22 Aug 2010, 08:17
13:18
ކުރުނބާ ވިލެޖް ރިސޯޓުގެ ދިވެހި މުވައްޒަފުންނަށް ދޭ ހިދުމަތްތަކާ މެދު ހިތްހަމަނުޖެހިގެން ރިސޯޓުގެ ދިވެހި މުވައްޒަފުން އިއްޔެ ފެށި މުޒާހަރާ، މިއަދު ވެސް އެ ރިސޯޓުގައި ކުރިޔަށް އެބަދެ އެވެ.
މުޒާހަރާގެ ބައިވެރިންގެ ތެރެއިން މިޑިޔާ އަށް މައުލޫމާތު ދިނުމަށް ކަނޑައަޅާފައިވާ އަހުމަދު ޝިއާއު މިއަދު ބުނީ ފައިވްސްޓާ ރިސޯޓުގެ ދިވެހި މުވައްޒަފުންގެ ޝަކުވާތަކަށް އިޖާބަދޭނެ ކަމުގެ ކަށަވަރުކަމެއް ހޯދުމަށް، ރިސޯޓުގެ މެނޭޖްމެންޓާ އެކު ރޭ ބޭއްވި ބައްދަލުވުމަށް ފަހު އެކަށީގެންވާ ޖަވާބެއް ނުލިބުމުން، 150 އަށްވުރެ ގިނަ ދިވެހިން މިއަދު ވެސް ތިބީ މުޒާހަރާގައި ކަމަށެވެ.
އޭނާ ބުނީ ބައްދަލުވުމުގައި ދިވެހި މުވައްޒަފުން ކުރި ޝަކުވާތައް ކުންފުނީގެ ލޯޔަރުންނާއި އިސް ވެރިން އަޑު އެއްސެވި ކަމާށާއި މަޝްވަރާތައް ވެސް ރަނގަޅަށް ދިޔަ ކަމަށެވެ. އެހެންނަމަވެސް ފަހުން ދެއްވި ޖަވާބަކީ ކުރިން ވެސް ދެއްވާ ޖަވާބު ކަމަށެވެ.
"އަޅުގަނޑުމެނަށް ރަނގަޅު ޖަވާބެއް ދޭނެ ކަމަށް ވިދާޅުވެފައި އަނގަބަހުން މި އަންގަނީ ވަރަށް އަވަހަށް ރަނގަޅު ކޮށްދޭނަމޭ. އަޅުގަނޑުމެން މި ބުނަނީ އެއީ ޖަވާބެއް ނޫނޭ. އެކޮމަޑޭޝަނާއި ކެއުމާއި ދިވެހިންނާއި ބިދޭސީން ތަފާތު ކުރަމުންދާ ދިއުމާއި ދިވެހިންނަށް ކަންކަން އޮޅުވާލަމުން ދިއުމާއި މިކަންކަން ރަނގަޅު ކުރާނެ ގޮތާއި ތާރީހު އެނގޭ ގޮތަށް ލިޔުމުން ޖަވާބުދޭށޭ. އެގޮތެއް އަދިވެސް ހަދައެއް ނުދެއްވާ،" ޝިއާއު ބުންޏެވެ.
ކުރުނބާގައި ބިދޭސީނާއި ދިވެހިން ތަފާތުކޮށް އިންސާނިއްޔަތާ ހިލާފު ކަންތައްތައް ދިވެހި މުވައްޒަފުންނާ މެދު ކުރަމުންދާ ކަމަށް މުޒާހަރާގެ ބައިވެރިން ގޮވާ އަޑު ޝިޔާއު ސަންއެފްއެމް އޮންލައިނަށް އިންޓަވިއު ދިން އިރުވެސް އިވެ އެވެ. ކެއުމާއި މުވައްޒަފުންގެ އެކޮމެޑޭޝަން ގޯސް ވުމާއި ސާވިސް ޗާޖް ދިނުމުގައި އޮޅުވާލަމުންދާ ކަމަށް މުޒާހަރާގެ ބައިވެރިން ގޮވާ އަޑުވެސް އިވެ އެވެ.
އިއްޔެ ހަވީރު ފެށި މުޒާހަރާ ރޭ މެދުކަނޑާލާފައި އޮތީ ރިސޯޓުގެ މެނޭޖްމެންޓާ އެކު ބޭއްވި މަޝްވަރާތަކަށް ފަހު މެނޭޖްމަންޓުން ދޭ ޖަވާބަކަށް އިންތިޒާރު ކުރުމަށެވެ.
ޝިއާއު ބުނީ ރޭ މުޒާހާ ކުރިޔަށް ނުގެންދިޔަ ނަމަވެސް 150 މީހުން މަޑުކޮށްގެންތިބީ ހިއުމަން ރިސޯސް ޑިޕާޓްމަންޓްގެ ކައިރީގައި ސަތަރި އަޅައިގެން ސަތަރި މަތީގައި ކަމަށެވެ. އޭނާ އަދި ބުނީ މިއަދު މުޒާހަރާ ފެށުމާ އެކު ހަމަނުޖެހުން އުފެއްދުމަށް ރިސޯޓުގެ ބިދޭސީ މެނޭޖަރުން މަސައްކަތް ކުރަމުންދާ ކަމަށާއި ބެނާތައް އަތުލަން މަސައްކަތް ކުރުމުން ހެނދުނު ގަޑީގައި ވަރަށް ހޫނުވެގެން ދިޔަ ކަމަށެވެ.
"އެ މީހުން ބޭނުން ވަނީ ހޫނުކޮށް ހަމަ ނުޖެހުން އުފައްދަން. އަޅުގަނޑުމެން ބޭނުން ވަނީ ހައްގު ހޯދަން."
މުޒާހަރާގެ ބައިވެރިން ބުނަނީ އެ މީހުން އެދޭ ކަންތައްތައް ކޮޅެއްގައި ނުޖެހެނީސް ނަމާދު ވަގުތަށް ފިޔަވައި މުޒަހަރާ ނުނިންމާނެ ކަމަށެވެ. "ރިސޯޓުގެ ޓޫރިސްޓުންނަށް އުނދަގޫވާ ގޮތަކަށް އެއްކަމެއް ވެސް ނުކުރަން. އަޅުގަނޑުމެން އެއްވެ އަޑު މިއިއްވަނީ ރިސޯޓުގެ މެނޭޖްމްންޓަށް،" އޭނާ ބުންޏެވެ.
އިއްޔެއިން ފެށިގެން ކުރުނބާގައި މުޒާހަރާ ކުރާއިރު މެނޭޖްމެންޓްން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ. މިއަދު ރިސޯޓަށް ގުޅުމުން ވެސް ބުނީ ވެރިން ތިއްބެވީ މީޓިންގައި ކަމަށެވެ. ޔުނިވަސަލްގެ ހެޑް އޮފީހާ ގުޅުމުން ވެސް ބުނީ ހުރިހާ ވެރިން ވެސް ތިއްބެވީ މީޓިންއެއްގައި ކަމަށެވެ.