08 Jul 2012, 17:41
ގ. ވޭރު، އަބްދުލް މުހިތު މަރާލި މައްސަލައިގައި ޖުވެނައިލް ކޯޓުގައި ދައުވާކުރާ ތިން ކުދިންގެ މައްޗަށް ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަސް ނަގައި ނިންމާލައިފި އެވެ.
ޖުވެނައިލް ކޯޓުގެ އޮފިޝަލަކު މިއަދު ވިދާޅުވީ މިއަދު ބޭއްވި އެ މައްސަލައިގެ ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ހުށަހަޅާފައިވާ އެންމެ ފަހު ހެކި މީހާގެ ހެކިބަސް ސިއްރުން ނަގާފައިވާ ކަމަށެވެ. އަދި ވިދާޅުވީ ދެން އޮންނަ ޝަރީއަތުގެ މަޖިލީހަކަަށް ދައުވާ ލިބޭ ތިން ކުދިންނަށް ވެސް ދިފައީ ހެކި ހުށަހެޅުމުގެ ފުރުސަތު ދީފައިވާ ކަމަށެވެ.
"މިއަދު ވަނީ ދައުލަތުން ހުށަހެޅި އެންމެ ފަހު ހެކި މީހާގެ ހެކިބަސް ނަގާފައި. ހެކިބަސް ނަގާފައި ވަނީ ސިއްރުން. ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި އޮންނާނީ ދިފާއީ ހެކިން ހުށަހެޅުން،" އޮފިޝަލް ވިދާޅުވި އެވެ.
އެ މައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާ ޖުމްލަ ތިން ހެކީންގެ ހެކިބަސް ނަގާފައިވާ އިރު ޖުވެނައިލް ކޯޓުން ބުނީ މައްސަލައިގެ ބާވަތުން ހެކިބަސް ލިބުނު ގޮތް އަދި ހާމަކުރެވެން ނެތް ކަމަށެވެ.
އެ ތިން ކުދިންގެ މައްޗަށް ވެސް ކޮށްފައި ވަނީ ގަސްތުގައި މީހަކު މަރާލިކަމުގެ ކުށުގެ ދައުވާ އެވެ.
މުހީތުގެ މަރާ ގުޅިގެން ކްރިމިނަލް ކޯޓުގައި ދައުވާ އުފުލާފައި ވަނީ ތިން މީހެއްގެ މައްޗަށެވެ. އެއީ ގދ. ގައްދޫ، އަބުލަޣީގޭ، މުހުޖަތު އަހުމަދު ނާސިހުގެ މައްޗަށާއި ސ. މަރަދޫ، ސަލްޓަންވިލާ، އަލީ މުޝައްފައު އަދި ޅ. ނައިފަރު، ޒައިތޫނިގޭ، މުހައްމަދު މައުމޫންގެ މައްޗަށެވެ.
ކްރިމިނަލް ކޯޓުން މިއަދު ވަނީ އެ މީހުންގެ މައްޗަށް ކުށް ސާބިތުކުރުމަށް ޓަކައި ދައުލަތުން ހުށަހަޅާފައިވާ ހެކީންގެ ތެރެއިން އެކެއްގެ ހެކިބަސް ނަގައިފަ އެވެ.
ކާކުކަން ނޭނގޭ ގޮތަށް އަޑު ބަދަލުކޮށްގެން ހެކިބަސް ދެމުން އެމީހާ މިއަދު ބުނީ ހަތަރު މީހުންނަށް ވުރެ ގިނަ މީހުން ހިމެނޭ ގުރޫޕަކުން ގޮސް މުހީތު ގަޔަށް އަރައިގަތީ ކަމަށާއި އެ ވަގުތު މުހުޖަތު ތޫނު އެއްޗަކުން މުހީތުގައިގައި ޖެހިތަން ދުށް ކަަމަށެވެ. ނަމަވެސް މުޝައްފައު އާއި މައިމޫން އެތަނުން ނުދެކޭ ކަމަށް ހެކިބަސްދެމުން އެމީހާ ބުންޏެވެ.
ތޫނު އެއްޗަކުން މުހީތަށް ހަމަލާދިން ކަމުގެ ތުހުމަތުގައި މުހުޖަތުގެ އިތުރުން ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ ލިބެނީ ސ. މަރަދޫ، ސަލްޓަންވިލާ، އަލީ މުޝައްފައުގެ މައްޗަށެވެ. އަދި މުހީތަށް ތޫނު އެއްޗަކުން ހަމަލާދިން ކުއްޖަކު ސައިކަލަކަށް އަރުވައިގެން ގޮސްފައި ވާތީ ޅ. ނައިފަރު، ޒައިތޫނިގޭ، މުހައްމަދު މައިމޫންގެ މައްޗަށް އުފުލާފައި ވަނީ ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ.
ދައުލަތުން ކުރި ދައުވާގައި ބުނަނީ ފެބްރުއަރީ މަހު 18 ވަނަ ދުވަހުގެ ރޭ 1:50 އެހާކަންހާއިރު ފިނޭންސް މިނިސްޓްރީ ކުރިމަތީ އޮންނަ ކޮޅުބެދިފައިވާ ގޯޅިގަނޑުގެ ތެރޭ ސައިކަލެއްގެ މަތީގައި މުހީތު އިންދައި މުހުޖަތާއި މުޝައްފައު އާއި އިތުރު ބަޔަކު މުހީތުގެ ބޮލަށާއި ގައިގެ އެތަން މިތަނަށް ތޫނު އެއްޗަކުން ދިން ހަމަލާއަށް ފަރުވާދެމުން ދަނިކޮށް ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހުގެ ހަވީރު މުހީތު ނިޔާވެފައިވާ ކަމަށެވެ.