08 Jul 2012, 15:49
ޓެލެވިޒަން މޯލްޑިވްސް އިން ގެނެސްދޭ އެ ހަނދާނުގެ މި އަހަރުގެ ޝޯ އަށް ބޭނުންވާ މިއުޒިކާ ލަވަޔާއި މިކްސިން ހަދަައިދޭނެ ފަރާތެއް ހޯދުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ) އިން ކޮށްފައިވާ އިޢުލާނެއް ބާތިލްކުރުމަށް އޭސީސީން އެ ކޯޕަރޭޝަނަށް އަންގައިފި އެވެ.
އޭސީސީން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ މި އަހަރުގެ ރޯދަ މަހު ޓީވީއެމުން ދެއްކުމަށް ހަމަޖައްސާފައިވާ ޕްރޮގްރާމަކަށް މިއުޒިކާއި ޅެމާއި މިކްސިން ހަދައިދޭނެ ފަރާތެއް ހޯދުމަށް އެމްބީސީން ކޮށްފައިވާ އިޢުލާނަކާ ގުޅިގެން ތިން ފަރާތަތަކުން އަންދާސީ ހިސާބު ހުށަހަޅާފައި ނުވާތީ އެ އިޢުލާން ބާތިލްކޮށް، ދެވަނަ ފަހަރަށް އިޢުލާނެއް ކޮށްފައިވާ އިރު އެ އިޢުލާނުގައި އިތުރު މަސައްކަތްތަކެއް ހިމަނާފައިވާކަން ފާހަގަކުރެވޭ ކަމަށެވެ.
އެމްބީސީން ދެ ވަނަ ފަހަރަށް ކުރި އިޢުލާނާ ގުޅިގެން އަންދާސީ ހިސާބުތައް ހުށަހެޅި ފަރާތްތަކުގެ އަންދާސީހިސާބުތައް ބަލައިގެންފައި ވަނީ ވެސް މާލިއްޔަތުގެ ގަވާއިދާ ހިލާފަށް ކަމަށް ވެސް އޭސީސީން ބުންޏެވެ.
އޭސީސީން ބުނީ ދެވަނަ ފަހަރަށް ކޮށްފައިވާ އިޢުލާނަކީ ފުރަތަމަ ކުރި އިޢުލާން ބާތިލް ކުރުމަށް ފަހު ކޮށްފައިވާ އިޢުލާނެއްކަން އެނގެން ނެތް ކަމަށާއި ދެ ވަނަ ފަހަރަށް ކުރި އިޢުލާނުގައި ބަޔާންކޮށްފައިވާ އުސޫލާ ހިލާފަށް އަންދާސީހިސާބު ހުށަހެޅި ހުރިހާ ފަރާތަކަށް ވެސް ފުރުސަތު ދީގެން ކުރިއަށް ގެންދާ ގޮތަށް ނިންމުމަކީ އެންމެ މަތިން ޕޮއިން ހޯދާ ފަރާތަކަށް ލިބޭ ބޭއިންސާފެއް ކަމަށް ދެކޭ ކަމަށެވެ.
ދެވަނަ އަށް ކުރި އިޢުލާނުގައި މަސައްކަތާ ބެހޭ ތަފްސީލެއް އަދި ޕޮއިންޓް ދޭނެ އުސޫލެއް ކަނޑައަޅާފައި ނުވާ ކަމަށާއި ކުރިން ކޮށްފައިވާ އިޢުލާނުގައިވާ މަސައްކަތުގެ އިތުރު ކަންތައްތަކެއް ދެވަނަ އިޢުލާންގައި ބަޔާންކޮށްފައިވާ އިރު އެކަންތައް ކޮށްފައި ވަނީ މާލިއްޔަތުގެ ގަވަައިދާ ހިލާފަށް ކަމަށް އޭސީސީން ބުންޏެވެ.
އޭސީސީން ބުނީ އެމްބީސީން ދެވަނަ ފަހަރަށް ކޮށްފައިވާ އެ އިއުލާން ބާތިލް ކުރުމަށް ފަހު އަލުން އިޢުލާން ކޮށްގެން މާލިއްޔަތު ގަވައިދާ އެއްގޮތަށް އެކަންތައްތައް ކުރިއަށް ގެންދިއުމަށް އަންގާފައިވާނެ ކަމަށެވެ.
