09 Jul 2012, 12:44
މާލިއްޔަތު ކޮމެޓީގެ އެޕްރޫވަލްއަށް ފޮނުވިއިރު ވެސް ބަޖެޓް ސަޕޯޓުގެ ގޮތުގައި ބީއެމްއެލްއިން ނަގާފައިވާ 300 މިލިއަން ރުފިޔާގެ ލޯނަކީ ބަޖެޓްގައި ހިމެނިފައިވާ ލޯނެއް ނޫން ކަމަށާއި އެ ލޯނު ނަގަން ހުއްދަ ދޫކުރުމުގެ މެންޑޭޓް މާލިއްޔަތު ކޮމެޓީއަށް ނެތް ކަމަށް ރައްޔިތުން މަޖިލީހުގެ ކައުންސިލް ޖެނެރަލް ލަފާދެއްވައިފި އެވެ.
އެ ލަފަޔާއި އެއްގޮތައް މާލިއްޔަތު ކޮމެޓީގެ ޖަލްސާއަށް މިއަދު ވަޑައިގެންނެވި މެންބަރުންގެ އަގުލަބިއްޔަތުން އެ މައްސަލަ ކޮމެޓީން ވަނީ ބޭރުކޮށް ލައިފަ އެވެ. ސަރުކާރުން ހުށަހަޅާފައިވަނީ ބަޖެޓުގައި ހިމެނިފައިވާ 65 މިލިއަން ޑޮލަރުގެ ލޯނުގެ ބަދަލުގައި ބީއެމްއެލްއިން 300 މިލިއަން ރުފިޔާގެ ލޯނެއް ނެގުމަށެވެ. އެ ލޯނަށް އެޕްރޫވަލް ދެވިދާނެ ކަމާ މެދު ކައުންސިލް ޖެނެރަލްގެ ލަފަޔަކަށް ކޮމެޓީން ވަނީ އެދިފަ އެވެ.
ކައުންސިލް ޖެނެރަލް ދެއްވި ލަފާ ކޮމެޓީއަށް އިއްވަވަމުން މުގައްރިރު ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ ބަޖެޓާއެކު ހިމެނިފައިވާ ލޯނުތައް އެޕްރޫވް ކުރަން މާލިއްޔަތު ކޮމެޓީއަށް ބާރު ލިބެނީ މަޖިލީހުގެ މުޅި ތަޅުމުން ބަޖެޓާއެކު ފާސްކޮށްފައިވާ ރިޕޯޓަކުން ކަމަށާއި އެގޮތުގެ މަތިން މާލިއްޔަތު ކޮމެޓީއަށް އެޕްރޫވަލް ދެވޭނީ ބަޖެޓުގައި ހިމެނިފައިވާ ލޯނުތަކަށް ކަމަށް ކައުންސިލް ޖެނެރަލް ލަފާދެއްވައިފައިވާ ކަމަށެވެ. އަދި ވިދާޅުވީ 300 މިލިއަން ރުފިޔާގެ ލޯނަކީ ބަޖެޓް ފާސްކުރިއިރު ހިމެނިފައިވާ ލޯނެއް ކަމަށް ކައުންސިލް ޖެނެރަލްގެ ލަފާގައި ނެތް ކަމަށެވެ.
"އެގޮތުގެ މަތިން މި މައްސަލަ އަނބުރާ ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވާލަން ފާސްކުރަން، ދެން ސަރުކާރުން މި ކަމުގައި ނިންމާނެ ގޮތެއް ނިންމާނީ، މުޅި މަޖިލީހަށް ފޮނުވައިގެން އެކަން ކުރުމަށް ވެސް،" ނާޒިމް ވިދާޅުވި އެވެ.
