22 Aug 2010, 07:11
12:12
އިންޑިއާގެ ކެރެލާ ބަނދަރުގައި އޮތް ރާއްޖޭގެ ބޯޓެއް، ފައިސާގެ މައްސަލަތަކަކާ ގުޅިގެން ހިފެހެއްޓުމަށް މެޑްރާސްގެ ހައިކޯޓުން އަމުރުކޮށްފައިވާ ކަމަށް އިންޑިއާގެ ނޫހަކުން ބުނެފި އެވެ.
އިންޑިއާގެ ސިޔާސަތު ކިޔާ ނޫހަކާ ހަވާލާދީ އޭޝިޔަން ޓްރިބިއުންގެ މިއަދުގެ އަދަދުގައި ބުނެފައިވާ ގޮތުގައި ކެރެލާގެ ކަންނަންނޫރު ބަނދަރުގައި އޮތް، އެމްވީ ދުވާފަރު ގެލެކްސީ، ކިޔާ ބޯޓެއް ހިފެހެއްޓުމަށް މެޑްރާސްގެ ކޯޓުން މިދިޔަ ހަފުތާގައި އަމުރުކުރީ، އެ ބޯޓްގެ ވެރިފަރާތުން ހަރި ކޮމްޕެނީ ކިޔާ އިންޑިއާގެ ކުންފުންޏަކަށް ދައްކަން ޖެހޭ 248386 ޑޮލަރު [3.1 މިލިއަން ދިވެހި ރުފިޔާ] ނުދެއްކުމުގެ ތުހުމަތުގަ އެވެ.
ހަރި ކޮމްޕެނީން ބުނެފައިވާ ގޮތުގައި އެތައް ފަހަރަކު މަސައްކަތްކޮށްގެން ވެސް، މި އަހަރުގެ ފެބްރުއަރީ 16 ފެށިގެން ދައްކަން ޖެހޭ ފައިސާގެ ތެރެއިން އެއްވެސް ވަރަކަށް ފައިސާ ދައްކާފައެއް ނުވެ އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ފޯނަށް ޖަވާބު ނުދޭތީ، އެ ބޯޓުގެ ވެރިފަރާތަކީ ކޮބައިކަމެއް ސާފެއް ނުވި އެވެ. ނަމަވެސް އެ ބޯޓުގެ ހޭންޑްލިން އޭޖެންޓް، މެރިން އެކްސްޕޯޓްގެ މެނޭޖިން ޑައިރެކްޓަރު އިސްމާއީލު އަލީ ސަންއެފްއެމް އޮންލައިނަށް މިއަދު ވިދާޅުވީ އޭނާ އަށް އެނގިވަޑައިގެންފައިވާ ގޮތުގައި އެ ބޯޓް މިހާރު ވަނީ އިންޑިއާގެ ކުންފުންޏަކަށް ވިއްކާލާފައިވާ ކަމަށާއި އަދި ބޯޓް ބާ ދަނގަޑުގެ ގޮތުގައި ކީހާލާފައިވާ ކަމަށެވެ.