ޓްރިޕޮލީ (ޖުލައި 8): ލީބިޔާގައި ޕާލަމެންޓެއް އިންތިޚާބު ކުރުމަށް ބޭއްވި އިންތިޚާބުގެ ވޯޓުތައް ގުނަމުންދާ އިރު ހުރިހާ ދާއިރާތަކަކުން ކުރިހޯދަމުންދަނީ ލެބެރަލް ޚިޔާލުގެ ގުޅިފައިވާ ޕާޓީތައް ކަމަށް އެޕާޓީތަކުން ބުނެފި އެވެ.

ލީބިޔާގެ ލެބެރަލް ޚިޔާލުގެ ގުޅިފައިވާ ޕާޓީތަކުގެ އިއްތިޙާދުގެ ފަރާތުން ވާހަކަ ދެއްކި ތަރްޖަމާނަކު ވިދާޅުވި ގޮތުގައި މިހާތަނަށް ގުނާފައިވާ ވޯޓުތަކަށް ބަލާއިރު ލެބެރަލް އިއްތިޙާދުގެ ޕާޓީތައް އުޅެނީ އެހެން ޕާޓީތަކަށްވުރެ ކުރީގަ އެވެ. ނަމަވެސް ލީބިޔާގެ އިސްލާމީ ޚިޔާލުގެ ޕާޓީތަކުން ބުނަނީ އިންތިޚާބުގައި ކުރިހޯދަމުން ގެންދަނީ އެޕާޓީތަކަށް ނިސްބަތްވާ ކެންޑިޑޭޓުން ކަމުގަ އެވެ. މިކަމާބެހޭ ގޮތުން ލީބިޔާގެ އިންތިޚާބުތަކާ ބެހޭ ކޮމިޝަނުން އެއްޗެއް ބުނެފައެއް ނުވެ އެވެ.
ލީބިޔާގެ އިންތިޚާބުތަކާ ބެހޭ ކޮމިޝަނަރު ނޫރީ އަލްޢައްބާރު ވިދާޅުވި ގޮތުގައި މިއިންތިޚާބުގައި 60 ޕަސެންޓް މީހުން ވޯޓުލުމުގައި ބައިވެރިވި އެވެ. އަދި އިންތިޚާބަށް ކުރިމަތިވި ގޮންޖެހުންތަކާއެކު ވެސް އިންތިޚާބުގެ ކަންތައްތައް ކާމިޔާބުކަމަށް ޢައްބާރު ވިދާޅުވި އެވެ. ލީބިޔާގެ އިންތިޚާބުތަކާ ބެހޭ ކޮމިޝަން ބުނާ ގޮތުން މިއިންތިޚާބުގެ ދާއިމީ ނަތީޖާ އިޢްލާންކުރެވޭނީ މިމަހުގެ 11 ވަނަ ދުވަހު އެވެ. އިންތިޚާބު ކުރިޔަށްދިޔަ އިރު ހަތިޔާރުއެޅި ބައެއް ފަރާތްތަކުގެ ހުރަސްއެޅުންތަކުގެ ސަބަބުން ހަތަރު ވޯޓުފޮއްޓެއްގެ މަސައްކަތް ލަސްވެފައިވެ އެވެ.

ލީބިޔާގައި އިންތިޚާބުކުރާ ނެޝަނަލް ކޮންގްރެސް (ޕާލަމެންޓަކީ) އިންތިޤާލީ ޕާލަމެނެޓެކެވެ. މި ޕާލަމެންޓްގެ މަސައްކަތަކީ ލިބިޔާގައި ޑިމޮކްރެޓިކް ނިޒާމެއް ޤާއިމް ކުރުމަށް ބޭނުންވާ ދަސްތޫރެއް އެކުލަވާލުމާއި ބަރުލަމާނީ ނިޒާމުގެ އިންތިޤާލީ ސަރުކާރެއް އެކުލަވާލުމެވެ. (އަލްޢާލަމް)