09 Jul 2012, 09:55
މިދިޔަ ފެބްރުއަރީ މަހުގެ ހަތް ވަނަ ދުވަހު ގައުމީ ދާރުލް އާސާރަށް ބަޔަކު ހަމަލާދީ ހަލާކުކޮށްލާފައިވާ އާސާރީ ތަކެތި މަރާމާތުކޮށް، ކުރިން ހުރި ގޮތަށް އިއާދަކުރުމަށް އެމެރިކާ އިން އެހީތެރިވެދޭނެ ކަމަށް އެ ގައުމުން ބުނެފި އެވެ.
އެމެރިކާގެ މިނިވަން ދުވަސް ފާހަގަކުރުމަށް ޓްރޭޑާސް ހޮޓަލުގައި އިއްޔެ ބޭއްވި ހަފުލާއެއްގައި ވާހަކަ ދައްކަވަމުން އެމެރިކާގެ ސަފީރު ޕެޓްރީސިއާ އޭ ބޫޓެނިސް ވިދާޅުވީ ދާރުލް އާސާރުން ހަލާކޮށްލާފައިވާ ތަކެތި މަރާމާތުކޮށް ކުރިން ހުރި ގޮތަށް އިއާދަކުރުމަށް އެމެރިކާ އިން އެހީތެެރިވެދޭނެ ކަމަށެވެ. އަދި އެއީ ރާއްޖޭގެ ތާރީހު ކަމަށާއި އެތަކެތި އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކަމާ އެކު ފޯރުކޮށްދިނުމަށް ޓަކައި އެތަކެތި ހިމާޔަތް ކުރަން ޖެހޭ ކަމަށެވެ.
"ފެބްރުއަރީ މަހު ދާރުލް އާސާރުން ހަލާކުކޮށްލާފައިވާ އާސާރީ ތަކެތި މަރާމާތު ކުރުމަށް އަޅުގަނޑުމެންނަށް ވަނީ ފައިސާ ލިބިފައި. އަޅުގަނޑުމެން އެ ފައިސާ ބޭނުން ކުރާނީ އެތަކެތި އިއާދަކުރެވޭ އެންމެ ރަނގަޅަކަށް އިއާދަކުރުމަށް. އަދި ހަލާކުނުވެ ހުރި ތަކެތި ވެސް ރައްކާތެރިކަމާ އެކު ގިނަ ދުވަސްތަކަކަށް ހުންނަ ގޮތަށް ހެދުމަށް،" ބޫޓެނިސް ވިދާޅުވި އެވެ.
ދާރުލްއާސާރުގައިވާ ތަކެއްޗަކީ ރާއްޖޭގެ ތާރީހު ކަމަށް ވިދާޅުވެ، އެތަކެތި ރައްކާތެރިކަމާ އެކު އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކަމާ އެކު ރައްދުކޮށްދިނުމަށް ރާއްޖޭގެ ކަމާ ބެހޭ ފަރާތްތަކަށް އެކަމަނާ ގޮވާލެއްވި އެވެ.
"ރާއްޖޭގެ ކަމާ ބެހޭ ފަރާތްތަކަށް އަޅުގަނޑު މިގޮވާލަނީ އަންނަން އޮތް ޖީލުތަކާ ހަމައަށް ރާއްޖޭގެ ތާރީހު ރައްކާތެރިކަމާ އެކު ފޯރުކޮށްދެވޭނެ ކަން ކަށަވަރު ކުރުމަށް،" ބޫޓެނިސް ވިދާޅުވި އެވެ.
އެމެރިކާ އިން ރާއްޖެ އަށް ވެދޭ ބައެއް އެހީތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ބޫޓެނިސް ވިދާޅުވީ ރާއްޖޭގެ ތައުލީމު ދިނުމުގެ ނިޒާމު ތަރައްގީ ކުރުމަށް އެ ގައުމުން އެހީތެރިވެދޭ ކަމަށާއި އިނގިރޭސިބަސް ކިޔަވައި ދިނުމުގެ ޕްރޮގްރާމްތަކެއް އެމެރިކާ އިން ރާއްޖޭގައި ހިންގާ ކަމަށެވެ. ޔޫއެސްއޭ އައިޑުން ރާއްޖޭގައި ހިންގަމުންދާ ބައެއް ޕްރޮގްރާމްތަކާ ބެހޭ ގޮތުން ވެސް އޭނާ ވާހަކަ ދެއްކެވި އެވެ.ެ
ބޫޓެނިސް އަދި ވިދާޅުވީ މި އަހަރުގެ ހޫނު މޫސުމުގައި އޭނާ އެނބުރި އެމެރިކާ އަށް ވަޑައިގަންނަވާނެ ކަމަށާއި ރާއްޖެ އަށް ކަނޑައަޅާފައި ހުންނަ ސަފީރުގެ ގޮތުގައި މަސައްކަތް ކުރެއްވި އިރު ރާއްޖެ އިން އޭނާއާ މުއާމަލާތް ކުރެއްވި ހުރިހާ ބޭފުޅުން ވެސް މުއާމަލާތް ކުރައްވާފައި ވަނީ ވަރަށް ރަނގަޅަށް ކަމަށެވެ.
އެމެރިކާގެ މިނިވަން ދުވަސް ފާހަގަ ކުރުމަށް އިއްޔެ ހަވީރު ޓްރޭޑާސް ހޮޓަލުގައި ބޭއްވި ހަފުލާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު މުހައްމަދު ވަހީދުއްދީން ވެސް ވާހަކަފުޅު ދެއްކެވި އެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި އެމެރިކާ އިން ރާއްޖެ އަށް ވެދޭ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައި، އެމެރިކާ އަށް ވަރަށް ބޮޑަށް ތައުރީފުކުރެއްވި އެވެ.
އިއްޔެގެ ހަފުލާގައި ދައުލަތުގެ ވަޒީރުންނާއި މިނިވަން މުއައްސަސާތަކުގެ އިސްބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ބައިވެރިވަޑައިގެންނެވި އެވެ.
އެމެރިކާގެ މިނިވަން ދުވަހަކީ މިމަހުގެ ހަތަރުވަނަ ދުވަހެވެ.