ރޯދަ މަހު ތަކެތީގެ އަގުތައް ބޮޑުވާތީ ސަރުކާރުން އިސްނަގައިގެން މި އަހަރުގެ ރޯދަ މަހު 27 ބާވަތެއްގެ އަގު ހެޔޮކޮށް މުޅި ރާއްޖޭގެ 188 ފިހާރައަކުން ވިއްކާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެ މިނިސްޓްރީން ވެލާނާގެ ޕްރެސް ރޫމްގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސެއްގައި އެކޮނޮމިކް މިނިސްޓަރު އަހުމަދު މުހަންމަދު ވިދާޅުވީ އާންމު މުދަލުގެ ތެރެއިން 27 ބާވަތެއް އެސްޓީއޯ މެދުވެރިކޮށް ރޯދަމަހަށް ހާއްސަކޮށްގެން އެތެރެ ކުރާނެ ކަމަށެވެ. އަދި އެ މުދާ ހުސްނުވެ ފަސޭހަކަމާ އެކު ލިބެން ހުންނާނެ ގޮތް ހެދުމުގެ ގޮތުން އެސްޓީއޯ އިން މާލޭގެ 64 ފިހާރައެއް އަދި އަތޮޅުތަކުން 124 ފިހާރައާ އެކު ޕާޓްނަޝިޕް ހަދާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ސަރުކާރަށް މުދަލުގެ އަގު އެއްވަރެއްގައި ހިފެހެއްޓުމަށް އޮންނާނެ ގޮތަކީ މުދާ ޑިމާންޑާ އެއްވަރަށް ސަޕްލައިކޮށް ދިނުން. އެގޮތުން އެސްޓީއޯ އާ ގުޅިގެން ގެންނަ 27 ބާވަތެއް މި ބަލަނީ އަގުހެޔޮކޮށް މުޅި ރޯދަ މަހު އެސްޓީއޯ އަށް ވިއްކޭނެ ކަމަށް. އެގޮތުން ޕާޓްނަޝިޕްފިހާރަތަކުން ވެސް އެ އަގުގައި ޑިސްޑިބިއުޓް ކުރަމުން ދާނީ،" މިނިސްޓަރު ވިދާޅުވި އެވެ.

އެސްޓީއޯ އިން އަގުހެޔޮކޮށް ވިއްކާނެ 27 ބާވަތުގެ ތެރޭގައި ހިމެނެނީ ހިކި ކިރާއި ކުޑަކުދިންގެ ކާނާ އާއި ލޮނާއި ކައްކާ ތެލާއި ޓޮމާޓޯ ޕޭސްޓާއި ކޮފީ އާއި ފިޔަ އާއި އަލުއްވާއި ބިހާއި އެކި ވައްތަރުގެ ޖޫހާއި ކެބެޖާއި މާޖިރީން އަދި ކެރެޓެވެ. މުގާއި ހަވާދާއި އަދި ކާޑުގެ ބާވަތްތައް ވެސް ހިމެނެ އެވެ.

މަހަކީ ވެސް ކޮންމެ ރޯދަމަހެއްގައި ވެސް އަގުބޮޑުވާ ޑިމާންޑް ބޮޑު ބާވަތެކެވެ. މިނިސްޓަރު ވިދާޅުވީ މަސް އަގުހެޔޮ ކުރުމުގެ ގޮތުން މިފްކޯއާ އަދި ކޫއްޑޫއާ ވެސް ވާހަކަ ދައްކާފައިވާ ކަމަށެވެ. އަދި މަސްދަޅު މިހާރު ވިއްކާ އަގުން ކޭހަކުން 10ރ. ވަރު އަގުހެޔޮ ކުރާނެ ކަމަށް ވެސް މިފްކޯއާ ހަވާލާދެއްވައި މިނިސްޓަރު ވިދާޅުވި އެވެ. އަދި މުޅި ރޯދަމަހަށް ފުދޭ ވަރަށް މަސްދަޅު ސަޕްލައި ކުރެވޭނެ ކަމަށް ވެސް އެ ކުންފުނި ޔަގީންކޮށްދޭ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ވިދާޅުވީ މަސްދަޅުގެ އިތުރުން ފިނުކުރި ރޯ ކަނޑުމަސް ވެސް މިފްކޯ އިން ރޯދަމަށް ބާޒާރަށް ނެރޭނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް ޔަގީންކަން އެބަ އޮތް އިރާދަކުރެއްވިއްޔާ ކަނޑުމަހުގެ އަގުވެސް އެއްވަރެއްގައި ހިފެހެއްޓޭނެ ކަމުގެ،" މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ތަކެތީގެ އަގުތައް ރޯދަމަހު އެއްވަރެއްގައި ބެހެއްޓުމަށް ބޮޑަތި އިމްޕޯޓަރުންނާއި އަދި ރިޓައިލަރުންނާއި އެކު ވެސް މަޝްވަރާ ކުރި ކަމަށާއި ތަކެތީގެ އަގުތައް ކުޑަކުރުމަށް އެބޭފުޅުންގެ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަށެވެ.

ބައެއް ކާބޯތަކެތީގެ އަގުތައް މިދިޔަ އެއް އަހަރު ތެރޭ ބަދަލުވެފައިވާ ގޮތުގެ މައުލޫމާތު ވެސް މިނިސްޓަރު ވަނީ ނޫސްތަކަށް ހިއްސާކޮށްފަ އެވެ. އެގޮތުން އެ މިނިސްޓްރީން މޮނީޓާ ކުރަމުންދާ 57 އައިޓަމްގެ ތެރެއިން 26 ބާވަތެއްގެ އަގު ވަނީ ބޮޑުވެފަ އެވެ. އަދި 21 ބާވަތެއްގެ އަގު ކުޑަކުރެވުނީ އިރު 10 ބާވަތެއްގެ އަގު ވަނީ އެއްވަރެއްގައި ހިފެހެއްޓިފަ އެވެ.

އެސްޓީއޯ އިން މި އަހަރުގެ ރޯދަމަހަށް ގެންނަ ތަކެތީގެ ޝިޕްމަންޓް މި ހަފްތާތެރޭ އަންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. ރޯދަމަހު އާންމުކޮށް ކާބޯތަކެތީގެ އަގުތައް އިންތިހާ އަށް އުފުލެ އެވެ.