ގައިދީންނަށް އާފޫއާންމު ދެނީ ހެޔޮ ނިޔަތުގައި ދެވަނަ ފަހަރަށް އަލުން އަނބުރާ މުޖުތަމައަށް އެފަދަ މީހުން ގެނައުމަށް ކަމަށް އަބަދުވެސް ސަރުކާރުން ބުނެ އެވެ. ރައީސް މައުމޫން ދައުރުގައި ވެސް ކަން އޮތީ މިހެނެވެ. ރައީސް ނަޝީދުގެ ސަރުކާރުގައި ވެސް "ދެވަނަ ފުރުސަތުގެ" ނަމުގައި އަފޫއާންމު އިއުލާންކޮށް 400 އެއްހާ ގައިދީން މިނިވަން ކުރި އެވެ. އޭގެތެރޭގައި ޝަރުތު ހަމަނުވާ 218 ގައިދީއަކު ވެސް ހިމެނެ އެވެ. ނަމަވެސް ކަންތައް ވެގެންދަނީ އެއާ ޚިލާފަށެވެ. އަބަދުވެސް އެކަން ވެފައި ވަނީ ސިޔާސީ އާފޫއާންމަކަށެވެ. ސިޔާސީ ބޭނުމަކު ކުރާ އެފަދަ ކަމަކުން ނުކުންނަ ނަތީޖާގެ ހުރިހާ ގެއްލުމެއް ލިބެނީ ރައްޔިތުންނެވެ.

ރައީސް ނަޝީދުގެ ސަރުކާރުން 400 އަށް ވުރެ ގިނަ ގައިދީން މިނިވަން ކުރަމުން ބުނެފައިވަނީ އެކަމުގެ ސަބަބުން ކުށް ކުރުން އިތުރުވެގެންދާނެ ކަމަށް ނުބެލެވޭ ކަމަށެވެ. ނަމަވެސް ދޫކޮށްލި ދެވަނަ ފުރުސަތުގެ ގައިދީންގެ މައްސަލަތައް، މުޒާހަރާތަކާއި މަސްތުވާތަކެތިން ފެށިގެން ގޮސް ދެވަނަ ފުރުސަތުގެ އޮފީސް ފަޅާލީ ވެސް ދެވަނަ ފުރުސަތުގެ ދަށުން ދޫކޮށްލާފައި ހުރި މީހެކެވެ. ދެން އަޑުއިވިގެން ދިޔައީ ދެވަނަ ފުރުސަތުގެ ތެރެއިން މައާފު ލިބިގެން ދޫކޮށްލާފައި ހުރި މީހަކު ގޮސް މީހަކު މަރާލި ވާހަކަ އެވެ.

ސުލޫކާ އުސޫލަށް ބެލުމަށްފަހު ގާނޫނާއި ގަވާއިދުގެ ތެރެއިން ގައިދީއަކު އަނބުރާ މުޖުތަމައަށް އައުމަށް ފުރުސަތު ދިނުމަކީ މައްސަލައެއް ނޫން ކަމަށެވެ. ނަމަވެސް އޮންނަ އުސޫލާ ޚިލާފަށް ކުށްކުރުމުގައި ދެމި ތިބޭ ކުށްކުރަން ހިތްވަރުދޭ މީހުން މުޖުތަމައަށް ދޫވެގެން ދިއުމަކީ އެއްގޮތަކަށް ވެސް ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

"ދެވަނަ ފުރުސަތުގެ ދަށުން ގިނަ މީހުން ޖަރީމާތަކުގެ ބައިވެރިވާ ކަމުގެ ޚަބަރުތައް މިދަނީ ލިބެމުން. މިކަމަށް އޮތް ހައްލަކީ އަޅުގަނޑުމެންގެ އަގީދާ ވަރުގަދަކޮށް އިސްލާމްދީނުގައިވާ ގޮތުގެ މަތީން ކުއްތަކަށް އަދަބު ކަނޑައެޅުން ގާނޫނުގައިވާ ގޮތުގެ މަތީން،" އިސްލާމިކް މިނިސްޓަރު ވިދާޅުވި އެވެ.

ދެވަނަ ފުރުސަތުގެ ދަށުން އެތައް ބަޔަކު މުޖުތަމައަށް ދޫކޮށްލާފައިވާއިރު، އެމީހުން އަނބުރާ ޖަލަށް ގެންދާނެ ކަމަށް ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެ އެވެ.

"[ކުރީގެ ސަރުކާރުގެ] ވިސްނުން އޮތީ ދެވަނަ ފުރުސަތުގެ ދަށުން ދޫކޮށްލާ މީހަކު ކުށަކަށް އަރައިގަތުމުން އަނބުރާ ގެންދިއުން. ނަމަވެސް އަޅުގަނޑުގެ ސިޔާސަތަކީ އެ ނިޒާމުގެ ތެރެއިން ދޫކޮށްލާފައިވާ މީހުންގެ ތެރެއިން ބޮޑެތި ކުށްތައް ކޮށްފައިވާ މީހުން ދޫކޮށްލާފައި ތިބީ އެއްވެސް ކަހަލަ އުސޫލެއްގެ ދަށުން ކަމުގައި ނުވާތީ އެމީހުން އަނބުރާ [ޖަލަށް] ގެންދިއުން،" ޖަމީލް ވިދާޅުވި އެވެ.

