ރޯދަ މަހު މަހުގެ އަގު ބޮޑުވިޔަ ނުދިނުމަށާއި ފަސޭހަކަމާއެކު އާންމުންނަށް މަސް ލިބޭނެ އިންތިޒާމެއް ހަމަޖައްސަން އެސްޓީއޯގެ ފިހާރަތަކުން ފިނިކުރި މަސް ވިއްކަން ނިންމައިފި އެވެ.

އެސްޓީއޯގެ ޖެނެރަލް މެނޭޖާ އާދަމް އާޒިމް ވިދާޅުވީ ކޫއްޑޫ ފިސަރީޒާއި ގުޅިގެން ރޯދަމަހަށް އެސްޓީއޯގެ ފިހާރަތަކުން ފިނިކުރި ކަނޑުމަސް ވިއްކޭނެ އިންތިޒާމް ހަމަޖައްސަން މަޝްވަރާ ކުރަމުން އަންނަ ކަމަށާއި ރޯދަމަހުގެ އެސްޓީއޯގެ ފިހާރަތަކުން ފިނިކުރި މަސް ލިބޭނެ ކަމަށެވެ.

"އެސްޓީއޯގެ އަމާޒަކީ އަގު ހެޔޮކޮށް މުދާ ރައްޔިތުނާއި ހަމައަށް ފޯރުކޮށްދިނުން، އެގޮތުން އަޅުގަނޑުމެން މަސް ވެސް ރައްޔިތުނަށް ވިއްކާނީ އަޅުގަނޑުމެނަށް ވިއްކޭ އެންމެ ހެޔޮ އަގުގައި އަދި ބާޒާރުގައި މަހުގެ އަގު ބޮޑުވިޔަސް އަޅުގަނޑުމެން ވިއްކާނީ އަޅުގަނޑުމެން ވިއްކާ އަގުގައި" އާޒިމް ވިދާޅުވި އެވެ.

އަދި ވިދާޅުވީ ރޯދަމަހުގެ ފުރަތަމަ ދުވަހުން ފެށިގެން އަތޮޅުތެރޭގައި ހުންނަ އެސްޓީއޯގެ 11 ފިހާރައިންނާއި މާލޭގައި ހުންނަ އެސްޓީއޯގެ ފިހާރަތަކުން މަސް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ މަސައްކަތް ކުރިޔަށްދާ ގޮތުން ރޯދަމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ވެސް އެ ހިދުމަތް ދެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ރޯދަމަހަށް ހާއްސަކޮށްގެން ހެޔޮ އަގުގައި ފިނިކުރި މަސް ވިއްކަން އެސްޓީއޯއިން މަސައްކަތް ކުރާއިރު މިފަހަރު ރޯދަމަހު ބާޒާރުގައި ތަކެތީގެ އަގު އުފުލުނަ ނުދިނުމަށް ވެސް އެސްޓީއޯއިން ވަނީ މަސައްކަތް ފަށާފަ އެވެ.