14:05


ރައްޔިތުންގެ މަޖިލީހުގެ ވަކި ކޮމިޓީތަކަށް ވަޒީރުންނާއި ސަރުކާރު މުވައްޒަފުން ޙާޒިރުވެވަޑައިނުގަންނަވާނެ ކަމަށް ސަރުކާރުން ބުނެފި އެވެ.


 ރައީސުލްޖުމުހޫރިއްޔާގެ އޮފީހުން މިއަދު ނެރުނު ޕްރެސް ސްޓޭޓްމަންޓެއްގައި ބުނެފައި ވަނީ ވަޒީރުންނާއި ސަރުކާރު މުވައްޒަފުން ރައްޔިތުންގެ މަޖިލީހަށް ޙާޒިރުވެވަޑައިގަންނަ ވާނީ އަދި މަގާމުގެ ހައިސިއްޔަތުން ޖަވާބުދާރީވެވަޑައިގަންނަވާނީ، ހަމައެކަނި ޤާނޫނު އަސާސީގެ 98 ވަނަ މާއްދާގެ ދަށުން ކަމަށެވެ. އަދި ސަރުކާރުން ކުރާ ނުވަތަ ހިންގާ ކަމަކާ މެދު ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވާނީ ޤާނޫނު އަސާސީގެ 140 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެ ވުޒާރާ އަކާ ޙަވާލުވެވަޑައިގެން ހުންނެވި ވަޒީރު ކަމަށާއި އަދި ވަޒީރުންގެ މަޖިލީހުގެ މެންބަރަކު މަޖިލީހަށް ޖަވާބުދާރީވެވަޑައިގަންނަވާނީ، ވަޒީރުންނާ ސުވާލު ކުރުމުގެ ޤާނޫނުގައި ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވާ ކަމަށް ވެސް އެ ސްޓޭޓްމަންޓަގައި ބުނެފައިވެ އެވެ.


ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިފަދަ ބަޔާނެއް ނެރެފައި މި ވަނީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީ އަށް އަންނަ ބުރާސްފަތި ދުވަހު ހާޒިރުވުމުގެ އަމުރު، ޕޮލިސް ކޮމިޝަނަރު އަހުމަދު ފަސީހު އާއި ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލުގެ މައްޗަށް ނެރެފައި ވަނިކޮށެވެ.


ޕްރެސް ސެކްރެޓަރީ މުހަންމަދު ޒުހައިރު މިއަދު ވިދާޅުވީ ވަޒީރުންގެ މަޖިލީހުގެ ނިންމުމުގެ ދަށުން އެ ދެ ބޭފުޅުން ވެސް ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީ އަށް ހާޒިރުވެވަޑައި ގަންނަވަން ނުޖެހޭ ކަމަށެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވާނީ އެ ގޮތުގެ މަތީން ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ސިޓީއެއް ފޮނުއްވާފަ އެވެ.