެ.

ނަތީޖާއަކަށްވީ މިމުބާރާތުގެ ސެމީފައިނަލްގެ ޖާގައެއް ލިވަޕޫލަށް ލިބިގެންދިއުމެވެ.

މިމުބާރާތުގެ ސެމީފައިނަލްއިން ނިއުކާސްލް ޔުނައިޓެޑް ޖާގަހޯދީ ކްއާޓާ ފައިނަލްގައި ބްރެންޓްފަޑްއާ އަމިއްލަ ދަނޑުގައި ބައްދަލުކުރި މެޗު ތިން ލަނޑު އެއް ލަނޑުން ކާމިޔާބު ކޮށްގެންނެވެ. މިމެޗުގައި ނިއުކާސްލްއިން ކާމިޔާބުކުރި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބު ކޮށްދިނީ މެޗުގެ ނުވަ ވަނަ މިނެޓާއި 43 ވަނަ މިނެޓުގައި ސަންދްރޯ ޓޮނާލީއެވެ. އަދި އެޓީމުގެ ފަހު ލަނޑު ކާމިޔާބު ކޮށްދިނީ 69 ވަނަ މިނެޓުގައި ފަބިއަން ޝާއެވެ. މިމެޗުގައި ބްރެންޓްފަޑްއިން ކާމިޔާބު ކުރި ހަމައެކަނި ލަނޑު މެޗުގެ އިތުރު ވަގުތުގެ ފުރަތަމަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ޔޮއާން ވީސާއެވެ.

މިމުބާރާތުގެ ސެމިފައިނަލްގެ ފަހު ޖާގަ ކަށަވަރު ވާނީ ޓޮޓްނަމް ހޮޓްސްޕާ އާއި މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރާ ކުއާޓާ ފައިނަލް މެޗަށް ފަހުއެވެ. މިމެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިރޭ ދަންވަރުއެވެ.