09 Jul 2012, 09:21
ވޮޝިންގޓަން (ޖުލައި 9): ހީނަރުވެފައިވާ އެމެރިކާގެ އިޤްތިސާދު އަލުން ބިނާކުރުމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ ގޮވާލައްވައިފި އެވެ.
ރޭޑިޔޯ މެދުވެރިކޮށް ދެއްވި ޚިތާބެއްގައި އޮބާމާ ވިދާޅުވީ އެމެރިކާގެ އިޤްތިސާދު އެންމެ ބޮޑަށް ހީނަރުވި ދުވަސްވަރު ގެއްލުނު ވަޒީފާތަކުގެ ތެރޭން ބައެއް ވަޒީފާ އަލުން އިޢާދަކުރެވުމާ އެކު އެމެރިކާގެ އިޤްތިސާދު ރަނގަނޅުވަމުން އައިނަމަވެސް އަލަށް އުފަންވާ އެމެރިކާގެ ރައްޔިތުންނަށް ވެސް މުސްތަޤްބަލްގައި ވަޒީފާގެ ފުރްސަތުތައް ލިބޭގޮތަށް އެމެރިކާގެ އިޤްތިސާދު ބިނާކުރަންޖެހިފައިވާ ކަމުގަ އެވެ.
އޮބާމާ މިމޭރުމުން ވާހަކަ ދެއްކެވީ އެމެރިކާގެ ހީނަރުވެފައިވާ އިޤްތިސާދަށް އަލުން ދިރުން ގެނައުމުގައި އޮބާމާގެ ސަރުކާރު ފޭލްވެފައިވާ ކަމަށް ކުރިޔަށް އޮތް އެމެރިކާގެ ރިޔާސީ އިންތިޚާބުގައި އޮބާމާއާ ވާދަކުރައްވާ އިދިކޮޅު ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓް މިޓްރުމްނީ ތުހުމަތުކުރެއްވުމާ ގުޅިގެންނެވެ. އެމެރިކާގެ އިޤްތިސާދު ހަރުދަނާކުރުމަށް ޓަކައި ކޮންގްރެސް އިން ފާސްކޮށްފައިވާ 100 މިލިޔަން ޑޮލަރުގެ ޤާނޫނެއް އޮބާމާ އިއްޔެ ވަނީ ތަސްދީގު ކުރައްވައިފަ އެވެ. އެ 100 މިލިޔަން ޑޮލަރު ހޭދަކުރުމަށް ހަމަޖެހިފައި ވަނީ އެމެރިކާގެ މަގުތަކާއި ބްރިޖްތައް ފަދަ ދަތުރުފަތުގެ ނިޒާމުގެ އިންފްރާސްޓްރަކްޗަރގެ ފެންވަރު ރަނގަނޅު ކުރުމަށެވެ.
އިޤްތިސާދީ ތަޖްރިބާކާރުން ވިދާޅުވާ ގޮތުން އެމެރިކާގެ އިޤްތިސާދު މިހާރުވެސް ވަނީ ނާޒުކު ޙާލަތެއްގަ އެވެ. އެމެރިކާގެ ބޭންކްތައް ބަނގުރޫޓްވުން ހުއްޓުމަކަށް ނައުމާއި އެމެރިކާގެ އެތެރޭގެ ދަރަނި އާދަޔާ ޚިލާފަށް ބޮޑުވެ ދައުލަތަށް ލިބޭ އާމްދަނީއަށް ވުރެ ޚަރަދު ބޮޑުވަމުންދާ މައްސަލަ ނިމުމަކަށް ނައުމުގެ ސަބަބުން އެމެރިކާގެ އިޤްތިސާދުގެ މުސްތަޤްބަލް އޮތީ ބަނަކޮށްކަމަށް އެ ފަރާތްތަކުން ދެކެ އެވެ. އެމެރިކާއާ ވާދަކުރާ ޗައިނާ ފަދަ ޤައުމުތަކުގެ އިޤްތިސާދީ ކުރިއެރުމާ އަޅާބަލާ އިރު އެމެރިކާގެ އިޤްތިސާދީ ކުރިއެރުން އުޅެނީ އެތައްގުނައެއް ފަހަތުުގަ އެވެ. (ނޫސްއެޖެންސީތައް)