މި އަހަރުގެ މާޗް މަހުގެ ފަހުކޮޅު "ނަސްރު" ދޯނިން ހޮވި 20 ކިލޯ އަށް ވުރެ ބަރު މާވަހަރުގެ ދެބައިކުޅަ އެއްބައި ހައްގުވެގެން ވަނީ އެ ދޯނީގެ ވެރިފަރާތް ކަމަށްވާ ގ. ޑްރީމްއޮފް ގާޑަން، މުހައްމަދު އަނިލް އަށް ކަމަށް ސިވިލް ކޯޓުން ކަނޑައަޅައިފި އެވެ.

ސިވިލް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނަނީ ދައުވާކުރާ ފަރާތާއި ދައުވާލިބޭ ފަރާތުން ދައްކާފައިވާ ވާހަކަތަކާއި ހުށަހަޅާފައިވާ ބަޔާންތަކަށާއި ހެއްކަށް ބެލުމުން އެ ދޯންޏަކީ ވިޔަފާރިކޮށްގެން ލިބޭ ފައިދާ ވަކި އުސޫލެއްގެ ދަށުން ދެ މީހުންނަށް ލިބޭނެ ގޮތަށް ކުރާ އަގުދެއްގެ ދަށުން ޅ. ނައިފަރު، ނޫރާނީއާގޭ، އަބްދުﷲ މުހައްމަދާ ހަވާލުކޮށްފައިވާ ދޯންޏެއް ކަމަށް ޝަރުއީ އަދި ގާނޫނީ ހަމަތަކުން ޝަރީއަތަށް ބުރަވެވޭ ކަމަށެވެ.

އަދި އެ ދޯނި ރަޖިސްޓްރީކޮށްފައި ވަނީ އަނިލްގެ ނަންމަތީގައި ކަން އެނގެން އޮތަތީ ޝަރީއަތް ކުރުމާ ބެހޭ ގަވާއިދުގެ ދަށުން މާވަހަރުގެ ދެބައި ކުޅަ އެއްބައި ހައްގުވެގެން ވަނީ އަނިލް އަށް ކަމަށް ކަނޑައަޅައި ހުކުމް ކުރީ ކަމަށް ވެސް އެ ހުކުމްގައިވެ އެވެ.

އެ މާވަހަރު ފެނިފައި ވަނީ ހުވަދޫ ކަނޑުގައި އެ ދޯނި ކަންނެއްޔަށް ނުކުމެ އުޅެނިކޮށް ފަޅުވެރިންނާއި ކެޔޮޅު އަބްދުﷲ މުހައްމަދަށެވެ.