އެ ލޯނުގެ މައްސަލަ ކޮމެޓީން ބޭރު ކުރުމާއެކު އެމްޑީޕީގެ މެންބަރުންވަނީ އެ ލޯނަށް ކޮމެޓީން އެޕްރޫވަލް ނުދެނީސް ސަރުކާރުން ލޯނު ނެގި މައްސަލަ ބަލަން ޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ. ނާޒިމް ވިދާޅުވީ އެ މައްސަލަ މަޖިލީހުގެ ތަޅުމުގައި ވަނިކޮށް މާލިއްޔަތު ކޮމެޓީން އެ މައްސަލަ ބެލުމަކީ މަސްލަހަތު ހުރިގޮތްކަމަށް ނުވެދާނެ ކަމަށެވެ. ނަމަވެސް އެ މައްސަލަ މެންބަރަކު ހުށަހަޅުއްވައިފިނަމަ އެޖެންޑާ ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
ލޯނު ނެގި މައްސަލަ މާލިއްޔަތު ކޮމެޓީން ބެލުމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ ވަނީ ހުށަހަޅުއްވައިފަ އެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ބިލެތްދޫ ދާއިރާގެ އަހުމަދު ހަމްޒާ އެވެ. ނާޒިމް ވިދާޅުވީ ގަވާއިދުގައިވާ ގޮތަށް އެ މައްސަލަ އެޖެންޑާ ކުރުމުގެ ކަންތައް ކުރިއަށް ގެންދަވާނެ ކަމަށެވެ.
ބީއެމްއެލްއިން ބަޖެޓް ސަޕޯޓަށް ދޫކުރާ 300 މިލިއަން ރުފިޔާގެ ލޯނުގެ ދައްކާ ނިމޭއިރު ލޯނުގެ ޖުމްލަ 354 މިލިއަން 50 ހާސް ރުފިޔާއަށް އަރާނެ ކަމަށް މާލިއްޔަތު ކޮމެޓީން އާންމުކުރި މައުލޫމާތުތަކުން އެނގެ އެވެ. އެ ލޯނު 2014 ވަނަ އަހަރުން ފެށިގެން ދައްކަންފަށަން ޖެހޭއިރު ލޯނުގެ އިންޓްރެސްޓް 33 ޕަސެންޓަށް އަރާ ކަމަށްވެސްވެ އެވެ. އެ ލޯނުގެ އެގްރިމަންޓްގައި ސޮއިކޮށް މިދިޔަ މޭމަހުގެ ތެރޭގައި ސަރުކާރުން ވަނީ އެ ލޯނު ނަގައިފަ އެވެ.
އެޕްރޫވަލްއަކާއި ނުލައި ލޯނު ނެގި މައްސަލައިގައި ކޮމެޓީގައި ވާހަކަ ދެއްކެވި ހުރިހާ މެންބަރުންވެސް ވަނީ އެކަން ކުއްވެރިކުރައްވައި ވާހަކަ ދައްކަވައިފަ އެވެ. އަދި އެއީ ގަވާއިދާއި ހިލާފަށްކޮށްފައިވާ ކަމެއް ކަމަށްވެސް ބައެއް މެންބަރުން ގެންދެވީ ވިދާޅުވަމުންނެވެ.
"މިއީ ވަރަށް ސީރިއަސް މައްސަލައެއް، ކަނޑައެޅިގެން މުތުލަގު ގޮތަކަށް ގާނޫނުން އެގެން އޮތް ކަމަކާއި މި އޮތީ ހިލާފުވެފައި، މިކަމުން މިއޮތީ އަނެއްކާ އިތުރަށް ކުރިފަޅާފައި، މިކަން ބަލަން ޖެހޭނެ،" ޣަފޫރު ވިދާޅުވި އެވެ.
އެ ލޯނުގެ މައްސަލައިގައި ދިއްދޫ ދާއިރާގެ މެންބަރު އަހުމަދު ސަމީރު ވަނީ ސަރުކާރާއި ދެކޮޅަށް ފިޔަވަޅު އެޅުމުގެ ގަރާރެއްވެސް މަޖިލީހަށް ވައްދައިފަ އެވެ.