ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ 1:00ގައި އަލުން ފަށައިގެން ކުރިއަށް ގެންދަނިކޮށް ޖަލްސާގައި އަޑު ގަދަކޮށް ރިޔާސަތަށް ކިޔަމަން ނުވުމުން މައްޗަންގޮޅީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ކުބޭ) ގެ ނަން އިއްވުމަށްފަހު އޭނާ ޖަލްސާއިން ނެރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މެދު ކަނޑާލައިފި އެވެ. ޖަލްސާ މެދުކަނޑާލާފައިވަނީ 1:00 ގައި ޖަލްސާ ފެށުމަށްފަހު ދިހަ ވަރަކަށް މިނިޓްގެ ތެރޭގަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ މިއަދު ހެނދުނުގެ ދަންފަޅި 9:00 ފެށި ނަމަވެސް ޖަލްސާގެ ނިޒާމު ގެއްލުމުގެ ސަބަބުން ކުރިއަށް ނުގެންދެވިގެން 11:00 އަށް ޖަލްސާ ލަސްކޮށް އެގަޑީގައި ވެސް ޖަލްސާ ނުބޭއްވިގެން 1:00 ގައި ފެށީ ޖަލްސާގައި ވެސް މެންބަރުން ވަނީ އަޑުގަދަކޮށް ހަޅޭއްލަވައި ހުތުރު ބަހުން ވާހަކަ ދައްކައިފަ އެވެ.

އެކެއްޖެހިއިރު ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ނާއިބު ރައީސް އަހްމަދު ނާޒިމް ވިދާޅުވީ، ނިޒާމް ގެއްލުމުގެ ސަބަބުން ޖަލްސާ މެދުކަނޑާލުމަށްފަހު އަލުން ޖަލްސާ ފައްޓަވަނީ ސިޔާސީ ޕާޓީތަކާއެކު މަޝްވަރާ ކުރުމަށްފަހުގައި ކަމަށެވެ. އަދި އެޖެންޑާގައިވާ ގޮތަށް ކުއްލި މައްސަލަ ހުށަހެޅުއްވުމަށް މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދަށް ފުރުސަތު ދެއްވާ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ. ނަމަވެސް ނިޒާމީ މައްސަލަ ނަންގަވައި ތޮއްޑޫ ދާއިރާގެ އަލީ ވަހީދު ވިދާޅުވީ، ނާޒިމް މަޖިލީހަށް ވެދެވަޑައިގެންނެވީ ސިޔާސީ ޕާޓީތަކުގެ ވެރިންނާ ކުރި މަޝްވަރާއާ ހިލާފަށް ކަމަށެވެ.

"ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއިއެއްކޮށްކުރި މަޝްވަރާއާ މުޅިން ހިލާފަށް މަނިކުފާނު ވެދެވަޑައިގެން ތި މަސައްކަތް ފެއްޓެވީ. އަޅުގަނޑޫމެންނަށް އިވިފަ އޮތް ގޮތުން މިއަދު ދެން އިތުރަށް މަޖިލީހުގެ ކޮމިޓީތަކަށް މީހުން ހޮވުމާއި މަޖިލިސް އިތުރަށް ރިފޯމް ކުރަންޖެހޭ ކަންކަން ކުރުމަށް ދެންމެ އެއްބަސް ވެވުނީ،" އަލީ ވަޙީދު ވިދާޅުވި އެވެ.

ނަމަވެސް އަލީ ވަހީދަށް ޖަވާބު ދެއްވަމުން ނާޒިމް ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ އިސްވެރިންނާއެކު މަޝްވަރާތައް ކުރިއަށްދާ ކަމަށާއި، ނަމަވެސް މަޖިލީހުގެ ނިޒާމުގެ ތެރެއިން ޖަލްސާ ކުރިއަށް ނުގެންގޮސް ނިންމާލެވޭނެ ގޮތެއް ނެތްކަމަށް ކައުންސެލް ޖެނެރަލް ލަފާ ދެއްވާފައިވާ ކަމަށެވެ. އަދި މަޖަލްސާ ނިންމާލެވޭނީ މަޖިލީހުގެ ނިޒާމުގެ ތެރެއިންކަމަށް ވެސް ނާޒިމް ވިދާޅުވެ ކުއްލި މައްސަލަ ހުށަހެޅުއްވުމަށް ފުރުސަތު ދެއްވި އެވެ. އޭރުވެސް މުހައްމަދު ރަޝީދު (ކުބޭ) އަޑުގަދަ ކުރައްވަމުން ގެންދެވި އެވެ.

މިއަދުގެ ޖަލްސާގައި ކުއްލި މައްސަލަ ހުށަހެޅުއްވުމަށް ރިޔާސަތު ދެއްވި ފުރުސަތުގައި މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު ވެސް ވަނީ، ހުށަހެޅުއްވަން ފުރުސަތު ދެއްވި މައްސަލައިގެ ބޭރުން ހުތުރު ބަހުން ތަކުރާރުކޮށް ވާހަކަ ދައްކަވައިފަ އެވެ. އޭނާ އެގޮތަށް ވާހަކަ ދައްކަވާފައިވަނީ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރަކީ "ބާޣީ" ސަރުކާރެއް ކަމަށް ވިދާޅުވެ އެވެ.