09 Jul 2012, 10:53
ގާނޫނީ ވަކީލު އަހުމަދު ނަޖީބުގެ މަރާ ގުޅިގެން ހައްޔަރު ކުރި ތިން ވަނަ މީހާގެ ބަންދަށް 10 ދުވަސް ޖަހައިދީފި އެވެ.
ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް ވިދާޅުވީ ނަޖީބުގެ މަރާ ގުޅިގެން ފުލުހުން ހައްޔަރުކުރި މާލޭ ދަފްތަރު 2314 އަހުމަދު ލިއުސާން،31،ގެ ބަންދާ މެދު ގޮތެއް ނިންމުމަށް ފުލުހުން އިއްޔެ އެ ކޯޓަށް ހާޒިރުކުރުމުން އޭނާ 10 ދުވަހަށް ބަންދުގައި ބަހައްޓަން ކޯޓުން އަމުރުދީފައިވާ ކަމަށެވެ.
"އަހުމަދު ލިއުސާން 10 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އިއްޔެ ކޯޓުން އަމުރު ދީފައި ވަނީ،" މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
މާލޭ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ އެމީހާ ދިރިއުޅޭ ގެޔަކީ ގ. ހިލާލު އެވެ.
ފުލުހުން އޭނާ ހައްޔަރުކޮށްފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ހަވީރު 3:30 އެހާކަންހާއިރު އެވެ.
އޭނާގެ މައްޗަށް ކުރާ ތުހުމަތަކީ ނަޖީބު މަރާލާފައި އޮއްވައި މަސްރޫރާ ގެއަށް ގޮސް ނަޖީބުގެ ހަށިގަނޑު ފޮރުވުމަށް ޓަކައި ކުރަމުން ދިޔަ މަސައްކަތުގައި ބައިވެރިވި ކަމުގެ ތުހުމަތެވެ.
ގޮނޑިއެއްގައި ބަނދެ އަތްފަޔާއި އަނގަމަތީގައި ޓޭޕް އެޅުމަށް ފަހު ކަރަށް ވަޅި ހަރައި ނަޖީބު އަވަހާރަކޮށްލި މައްސަލައިގައި، ގަސްތުގައި މީހަކު މަރާލި ކަމުގެ ދައުވާ ދައުލަތުން އުފުލާފައިވާ މ. މަސްރޫރާ، އަހުމަދު މުރައްތު 29، އާއި ށ. ގޮއިދޫ ރިހާބް، ފާތިމަތު ހަނާ 18، ވަނީ ދައުވާ އަށް އިއުތިރާފުވެފަ އެވެ. އަދި އެކަން ކުރިގޮތް އެ ދެމީހުން ވަނީ ކޯޓުގައި ކިޔައިދީފަ އެވެ.
ނަޖީބުގެ ވާރިސުންގެ ބަޔާން ކްރިމިނަލް ކޯޓުން ނެގި އިރު އޭނާގެ އަށް ދަރިން ވެސް ބޭނުން ވަނީ މަރަށް މަރު ހިފުމަށެވެ.
ކްރިމިނަލް ކޯޓުން ބުނީ މުއްރަތާއި ހަނާގެ މައްޗަށް ކުރާ ދައުވާގެ ޚުލާސާ ބަޔާން ނެގުން ބުދަ ދުވަހު އޮންނާނެ ކަމަށާއި އަދި އެއަށް ފަހު ބުރާސްފަތި ދުވަހު އެ މައްސަލައިގެ ހުކުމް ކުރައްވާނެ ކަމަށެވެ.