ޤާހިރާ (ޖުލައި 9): މިސްރުގެ ޕާލަމެންޓް އުވާލުމަށް އެޤައުމުގެ އިންތިޤާލީ މަރްޙަލާގައި ވެރިކަންކުރި ޢަސްކަރީ މަޖިލީހުން ނެރުނު ރިޔާސީ ޤަރާރަކީ ބާތިލް ޤަރާރެއް ކަމަށް ނިންމައި އެ ޤަރާރު އުވާލުމުގެ ރިޔާސީ އައު ޤަރާރެއް މިސްރުގެ ރައީސް ޑރ. މުޙައްމަދު މަރްސީ ނެރުއްވައިފި އެވެ.

މަރްސީގެ އޮފީހުން އިއްޔެ ނެރުނު ރިޔާސީ ޤަރާރުގައި ޢަސްކަރީ މަޖިލީހުން އުވާލާފައިވާ މިސްރުގެ ޕާލަމެންޓްގެ ޖަލްސާތައް އަލުން ބާއްވައި ޕާލަމެންޓްގެ މަސައްކަތް ކުރިޔަށް ގެންދިޔުމަށް ގޮވާލާފައިވެ އެވެ. މަރްސީ ވެރިކަމާ ޙަވާލުވެވަޑައިގަތުމުން މިސްރުގައި ކުރިން ވެރިކަންކުރި ޢަސްކަރީ މަޖިލީހުގެ ތަންފީޒީ ބާރުވަނީ ގެއްލިގެންގޮސްފަ އެވެ. ނަމަވެސް ޕާލަމެންޓް އުވާލުމަށް ފަހު އެ މަޖިލީހުން އަމިއްލައަށް ހޯދި ޤާނޫނު ހެދުމުގެބާރު (ޕާލަމެންޓްގެ ބާރު) ޢަސްކަރީ މަޖިލީހަށް ލިބިގެންވާ ކަމަށް އެމަޖިލީހުން ބުނެ އެވެ.

މަރްސީގެ މިޤަރާރާ އެކު ޢަސްކަރީ މަޖިލީހުން އަމިއްލަ އަށް ހޯދި ޤާނޫނު ހެދުމުގެބާރު ގެއްލިގެންދާ އިރު މިސްރުގެ ރައްޔިތުން އިންތިޚާބުކޮށްފައިވާ ރިޔާސީ ބާރާއި މިސްރުގެ ބާރުގަދަ ޖެނެރަލުންގެ މައްޗަށް އެކުލެވޭ ޢަސްކަރީ މަޖިލީހާ ދެމެދު ގުޅުންތައް ގޯސްވެގެންދިޔުމަކީ އެކަށީގެންވާ ކަމެކެވެ. ރައީސް މަރްސީގެ ޤަރާރާ އެކު ޕާލަމެންޓްގެ މަސައްކަތްތައް އަލުން ފެށުމުން ޢަސްކަރީ މަޖިލީހަކީ ދަސްތޫރީ ބާރުނެތް މަޖިލީހަކަށް ވެގެންދާނެތީ މިސްރުގެ ވެރިކަމުގެ ނިޒާމުގައި ބާރާއި ނުފޫޒު ގަދަ ޢަސްކަރީ ޖެނެރަލުންނާއި މިސްރުގެ ރައްޔިތުން އިންތިޚާބުކޮށްފައިވާ ދިމުޤްރާތީ މުއައްސަސާތަކާ ދެމެދު ކުރިމަތިލުމަކަށް ހިނގައިދާނެ ކަމަށް މަސްރަޙް ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ. މަރްސީ ނެރުއްވި ރިޔާސީ ޤަރާރާ ގުޅިގެން ޢަސްކަރީ މަޖިލީހުން ވަނީ ކުއްލި ބައްދަލުވުމެއް ބާއްވާފަ އެވެ. ނަމަވެސް އެޤަރާރަށް ރައްދިނުމަށް ނެރޭނެ ބަޔާނަކާ މެދު މަޖިލިސްގެ މެންބަރުންނަށް ގޮތެއް ނުނިމި ބައްދަލުވުންވަނީ ނިންމާލާފަ އެވެ.

ރައްޔިތުންގެ އުތުރިއެރުމާ އެކު މަޖްބޫރުވެވަޑައިގެން މިސްރުގެ ކުރީގެ ރައީސް މުބާރަކްގެ އިސްތިއުފާ ދެއްވަމުން ރިޔާސީ ޤަރާރަކުން އުފެއްދެވި ޢަސްކަރީ މަޖިލީހުން މިސްރުގެ ޕާލަމެންޓް އުވާލުމުގެ ޤަރާރު ނެރުނީ ޕާލަމެންޓްގެ ބައެއް މެންބަރުން އިންތިޚާބުކޮށްފައި ވަނީ އިންތިޚާބުތަކާ ބެހޭ ޤާނޫނާ ޚިލާފަށްކަމަށް ބުނެ މިސްރުގެ ދަސްތޫރީ ކޯޓުން ކުރި ޙުކުމަކަށްފަހު އެވެ. ދަސްތޫރީ ކޯޓުގެ ޙުކުމްގައި ޕާލަމެންޓް އުވާލުން ހިމެނިފައެއްނުވެ އެވެ.

މަރްސީގެ ޤަރާރާ ގުޅިގެން މިސްރުގެ ޕާލަމެންޓްގެ ރައީސް މުޙައްމަދު ސަޢްދުލްކަތާތިނީ ވަނީ ޕާލަމެންޓްގެ ޖަލްސާތައް އަލުން ބާއްވައި ކުރިއެކޭ ވެސް އެއްގޮތަށް ޕާލަމެންޓްގެ މަސައްކަތް ދެން ކުރިޔަށް ގެންދަވާނެކަން ހާމަކުރައްވާފަ އެވެ.
މިސްރުގެ ރިޔާސަތުގައި ކޮންމެ ބޭފުޅަކު ހުންނެވި ނަމަވެސް ރިޔާސަތުން ނެރޭ ޤަރާރެއް ކޯޓުން ބާތިލް ނުކުރާހާ ހިނދަކު އެޤަރާރާއެއް ގޮތަށް އަމަލު ކުރައްވާނެ ކަމަށް ސަޢްދު ވިދާޅުވި އެވެ. މަރްސީ ނެރުއްވި ރިޔާސީ ބަޔާނުގައި ޢަސްކަރީ މަޖިލީހުން އަމިއްލަ އަށް ހޯދާފައިވާ ޤާނޫނު ހެދުމުގެ ބާރު އުވާލައި އެބާރު އަލުން ޕާލަމެންޓާ ޙަވާލުކޮށްފައިވެ އެވެ. ނަމަވެސް ޕާލަމެންޓުން އެކުލަވާލަން ޖެހޭ މިސްރުގެ އައު ދަސްތޫރު އެކުލަވާލުމުގެ ކަންތައް ނިމޭތާ 60 ދުވަހުގެ ތެރޭގައި އައު ޕާލަމެންޓެއް އެކުލަވާލުމަށް ޓަކައި އިންތިޚާބެއް ބޭއްވުމަށް ގޮވާލާފައިވެ އެވެ. (އަލްޖަޒީރާ)