09 Jul 2012, 10:19
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ހޫނުވެ ޖަލްސާ ކުރިއަށް ނުގެންދެވިގެން 11:00ގައި ކުރިއަށް ގެންދިއުމަށް ޖަލްސާ މެދުކަނޑާލައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ތަޅުން ހޫނުވީ، މިދިޔަ ބުދަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މަޖިލީހަށް ހުށަހަޅާފައިވާ ރިޕޯޓްގައިވާ ގޮތަށް މޯލްޑިވްސް މީޑިޔާ ކައުންސިލް އުވާލުމުގެ ބިލަށް ވޯޓަށް އައްސަވާފައި ވަނިކޮށް އެ ދުވަހު މަޖިލީހުގެ ތަޅުން ހޫނުވެ ޖަލްސާ ހުއްޓާލަން ޖެހުމުން، އަލުން އެ މައްސަލަ އަށް ވޯޓަށް އެއްސެވުމަށް މިއަދުގެ ޖަލްސާގައި އެޖެންޑާކޮށްފައި ވާތީ އެވެ.
އެ މައްސަލައިގައި ފުލުފުލުގައި ނިޒާމީ މައްސަލަ ނަންގަވައި އަޑުގަދަ ކުރައްވައި އެމްޑީޕީގެ މެންބަރުން ވިދާޅުވީ، ބުދަ ދުވަހުގެ ޖަލްސާގައި މީޑީޔާ ކައުންސިލް އުވާ ނުލުމަށް ބޭނުންވާ މިންވަރަށް ވޯޓު ލިބިފައިވާ ކަމަށެވެ. އެހެންކަމުން މިއަދު އެ މައްސަލަ އެޖެންޑާކޮށްގެންނުވާނެ ކަމަށް ވެސް އެ މެންބަރުން ވިދާޅުވަމުން ގެންދެވި އެވެ.
މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނާއިބު ރައީސް ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ވިދާޅުވީ އެއީ ނިޒާމީ މައްސަލައެއް ނޫން ކަމަށެވެ. އެ ހިސާބުން މެންބަރުންގެ އަޑުގަދަވެ ޒުވާބު ހޫނުވެ އެމްޑީޕީ މެންބަރުން "ބާޣީން"ނޭ ގޮވައި ހަޅޭއްލަވަން ފެއްޓެވި އެވެ. އަދި ޖަލްސާގައި ކުއްލި މައްސަލަ ހުށަހެޅުއްވުމަށް މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދަށް ފުރުސަތު ދެއްވި ނަމަވެސް މައްސަލަ ހުށަހެޅުއްވުމުގެ ބަދަލުގައި އެމްޑީޕީ މެންބަރުން ހަޅޭއްލަވައި އަޑުގަދަކުރަން ފެށުމުން ކޮޅަށް ތިއްބެވި މެންބަރުން އިށީންދެވަޑައިގެން ޖަލްސާ ކުރިއަށް ގެންދެވުމަށް ފުރުސަތު ދެއްވުމަށް ތަކުރާރުކޮށް އިލްތިމާސް ކުރެއްވުމަށް ފަހު ޖަލްސާ ކުރިއަށް ނުގެންދެވިގެން ޖަލްސާ މެދުކަނޑާލީ 9:20 އެހާކަންހާއިރު އެވެ.