ރައްޔިތުންގެ ދިރިއުޅުން ދުވަހުން ދުވަހަށް ރައްކާތެރިވާން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށާއި މުޒާހަރާތަކުގައި ހަމަނުޖެހުން ހިނގާ ކަމާއި ނޫސްވެރިންނާ ދެކޮޅަށް ހަމަނުޖެހުން ހިންގާ ކަމުގެ މައުލޫމާތު ލިބެމުންދާ ކަމަށް އެމެރިކާ އިން ރާއްޖެ އަށާއި ސްރީލަންކާ އަށް ކަނޑއައަޅާފައި ހުންނަވާ ސަފީރު ޕެޓްރީސިއާ އޭ ބޫޓެނިސް ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ 236 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި މިއަދު ހަވީރު ޓްރޭޑާސް ހޮޓަލުގައި ބޭއްވި ހާއްސަ ހަފުލާއެއްގައި ވާހަކަފުޅު ދައްކަަވަމުން ބޫޓެނިސް ވިދާޅުވީ ފުލުހުން އަނިޔާވެރިކޮށް އަމަލުކުރާ ކަމުގެ ތުހުމަތުތަކުގެ ހަބަރު ވެސް ލިބިވަޑައިގަންނަވާ ކަމަށާއި އެމެރިކާގެ އެހީގައި ރާއްޖޭގެ ފުލުހުންނަށް ދީފައިވާ ތަމްރީނުތަކުގައި ބާރުއަޅާފައި ވާނީ އިންސާނީ ހައްގުތައް ރައްކާތެރިކުރުމަށް ކަމަށެވެ.

"ފުލުހުން ހަމަނުޖެހުންތައް ހިންގާ ކަމުގެ ތުހުމަތުތަކާއި އަނިޔާވެރިކޮށް ކަންތައްތައް ކުރާ ކަމަށާއި ނޫސްވެރިންނާ ދެކޮޅަށް ހަަމަނުޖެހުންތައްް ހިންގާ ކަމުގެ ހަބަރުވެސް ލިބޭ. އަދި އަހަރެެމެން ދިވެހި ފުލުހުންނަށް ދިން ތަމްރީނުތަކުގައި އިންސާނީ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް ބާރުއަޅާފައި ވާނެ،" ބޫޓެނިސް ވިދާޅުވި އެވެ.

އޭނާ އަދި ވިދާޅުވީ އެ ތަމްރީނުތައް އަމާޒުކޮށްފައި ވާނީ ފުލުހުން އެބަޔަކު ހިމާޔަތް ކުރަން ޖެހޭ މުޖުތަމައާ ރަހުމަތްތެރި ގޮތަކަށް ހިދުމަތް ދިނުމަށް ކަމަށެވެ.

ރާއްޖޭގައި މިހާރު އުފެދިފައިވާ ސިޔާސީ ހަލަބޮލިކަމުގެ އަސަރު ރާއްޖޭގެ ގިނަ ރައްޔިތުންނަށް ކުރަމުންދާކަން ފާހަގަ ކުރައްވަމުން ބޫޓެނިސް ވިދާޅުވީ ރާއްޖޭގެ މައްސަލަ ހައްލުކުރުމުގައި އެންމެ މުހިއްމު ބަޔަކީ ދިވެހި ރައްޔިތުން ކަމަށެވެ. އަދި ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީގެ މަސައްކަތާއި ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކުން، ކުރިއަށް ދާނެ މަގެއް ރާއްޖެ އަށް ފެންނާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

އެމެރިކާގެ މިނިވަން ދުވަހަކީ ޖުލައި މަހުގެ ހަތަރު ވަނަ ދުވަހެވެ. އެމެރިކާ މިނިވަން ވީއިރު އެގައުމުގައި އޮތީ 13 ސްޓޭޓް ކަމަށް ވިޔަސް ކަނޑުން ވަކިވެފައިވާ ބައެއް ސްޓޭޓްތަކާ އެކު މިހާރު އެ ގައުމުގައި 50 ސްޓޭޓް އޮވެ އެވެ.