09 Jul 2012, 09:59
ކޯޓުގެ ހުރުމަތް ކަނޑާލުމުގެ ކުށުގައި ކޮނޑޭ ކައުންސިލްގެ ރައީސް އަހުމަދު އައްބާސް ހަތަރު މަހަށް ޖަލަށް ލާން ކުރި ހުކުމް ކޮނޑޭ މެޖިސްޓްރޭޓް ކޯޓުން މާފުކޮށްފި އެވެ.
ކޮނޑޭ ކޯޓް ހިންގުމާ ހަވާލުވެ ހުންނެވި މެޖިސްޓްރޭޓް ހަސަން ދީދީ މިއަދު ވިދާޅުވީ ކޯޓްގެ އަމުރަކަށް ނުކިޔަމަންތެރިވެގެން އަދަބެއް ދެވިފައިވާ މީހަކު އެކަމަށް މައާފަށް އެދި ކޯޓަށް ހުށަހަޅައިފިނަމަ އެމީހަކަށް މައާފު ދެވިދާނެ ކަމަށް ޝަރީއަތް ކުރުމާއި ބެހޭ ގަވާއިދުގައި ބުނެފައިވާ ކަމަށެވެ. އަދި ވިދާޅުވީ އަހުމަދު އައްބާސަށް މައާފު ދެއްވާފައި ވަނީ މައާފަށް އެދި އޭނާ އެ ކޯޓަށް ހުށަހެޅުމުން ކަމަށެވެ.
"ކޯޓަށް ލިބިފައިވާ ވިރާސީ ބާރުތަކެއް އެ ބާރުތަކަކީ. ކޯޓްގެ ހުރުމަތް ރައްކާތެރިކުރުމާ ބެހޭ ގަވާއިދުގެ 22 ވަނަ މާއްދާގެ އެއްވަނަ ނަންބަރުގައި އެބަ ބުނޭ ކޯޓުގެ އަމުރަކަށް ނުކިޔަމަންތެރިވެގެން އަދަބެއް ދެވުމުން އެކުށަށް މައާފަށް އެދި އެމީހާ ހުށަހަޅައިފިއްޔާ އެމީހާއަށް އެ މާއާފް ދެވިދާނެކަމަށް،" ހަސަން ދީދީ ވިދާޅުވި އެވެ.
ކޮނޑޭ ކޯޓުން އައްބާސްގެ މައްޗަށް އެ ހުކުމް ކުރީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އޭނާގެ މައްޗަށް ދައުވާ ކުރާ ޚިޔާނާތުގެ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުވާން ފޮނުވި ތިން އަމުރަށް ވެސް އޭނާ ތަބާވެފައި ނުވާތީ އެއީ ކޯޓުގެ ހުރުމަތް ކަނޑާލުމުގެ ގޮތުން ގަސްތުގައި އޭނާ ކޮށްފައިވާ ކަމެއްކަމަށް ކަނޑައެޅުމަށް ފަހު އެވެ.