ެމެލޭޝިޔާގެ ނެކްސްބިޒްއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ 39 މިލިއަން ޑޮލަރުގެ ބޯޑާ ކޮންޓްރޯލް ސިސްޓަމްގެ މަސައްކަތުގައި ކޮރަޕްޝަން ހިމެނޭ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފައި ވަނިކޮށް، އެ މަސައްކަތް ނިމުމަކާ ހިސާބަށް ގޮސްފައިވާ ކަމަށް އާ ކޮންޓްރޯލާ އޮފް އިމިގުރޭޝަން ޑރ. މުހަންމަދު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.

ސަން އޮންލައިން އަށް ދެއްވި އިންޓަވިއުއެއްގައި ކޮންޓްރޯލަރު މުހަންމަދު އަލީ މިއަދު ވިދާޅުވީ ބޯޑާ ކޮންޓްރޯލް ޕްރޮޖެކްޓްގެ މަސައްކަތުގެ 95 ޕަސެންޓް މިހާރު ވެސް ނިމިފައިވާ ކަމަށާއި މިހާރު ކުރިއަށް ދަނީ މުވައްޒަފުންނަށް ތަމްރީން ދިނުމާއި އެއާޕޯޓްގައި ހަރުކުރަން ޖެހޭ ބައެއް އިކުއިޕްމަންޓްތައް ހަރުކުރުމުގެ މަސައްކަތް ކަމަށެވެ.

"އެބޭފުޅުން ވަރަށް ބާރަށް [އެ މަސައްކަތް] ކުރިއަށް އެބަ ގެންދަވާ. އެއާޕޯޓުގައި ހަރުކުރަން ޖެހޭ ސްކޭނަރުތަކާއި ކެމެރާ ވެސް ހަރުކުރުމުގެ މަސައްކަތް، އަދި ޓްރެއިނިން ވެސް ވަރަށް ބާރަށް ކުރިއަށް ގެންދަވަމުން އެދަނީ. މިހާރު ވެސް އެ ޕްރޮޖެކްޓްގެ 95 ޕަސެންޓް އެހެރީ ނިމިފައި. ދެން ލަހެއް ނުވާނެ މުޅި ޕްރޮޖެކްޓް ނިންމާ ހަމަ ވަރަށް އަވަހަށް އިމްޕްލިމަންޓް ކުރެވޭނެ،" ކޮންޓްރޯލާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޓްރެއިނިންގައި ބޭނުން ކުރުމަށް އިތުރު ލެޕްޓޮޕްތަކެއް ނެކްސްބިޒުން ރާއްޖެ ގެނެސް އިމިގުރޭޝަންގެ މުވައްޒަފުންނާ ހަވާލުކުރުމަށް ހަމަޖެހިފައިވާ ކަމަށާއި އެއީ ޓްރެއިނިން އަށް ގެންނަ ލެޕްޓޮޕްތަކެއް ކަމަށެވެ.

މީގެ ކުރިން ނެކްސް ބިޒްއިން މުވައްޒަފުންނާއި ހަވާލުކުރި 75 ލެޕްޓޮޕަކީ ރިޝްވަތުގެ ގޮތުގައި އިމިގުރޭޝަންގެ މުވައްޒަފުންނަށް ދިން ތަކެތި ކަމަށް ތުހުމަތުކޮށް އެތަކެތި ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ތަހުގީގުކުރުމަށް އަތުލައިފަ އެވެ. ބޯޑާ ކޮންޓްރޯލްގެ މައްސަލަ އޭސީސީން ވަނީ ހައިކޯޓަށް ވެސް ވައްދައިފަ އެވެ. އޭސީސީން މިއަދު ބުނީ ބޯޑާ ކޮންޓްރޯލްގެ މައްސަލަ ކޯޓުގައި ހިނގަމުންދާތީ އެއްޗެއް ބުނެވެން ވެސް ނެތް ކަމަށެވެ. އޭސީސީން ތުހުމަތު ކުރާ ގޮތުގައި އެ ޕްރޮޖެކްޓްގައި ކޮރަޕްޝަންގެ ކަންތައްތަކެއް ހިމެނެ އެވެ.

މެލޭޝިޔާގެ ނެކްސް ބިޒާ އެކު އިމިރޭޝަނުން އެއްބަސްވެފައިވާ ބޯޑާ ކޮންޓްރޯލްގެ އެގްރީމަންޓްގެ ދަށުން 22 އަހަރުވަންދެން ރާއްޖެ އިން ފުރާ އަދި އަންނަ ކޮންމެ ފަސިންޖަރެއްގެ އަތުން ކޮޅަކަށް ދެ ޑޮލަރު ނެކްސް ބިޒަށް ނެގުމުގެ ބާރު ލިބިދެ އެވެ. އަދި އަލަށް ހައްދާ ކޮންމެ ވީސާ ހުއްދައަކުން އަދި އާ ކުރާ ކޮންމެ ހުއްދައަކުން 15 ޑޮލަރު ވެސް ނެގުމަށް ހަމަޖެހިފައިވެ އެވެ.