އެމްޑީޕީގެ މެޖޯރިޓީ އޮންނަ މާލޭ ސިޓީ ކައުންސިލުން އެމްޑީޕީގެ ސިޔާސީ ހަރަކާތްތައް ހިނގަން އުސްފަސްގަނޑު އިތުރު ތިން މަސް ދުވަހަށް ދީފައިވަނީ އުސްފަސްގަނޑުގެ މައްސަލަ ސަރުކާރުން ކޯޓަށް ވައްދާފައި ވަނިކޮށެވެ. މާލޭގެ ގިނަ ބަޔަކު ހިތް ފަސޭހަ ކޮށްލަން ގޮސް އުޅޭ ސަރަހައްދެއްގައި އޮންނަ އުސްފަސްގަނޑު ގަވާއިދާ ހިލާފަށް ބޭނުން ކުރަމުން ގެންދާ ކަމަށް ބުނެ އެ މައްސަލަ ސަރުކާރުން ކޯޓަށް ވައްދާފައިވަނީ އެ ސަރަހައްދު ހައުސިން މިނިސްޓްރީއާ ހަވާލު ކުރުމަށް ސިޓީ ކައުންސިލަށް އެނގުމަށްފަހު ވެސް ސިޓީ ކައުންސިލުން އެކަމަށް އިޖާބަދީފައި ނުވާތީ އެވެ.

މާލޭ ސިޓީ ކައުންސިލާ އުސްފަސްފަނޑުގެ ސަރަހައްދު ސަރުކާރުން ހަވާލުކޮށްފައި ވީނަމަވެސް އުސްފަސްގަނޑުގެ ސަރަހައްދު ބާއްވަން ޖެހޭނީ އާންމުންގެ ލުއިފަސޭހައަށް ބޭނުންކުރެވޭ ޕަބްލިކް އޯޕަން ސްޕޭސް އެއްގެ ގޮތުގައި ކަމަށް މާލޭ ސިޓީ ކައުންސިލާ އެކު ސަރުކާރުން ވެފައިވާ އެއްބަސްވުމުގައިވެ އެވެ.

ނަމަވެސް އެ ސަރަހައްދު އެމްޑީޕީން ބޭނުންވާ ގޮތަށް އެ ޕާޓީއަށް ސިޓީ ކައުންސިލުން ދޫކުރަމުން ގެންދާތީ ސިޔާސީ އެހެން ޕާޓީތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި މާލޭގެ ހުހަށް އޮންނަ އެފަދަ އެހެން ސަރަހައްދުތައް ހޯދުމަށް އެތައް ފަހަރެއްގެ މަތިން އެކިއެކި ޕާޓީތަކުން ވަނީ ސިޓީ ކައުންސިލަށް ހުށަހަޅައިފަ އެވެ.

މާލޭ ސިޓީ ކައުންސިލުން، ހައުސިންގް މިނިސްޓްރީން އެދުނު ގޮތަށް އެސަރަހައްދު ހުސްކޮށްފައި ނުވުމުން އުސްފަސްގަނޑު ހޯދުމަށް އެމައްސަލަ ޝަރީއަތަށް ހުށަހެޅުމަށް ނިންމެވީ ވަޒީރުންގެ މަޖިލީހުގެ ޖަލްސާއަކުން އެގޮތަށް ފާސްކުރުމަށްފަހު އެވެ.

އުސްފަސްގަނޑުގެ ހޯދުމަށް ސަރުކާރުން އެމައްސަލަ ކޯޓަށް ވައްދާފައިވާއިރު އެސަރަހައްދުގައި ޖިނާއީ ކުށްތަކެއް ކުރަމުން ގެންދާ ކަމުގެ ތުހުމަތުކޮށް ކޯޓު އަމުރެއްގެ ދަށުން އެސަރަހައްދު ބަލާ ފާސްކުރުމަށް ފުލުހުން އުސްފަސްގަނޑަށް އެރީ އެވެ. އަދި އެފަދަ ކުށްތައް އެސަރަހައްދުގައި ހިނގަމުން ގެންދާ ކަމުގެ ހެކިތައް އެސަރަހައްދުން ލިބިފައިވާ ކަމަށް ބުނެ ފުލުހުން އެސަރަހައްދު ރޫޅާލުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، އެމްޑީޕީން ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ސިވިލް ކޯޓުން ވަނީ އެމަސައްކަތް ހުއްޓުވާފަ އެވެ. އޭރު ސިފައިންނާއި ފުލުހުން ވަނީ އުސްފަސްގަނޑުގެ ބޮޑު ބައެއް ރޫޅާލާފަ އެވެ.

