08 Jul 2012, 14:33
އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް އިއްތިހާދުގައި ހިމެނޭ ޕާޓީތަކުން އެއް ކެންޑިޑޭޓަކު ނެރުމަށް މަދީނީ އިއްތިހާދުން ޕާޓީތަކާ އެކު މަޝްވަރާތައް ފަށަށައިފި އެވެ.
މަދަނީ އިއްތިހާދުގެ ނައިބު ރައީސް އަބުދުﷲ މުހައްމަދު މިއަދު ވިދާޅުވީ ޑރ. މުހައްމަދު މުނައްވަރު އިސްކޮށް ހުންވައިގެން އުފައްދާ ފައިވާ މޯލްޑިވްސް ރީފޯމް މޫވެމެންޓް ( އެމްއާރްއެމް) އާ މިހާތަނަށް މަޝްވަރާ ކުރައްވާފައިވާ ކަމަށާއި އެމްއާރްއެމުން އެކަމަށް ފުރިހަމައަށް ތާއިދުކުރާނެ، ކަމަށް ބުނެފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ އިއްތިހާދުން އެއް ކެންޑިޑޭޓަކު ނެރުމާ ގުޅޭ ގޮތުން ބައެއް ޕާޓީތަކުގެ މެދުގައި މިހާރު ވެސް ނުރަސްމީ ވާހަކަތައް ދައްކަމުން އަންނަ ކަމަށާއި އެގޮތުން ޑީއާރްޕީ އާއި ޖުމުހޫރީ ޕާޓިއާ އެކު މަޝްވަރާކޮށްފައިވާ ކަމަށެވެ.
"އެކަމާ ގުޅޭ ގޮތުން މިހާތަނަށް ވަނީ ނުރަސްމީ ސިފައެއްގައި ބައެއް ޕާޓީތަކާ އެކު މަޝްވަރާކޮށްފައި. ނުރަސްމީކޮށް ވާހަކަތައް ފެށީ ވެސް ރަސްމީ ވާހަކަތަކަށް ދިއުމަށް މަގުފަހިކުރުމުގެ ގޮތުން. އެގޮތަށް މަޝްވަރާ ނުކުރާނެ ކަމަށް އެއްވެސް ޕާޓީއަކުން ބުނެފައެއް ނެތް،" އަބުދުﷲ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިހަފްތާގެ ތެރޭގައި އިއްތިހާދުގައި ހިމެނޭ އެންމެ ބޮޑު ދެ ޕާޓީ ކަމަށްވާ ޕީޕިއެމާއި އަދި ޑީއާރްޕީގެ ހިޔާލު ހުރި ގޮތެއް ހޯދައި އެކަމާ މެދު މަޝްވަރާތައް ބާއްވަން ތައްޔާރުވަމުން އަންނަ ކަމަށެވެ.
ޑީއާރްޕީގެ ސްޕޯކްސް ޕާސަން ޒީނާ ޒާހިރު ވިދާޅުވީ މަދަނީ އިއްތިހާދުގެ ދައުވަތު ޑީއާރްޕީ އަށް ލިބިފައިވާ ކަމަށާއި ޑީއާރްޕީގެ ފަރާތުން އެ ވާހަކަތަކުގައި ބައިވެރިވެ ވަޑައިގެންނަވާ އިސް ބޭފުޅަކީ ޑެޕިއުޓީ ލީޑަރު އިބްރާހިމް ޝަރީފު ކަމަށާއި އެ ބޭފުޅާ ރާއްޖޭގައި މިވަގުތު ނޫޅުއްވާތީ އެކަމާ ގުޅޭ އިތުރު ތަފްސީލު މިވަގުތު ދެވެން ނެތް ކަމަށެވެ.
ޕީޕިއެމުން ބުނެފައި ވަނީ ވާހަކަތަކުގައި ބައިވެރިވުމުގެ ދައުވަތު މަދަނީ އިއްތިހާދުން އެޕާޓީ އަށް ވެސް ދީފައިވާ ކަމަށާއި އެކަމާ ގުޅޭ ގޮތުން ވަކި ގޮތެއް ނިންމާނީ ކައުންސިލްގައި މަޝްވަރާ ކުރުމަށް ފަހުގައި ކަމަށެވެ.
އިއްތިހާދުގައި ހިމެނޭ އަށް ޕާޓީގެ ތެރެއިން އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ކެނޑިޑޭޓުން ވާދަކުރާނެ ކަމަށް މިހާތަނަށް ބުނެފައި ވަނީ ޑީއާރްޕީގެ ލީޑަރު އަހުމަދު ތަސްމީނު އަލީ އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބުރާހިމް އެވެ. ޕީޕިއެމުން ބުނެފައި ވަނީ އެ ޕާޓީގެ ރިޔާސީ ޕްރައިމަރީ އަންނަ އަހަރުގެ ފެބުރުއަރީ މަހު ބޭއްވުމަށް ފަހު ރިޔާސީ ކެންޑިޑޭޓަކު އެ ޕާޓީން ވެސް ނެރޭނެ ކަމަށެވެ.
ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަބްދުﷲ ޔާމީން ވެސް ވަނީ އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވައިފަ އެވެ.