08 Jul 2012, 14:16
ވައްކަމުގެ މައްސަލައެއްގައި އެއް އަހަރަށް އަރުވާލުމަށް ހުކުމްކޮށްފައި ހުރި މީހަކު މުޖުތަމައުތެރެ އަށް ދޫވެފައި ހުއްޓައި ކްރިމިނަލް ކޯޓުން އެ މީހާ ހިފަހައްޓައި ފުލުހުންނާ ހަވާލުކޮށްފި އެވެ.
ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ހ. އޮރިއޮންގޭގެ ދެ ވަނަ ފަންގިފިލާ އަށް ވަދެ އެތަނުން މޯބައިލް ފޯނެއް ވަގަށް ނެގިކަން ސ. މަރަދޫ، ފާހި، މުހައްމަދު ހައިސަމްގެ މައްޗަށް ސާބިތުވެ، އެއް އަހަރަށް އަރުވާލަން މިދިޔަ ބުރާސްފަތި ދުވަހު އެ ކޯޓުން ކުރި ހުކުމާ ގުޅިގެން އެ ހުކުމް ތަންފީޒު ކުރުމަށް އެ ދުވަހު އޭނާ ޑީޕީއާރްއެސްއާ ހަވާލުކުރި ކަމަށެވެ.
އޭނާ ވިދާޅުވީ ހުކުމް ތަންފީޒު ކުރުމަށް ޑީޕީއާރްއެސް އާ އޭނާ ހަވާލުކޮށްފައި ވަނިކޮށް މިއަދު އެ ކޯޓުގައި އޮތް ޝަރީއަތެއް އަޑުއަހަންވެގެން ނަން ނޯޓުކުރަން އޭނާ މިއަދު ކޯޓަށް އައުމުން ކޯޓު އޮފިސަރުން އޭނާ ހިފެހެއްޓުމަށް ފަހު ފުލުހުންނާ ހަވާލުކޮފައިވާ ކަމަށެވެ.
"މި ކޯޓުގައި މިއަދު އޮތް ޝަރީއަތެއް އަޑުއަހަން ނަން ނޯޓު ކުރަން އޭނާ [ހައިސަމް] އައުމުން ކޯޓު އޮފިސަރުން އޭނާ ހިފަހައްޓައި މިހާރު ވަނީ ފުލުހުންނާއި ހަވާލުކޮށްފައި. ބުރާސްފަތި ދުވަހު އޭނާގެ މައްޗަށް ހުކުމް ކުރުމާ އެކު އެ ހުކުމް ތަންފީޒުކުރުމަށް ކޯޓުން ޑީޕީއާރްއެސްއާ ހަވާލުކުރިން،" މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
އޭނާ އަކީ މުހީތުގެ މަރުގެ މައްސަލައިގައި ދައުވާ ލިބޭ މީހުންގެ ޝަރީއަތަށް އެ މީހުން ކޯޓަށް ހާޒިރުކުރާ ކޮންމެ ދުވަހަކު ކޯޓަށް ދާ މީހެކެވެ.
މުހީތުގެ މަރުގެ މައްސަލައިގައި ދައުވާ ލިބޭ މީހުން ކޯޓަށް ހާޒިރުކުރި ދުވަހަކު "ވަޅީގައި ހުރި ތޫނުކަން ދެއްކިދާނެ" ކަމަށް ބުނެ އެ ޝަރީއަތް ކަވަރުކުރަން ދިޔަ ނޫސްވރިންނަށް އޭނާ އިންޒާރުދީފައިވެ އެވެ.
އެކަމާ ބެހޭ ގޮތުން ޑީޕީއާރްއެސްގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ. ނަމަވެސް ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލު އަހުމަދު ދާދިފަހުން ވިދާޅުވީ ކޯޓަކުން މީހެއްގެ މައްޗަށް ހުކެމެއް ކުރުމަށް ފަހު އެ ހުކުމް ތަންފީޒު ކުރުމަށް ޓަކައި އޭނާއާ ހަމަޔަށް ފޮނުވައިފި ނަމަ އެ ހުކުމެއް ތަންފީޒު ކުރައްވާނެ ކަމަށެވެ.