އެމްބީސީ އިން ދެވަނަ ފަހަރަށް ކުރި އިޢުލާންގައި، އެ ހަނދާނުގެ ޝޯ އަށް އަމިއްލަ ރާގަށް ލަވަކިޔުމަށް މިއުޒިކް ހެދުމަށާއި ރެކޯޑިން ހެދުމަށާއި އަދި މިއުޒިކް ހެދުމަށާއި އަމިއްލަ ރާގުތައް ހަދާ ފަރާތްތަކަށް ޅެން ހެދުމަށާއި ކޮރިއޮގްރާފްކޮށް ދިނުމާއި ނަށާ ކުދިން ހޯދައި ދިނުމާއި ހެދުން ފަރުމާކޮށްދިނުމަށް އަދި ހެދުން ފަހައިދޭނެ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމަށް އެދިފައިވެ އެވެ.
ޓީވީއެމްގެ ސީއީއޯ މުހައްމަދު އާސިފް (މޮންދު) މިއަދު ވިދާޅުވީ މިދިޔަ އަހަރާ ހިލާފަށް މި އަހަރުގެ ޝޯ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ތަފާތު ގޮތަކަށް ކަމަށާއި އެކަމަށް ބޭނުންވާ ފަރާތްތައް ހޯދުމަށް ކުރި ފުރަތަމަ އިޢުލާނާ ގުޅިގެން އެކަށީގެންވާ ވަރަށް ތަރުހީބެއް ލިބިފައި ނުވާތީ ދެވަނަ ފަހަރަށް އިޢުލާން ކުރީ އިތުރު ތަފްސީލުތައް ހިމަނައިގެން ކަަމަށެވެ.
"ދެވަނަ އިޢުލާންގައި ތަންކޮޅެއް ތަފްސީލްކޮށް ހުރެދާނެ ކަންތައްތައް ހިމަނާފައި. އެއްވެސް ހާލަތެއްގައި މިކަަން ގޯސްކޮށް ކުރުމުގެ ނިޔަތެއް ނެތް. ދެން މިކޮޅުން ވެސް އެބެލީ ފުރަތަމަ ކުރި އިޢުލާންގައި ހުރިހާ މައުލޫމާތުތައް ހުރީމާ އެކަންތައްތައް އެނގޭނެ ކަމަށް. ނަމަވެސް ފުރަތަމަ އިޢުލާނަށް ހަވާލާދީފައި ނެތުމަކީ ގޯހެއް. މާލިއްޔަތުގެ ގާނޫނާ އެގޮތަށް އެކަންތައްތައް ކުރުމަށް އަދިވެސް މަސައްކަތް މިކުރަނީ،" އާސިފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޓީވީއެމްގެ އެ ހަނދާނުގެ ޝޯގެ މަސައްކަތް މިހާރު ވަނީ އޭސީސީގެ އިޢުލާނާ ގުޅިގެން ހުއްޓާލައިފައި ކަމަށާއި ނަމަވެސް ކުރިއަށް މިއޮތް ތޭރަ ދުވަހުގެ ތެރޭގައި އަލުން އެ މަސައްކަތް ފެށި ބެލުންތެރިންނަށް އެޝޯ ގެނެސްދެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
ޓީވީއެމްގެ މިޝޯ ކޮންމެ އަހަރަކު ވެސް ގެނެސްދެނީ ތަފާތު ގޮތަކަށެވެ. ނަމަވެސް މިފަހަރުގެ ޝޯ ޓީވީއެމުން ގެނެސްދިނުމަށް ހަމަޖައްސާފައި ވަނީ ލައިވްކޮށް އަމިއްލަ ރާގުގެ މައްޗަށް އެކުލެވޭ އަދި ކޮންމެ ލަވައަކަށް ވެސް ވަކި ތީމެއް ކަނޑައަޅައިގެންނެވެ.