ކޮންމެއަކަށް އުސްފަސްގަނޑަކީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރު ބަދަލުވި ފަހުން މާލޭ ސިޓީ ކައުންސިލުން އެމްޑީޕީގެ ސިޔާސީ ހަރަކާތްތައް ހިނގުމަށް ދިން ސުނާމީ ބިނާ ސަރަހައްދުގައި ޖިނާއީ ކުށްތަކެއް ކުރަމުން ގެންދާ ކަމުގެ ތުހުމަތުގައި ގައުމީ ދިފާޢީ ބާރުތަކުން އެ ސަރަހައްދުން އެމްޑީޕީ ޖަހާފައިވާ ކޭންޕްތައް ރޫޅާލައި އެސަރަހައްދު ސާފުކުރުމާ ގުޅިގެން ދެވެނަ ފަހަރަށް އެޕާޓީގެ ސިޔާސީ ހަރަކާތްތައް ހިންގުމަށް ސިޓީ ކައުންސިލުން އެމްޑީޕީއަށް ދިން މައިދާނެވެ.

ސިޓީ ކައުންސިލުން ވަކި ޕާޓީއެއްގެ ސިޔާސީ ހަރަކާތްތައް ހިނގުމަށް މާލޭގެ ސަރަހައްދުތައް ދެމުން ގެންދާ މައްސަލަ ސަރުކާރަށް ތާއީދުކުރާ އެހެން ޕާޓީތަކުން ގެންދަނީ ކުށްވެރި ކުރަމުންނެވެ.

އެމްޑީޕީގެ ސިޔާސީ ހަރަކާތްތައް ކުރިއަށް ގެންދާ އެމްޑީޕީގެ އުސްފަސްގަނޑުގެ ސަރަހައްދު އަތުލައިފިނަމަ މުޅި މާލޭގައި އިހުތިޖާޖުކުރާނެ ކަމަށް އެޕާޓީގެ ރައީސް ރީކޯ މޫސަ ވިދާޅުވި އެވެ.

މާލޭ ސިޓީ ކައުންސިލުން އެމްޑީޕީއަށް އުސްފަސްގަނޑުގެ ސަރަހައްދު ދިނުމާ ގުޅިގެން ޕީޕީއެމުން އެޕާޓީގެ ސިޔާސީ ހަރަކާތްތައް ހިންގުމަށް އެއް އަހަރު ދުވަހުގެ މުއްދަތަކަށް އާޓިފިޝަލް ބީޗް ސަރަހައްދު އެޕާޓީއަށް ދިނުމަށް ސިޓީ ކައުންސިލްގައި އެދުނުނެވެ. ނަމަވެސް އެފަދަ ދިގު މުއްދަތަކަށް އެއްވެސް ސިޔާސީ ޕާޓީއަކަށް އެ ސަރައްދު ދޫނުކުރެވޭނެ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

އެމްޑީޕީއަށް އުސް ފަސްގަނޑު ދޫކުރުމަށް ފަހު ޕީޕީއެމުން އާޓިފިޝަލް ބީޗް ސަރަހައްދު ދެވެން ނެތް ކަމަށް ސިޓީ ކައުންސިލުން ބުނެފައިވާތީ އެމައްސަލަ ކޯޓަށް ހުށަހެޅުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށް ޕީޕީއެމުން ވަނީ ބުނެފަ އެވެ.

ސިޔާސީ ހަރަކާތްތައް ހިންގުމަށް ޕާޓީތަކަށް ވަކިވަކި ބިންތަކެއް މާލޭގައި ހުރި ހުސްބިންތަކުން ދިނުމަށް ނިންމައިގެން ވެސް މިމައްސަލައަށް އަދި ހައްލެއް ލިބޭނެ ގޮތެއް ނެތެވެ. އާއްމުންގެ ލުއިފަސޭހައަކަށް މިފަދަ ބިންތައް ބޭނުން ކުރެވެންޖެހެ އެވެ.

އެމްޑީޕީގެ އުސްފަސްގަނޑާ މެދު ގޮތެއް ނިންމެން އޮތީ ކޯޓު މަރުހަލާގައި ކަމުގައިވާއިރު އެމައްސަލަ ދިގު ދެމިގެން ހިނގައްޖެނަމަ އިތުރު މައްސަލަތަކެއް ނުކުތުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބައެއް ސިޔާސީ ޕާޓީންތަކުން ދެކެ އެވެ. އުސްފަނގަޑު ހޯދުމަށް ސަރުކާރުން ސިޓީ ކައުންސިލާ ދެކޮޅަށް ހުށަހެޅި މައްސަލަ ނިމިގެންދާނެ ގޮތެއް އެކަމަށް ގޮތެއް ކަނޑައަޅާނެ ކަން ކަށަވަރުވެފައިވާއިރު ކުރިއަށް އޮތީ ރިޔާސީ އިންތިހާބް ކަމުގައިވެފައި ހަމަހަމަ ކަމާ އެކު ސިޔާސީ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހުރިހާ ޕާޓީތަކަށް ލިބިގެންދާ ފުރުސަތުތައް ގެއްލިގެންދާނެ ކަމަށް ވެސް ބައެއް ފަރާތްތަކުން ގަބޫލް ކުރެ އެވެ.