09 Jul 2012, 13:41
ރާއްޖޭގައި ފުރަތަމަ ރޭޑިއޯ ސްޓޭންގެ ގޮތުގައި 1969 ވަނައަހަރުން އުފެދިގެން އައި ދިވެހިރާއްޖޭގެ އަޑަށް 50 އަހަރުފުރުން ފާހަގަކުރުމުގެ ގޮތުން ހިންގާ ހަރަކާތަތަށް މިއަދު ފަށައިފި އެވެ.
މިއަދު ދިވެހި ރާއްޖޭގެ އަޑުގެ ސެނެކޯ މާލަމުގައި ބޭއްވި ރަސްމިއްޔާތެއްގައި އަޑަށް 50 އަހަރު ފުރޭ ރަންޔޫބިލްގެ ހަރަކާތްތަކާއި އެ މުނާސަބަތުގައި ބޭނުން ކުރުމަށް ހަމަޖެހިފައިވާ ލޯގޯއާއި ލަވަ އިފްތިތާހް ކޮށްދެއްވީ ރައީސް ޖުމްހޫރިއްޔާގެ ނައިބު މުހައްމަދު ވަހީދުއްދީން (ޑީން) އެވެ.
އެ ރަސްމިއްޔާތުގައި ޑީން ވަނީ އެމަނިކުފާނު އަޑުގައި މަސައްކަތް ކުރެއްވި ދުވަސްވަރުގެ ވާހަކަތަށް ހިއްސާ ކުރައްވާފަ އެވެ. ވިދާޅުވީ، ދިވެހި ރާއްޖޭގެ އަޑަކީ ދިވެހި ރައްޔިތުންނަށް ގިނަ ހިދުމަތްތަކެއް ކޮށްދޭ ސުޓޭޝަނެއް ކަމަށާއި އެމަނިކުފާނުގެ ފަރާތުން އަޑަށް ފޯރުކޮށްދެއްވެންއޮތް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެއްވާނެ ކަމަށެވެ.
މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އުމަރު މަނިކު ވިދާޅުވީ އެފަރާތުން އެމްބީސީއާ ހަވާލުވިއިރު އަޑުގެ ހާލަތު ޕުރައިވެޓް މީޑިއާތަކަށްވުރެ ދަށް ކަމަށާއި ނަމަވެސް މިހާރު އެންމެ ފަހުގެ ޓެކްނޮލޮޖީ ތައާރަފްކޮށް މުވައްޒިފުނަށް ތަމްރީން ދިނުމުގެ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އަދި ވިދާޅުވީ ދިވެހި ރާއްޖޭގެ އަޑަކީ ދިވެހިންނާއި ގުޅިފައިވާ އަޑެއް ކަމަށެވެ.
"މިސްކިތުގެ މުދިމުނާއި މަސްވެރިން އެމީހުންގެ މަސައްކަތަށާއި ނަމާދަށް ހޭލަށްވާލީ ދިވެހި ރާއްޖޭގެ އަޑުން ގޮވާލާ ބޮޑު ހާ، މުދައްރިސުނާއި އެދުރުނަށް މުދައްރިސުންގެ ދުނިޔެ އުފައްދައިދިނީ ދިވެހި ރާއްޖޭގެ އަޑު،" މަނިކު ވިދާޅުވި އެވެ.
އުމަރު މަނިކު ވިދާޅުވީ އަޑުގައި ކުރިން މަސައްކަތް ކުރި ޕްރެޒެންޓަރުންގެ ބައިވެރިކޮށްގެން ޑިސެމްބަރު 29 ގެ ނިޔަލަށް، ކުރީގެ އަޑު ރައްޔިތުންނަށް ސިފަކޮށްދެއްވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
އަޑުގެ ޑިރެކްޓާ މުހައްމަދު ޝާކިރު ވިދާޅުވީ އަޑަށް 50 އަހަރު ފާހަގަކުރުމުގެ ގޮތުން ތަފާތު ހަރަކާތްތަކެއް ހިންގަން ހަމަޖެހިފައިވާ ކަމަށާއި އެ ހަރަކާތްތައް ހިންގާނީ ކުޑަކުދިނަށާއި ޒުވާނުނަށާއި އުމުރުން ދުވަސްވީ މީހުނަށް އަމާޒްކޮށްގެން ކަމަށެވެ.
"ކުރިއަށް އޮތް ފަސް މަސް ދުވަހަށް އަޅުގަނޑުމެން މިހަރަކާތަށް ހިންގަން ހަމަޖެހިފައިވާއިރު އަޅުގަނޑަށް އެގޭ އަޅުގަނޑުމެން ރާއްޖޭގެ ބޮޑު ބައެއް އުޅެނީ މާލޭގައި ނޫންކަން އެހެންކަމުން އަޅުގަނޑުމެން ހިންގާ ހަރަކާތްތަކުގެ ތެރޭގައި އަތޮޅު ތެރެއަށް ގޮސް އެބޭފުޅުނާއި ގާތުން އެކި ހަރަކާތަތަށް ހިންގާނަން" ޝާކިރު ވިދާޅުވި އެވެ.
ދިވެހި ރާއްޖެގެ އަޑަކީ ރާއްޖޭގެ ފުރަތަމަ ރޭޑިއޯ ޗެނަލެއްގެ ގޮތުގައި 1969 ގައި އުފެދުނު ޗެނަލެކެވެ. މިހާރު އެޗެނަލް ހިންގަމުން އަންނަނީ ޕަބްލިކް ބްރޯޑްކާސްޓަރެއްގެ ގޮތުގައެވެ. ދިވެހި ރާއްޖޭގެ އަޑަށް 50 އަހަރު ފުރެނީ މި އަހަރުގެ ޑިސެމްބަރު މަހު 29 ގަ އެވެ. ރަންޔޫބީލްގެ ހަރަކާތްތަކުގެ ތެރެއިން ވޭތުވެދިޔަ 49 އަހަރު އަޑުން ރައްޔިތުންނަށް ގެނެސްދީފައިވާ ހަބަރުތަކާއި މައުލޫމާތާއި ނަސޭހަތްތަކުގެ ހަނދާން އާކުރާ ގޮތަށް އަޑުން ވަނީ ހަމަޖައްސައިފަ އެވެ.