އެތަށް ގައިދީންނަށް މުޖުތަމައަށް ދޫވެ އެތަށް ކުށަކަށް އަރައިގަންނަމުންދާއިރު، އެފަދަ މީހުން ހައްޔަރު ކޮށް ތަހުގީގު ކުރުމުގައި، ގާނޫނު ނެގެހެއްޓުމުގެ ޒިންމާއަދާކުރާ ފުލުހުންގެ މުއައްސަސާއަށް ބޮޑެތި ގޮންޖެހުން ތަކެއް ހުރިކަން ހޯމް މިނިސްޓަރު ފާހަގަ ކުރައްވަ އެވެ. އަތޮޅުތަކުގައި ތިބޭ ފުލުހުންނަށް ތަހުގީގު ކުރާނެ ވަސީލަތްތަކާއި ތަމްރީނު ލިބިފައި ތިބި ފުލުހުން މަދުވުން އެއީ އެއް ސަބަބެވެ.

"ކުރީގައި ފުލުހުން ހަދާފައިވަނީ ސިޔާސީ ހަތިޔާރަކަށް. ފުލުހުންގެ މަސައްކަތުގެ ތެރެއިންނެތް ނޫން މަސައްކަތް ކުރަމުންދިޔައީ،" ޑރ. ޖަމީލް ވިދާޅުވި އެވެ.

މީހުން މެރުމާއި ފޭރުމާއި ވައްކަން ފަދަ ނުބައި ހުރިހާ ކަމެއް އާންމުވެގެން ގޮސްފައިވާއިރު، ކުށްވެރިން މުޖުތަމައަށް ދޫވެގެން ދިއުމުގައި ޝަރުއީ ދާއިރާގެ އިހުމާލު އޮތް ކަމަށް ވެސް ގިނަ ސިޔާސީ ފަރާތްތަކުން ތުހުމަތު ކުރެ އެވެ. އަދި ގާނޫނީ ވަކީލު އަހުމަދު ނަޖީބުގެ މަރާ ގުޅިގެން މައްސަލަ ބެލުމުގައި ތަފާތު ކުރުން ގެންގުޅޭ ކަމަށް ސަރުކާރަށް ތުހުމަތު ކުރެވިގެންދިޔަ އެވެ.

ނަމަވެސް އެޓާނީ ޖެނެރަލް އާޒިމާ ޝަކޫރު ވިދާޅުވީ ވަކި މައްސަލައެއް ބެލުމުގައި ސަރުކާރުން ތަފާތު ނުކުރާނެ ކަމަށާއި ގޮންޖެހުން ތަކާއެކު ވެސް ޒިންމާ އަދާކުރަން އެ މުއައްސަސާ އޮތީ ތައްޔާރަށް ކަމަށެވެ.

"އެފަދަ މައްސަލަ ތަކުގެ ޒިންމާ އަދާކުރަން އަޅުގަނޑުމެން މިތިބީ ތައްޔާރަށް، ބޮޑެތި ގޮންޖެހުތަކާ އެކު ނަމަވެސް. ފަނަރަ ވަކީލުން ވެސް ހަމަނުވާއިރު ވެސް ކެރިގެން އެމައްސައްކަތް ކުރާނަން. ވަކި މައްސަލައެއް ބެލުމުގައި ތަފާތު ނުކުރާނެ،" އާޒިމާ ވިދާޅުވި އެވެ.

ސަރުކާރުގެ ވާހަކަތައް މިހެން ހުރި ނަމަވެސް މިއަހަރުގެ ހަތް މަސް ތެރޭ މިރާއްޖޭގައި ހަތް މީހަކު މަރާލާއިފި އެވެ. އޭގެތެރެއިން މައްސަލަ ސާބިތުވަނީ ވެސް ބައެއް މީހުންގެ މައްޗަށެވެ. އަނެއްކާވެސް ދެން ފެންނަނީ ދެވަނަ ފުރުސަތު ނުވަތަ ކޮންމެ ވެސް އަފޫއާންމެއްގެ ދަށުން މުޖުތަމައުތެރެއަށް ނުކުމެ އާންމު ރައްޔިތުންގެ މުދަލަށާއި ފުރާނައަށް ގެއްލުންދީގެން ހައްޔަރު ކުރާ މަންޒަރެވެ.

ދެވަނަ ފުރުސަތުގެ މީހުން ކުށަށް އަރައިގަންނަމުންދާ މައްސަލައާއި ގުޅިގެން އޭރުގެ ރައީސް ވިދާޅުވެފައިވަނީ ދެވަނަ ފުރުސަތުގައި ދޫކުރާ ބައެއް މީހުން ކުށް ކުރާނެ ކަމަށާއި އެކަން އާންމުން ގަބޫލު ކުރަން ޖެހޭނެ ކަމަށެވެ. ނަމަވެސް ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ ގައިދީން ޖަލުން ނުކުމެ މިނިވަންކަމާއެކު މުޖުތަމައުގައި ކުށްތަކަށް އަރައިގަންނަމުންދާއިރު، ލިބޭ ހުރިހާ ގެއްލުމެއްގެ ޒިންމާ އުފުލަންޖެހިފައި މިވަނީ ނިކަމެތި ރައްޔިތު މީހާއެވެ. މީހުން މަރަމުން ދާއިރު ވެސް ގައިދީން ކުށްކުރާނެ ކަމަށް ގަބޫލުކޮށްގެން އަދިވެސް ހަމަ ދެވަނަ ފުރުސަތުގެ ދީގެން ތިބެން ވީހެވެ.