09 Jul 2012, 12:14
ސޯޅަ ވަނަ ސާކް ކެރަމް ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ގައުމީ ޓީމް މިރޭ ބަގްލަދޭޝްގެ ވެރިރަށް ޑާކާ އަށް ދިއުމަށް ފުރާނެ ކަމަށް ކެރަމް އެސޯސިއޭޝަނުން ބުނެފި އެވެ.
މި މަހުގެ 11 އިން 14 އަށް ބަގްލަދޭޝްގެ ވެރިރަށް ޑާކާގައި ބާއްވާ މިމުބާރާތުގުގައި ވާދަ ކުރާ ރާއްޖެ ޓީމުގެ ސްކޮޑުގައި ހިމެނެނީ ހަ ކުޅުންތެރިންނެވެ. އެއީ އަންހެން ތިން ކުޅުންތެރިންނާއި ފިރިހެން ތިން ކުޅުންތެރިންނެވެ.
މުބާރާތުގައި ވާދަކުރުމަށް މިރޭ ޑާކާ އަށް ފުރާ ރާއްޖެ ޓީމުގެ ފިރިހެން ތިން ކުޅުންތެރިންނަކީ މިދިޔަ ދެ އަހަރުގެ ގައުމީ ޗެމްޕިއަން ހަސަން ނާޒިމް އާއި ގިނަ އަހަރުތަކެއްގައި ޤައުމީ ޓީމް ތަމްސީލް ކޮށްފައިވާ އަހުމަދު ހާމިދު އަދި ޤައުމީ ޓީމަށް މުޅިން އަލަށް ނެގި އާދަމް އަދީލެވެ. އަދި އަންހެން ތިން ކުޅުންތެރިންނަކީ އެންމެ ފަހުގެ ޤައުމީ ޗެމްޕިއަން އައިޝަތު ފައިނާޒް އާއި އާމިނަތު ނިފާޝާ އަދި އައިމިނަތު ވިސާމާ އެވެ.
މިދިޔަ އަހަރު މާލޭގައި ބޭއްވި 15 ވަނަ ސާކް ކެރަމް ޗެމްޕިއަންޝިޕްގައި ވާދަކުރި ފަސް ގައުމުގެ ތެރެއިން ރާއްޖެ ދިޔައީ ތިން ވަނަ އަށެވެ.