ރާއްޖޭގައި އުފެދިފައިވާ ޑޮލަރުގެ ކަޅު ބާޒާރު ނައްތާލައި ޑޮލަރުގެ އަގަށް ހެޔޮ ބަދަލެއް އަވަސް މުއްދަތެއްގެ ތެރޭގައި ނުގެނެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު އަހުމަދު މުހަންމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ މިނިސްޓްރީތަކުން ބާއްވާ ސިލްސިލާ ނޫސްކޮންފަރެންސްތަކުގެ ތެރެއިން ވެލާނާގޭގައި ހުންނަ ސަރުކާރުގެ ޕްރެސް ރޫމުގައި އިކޮނޮމިކް މިނިސްޓްރީން މިއަދު ބޭއްވި ނޫސްކޮންފަރެންސްގައި އެކޮނޮމިކް މިނިސްޓާ އަހުމަދު ވިދާޅުވީ ޑޮލަރުގެ އަގު އާޓިފިޝަލީ ދަށްކުރިއަސް ނޫނީ މަތިކުރުމަކުން ޑޮލަރުގެ އަގަށް އެދެވޭ ހެޔޮ ބަދަލެއް ނުގެނެވޭނޭ ކަމަށާއި ޑޮލަރުގެ މައްސަލަ ހައްލުކުރަން ކުރަން ޖެހެނީ ދިގު މުއްދަތުގެ މަސައްކަތްތަކެއް ކަމަށެވެ.

"ކުރީގެ ސަރުކާރުން ހެދި ގޮތަކަށް އާޓިފިޝަލީ އެކަމެއް ނުކުރެވޭނެ، އާޓިފިޝަލީ އޭތި ތިރިއަށް ޖެއްސިޔަކަސް މައްޗަށް ޖެއްސިޔަކަށް ޑޮލަރުގެ އަގުތަކަށް އޭރުން ބަދަލެއް ނާންނާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

"ސިޔާސަތުތަކެއް ތަންފީޒުކޮށް ގެން އެކަން ވާނީ. އަޅުގަނޑު މިސަރުކާރުގެ ކުރީކޮޅު ވެސް ދަންނަވާފައި އޮންނާނީ ޑޮލަރުގެ މައްސަލައަށް އަވަސް ހައްލެއް ނާންނާނޭ،"

އަހުމަދު ވިދާޅުވީ ޑޮލަރުގެ ދަތިކަމުގެ ސަބަބުން މުދަލުގެ އަގަށް ނޭދެވޭ އަސަރުކުރާ ކަމަށާއި ޑޮލަރުގެ މައްސަލައަށް އޮތް ހައްލަކީ އިގްތިސޯދުގައި ޑޮލަރު ލިބެން ހުންނަ މިންވަރު އިތުރު ކުރުން ކަމަށެވެ. އަދި އެކަމަށް ފޮރިން އިންވެސްޓްމަންޓްތައް އިތުރު ކުރުމަށް އެ މިނިސްޓްރީން ރާވަމުން ގެންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި ވިދާޅުވީ ރާއްޖެ އަށް ލިބޭ ޑޮލަރު ރާއްޖޭގައި ހިފަހައްޓަން ޖެހޭ ކަމަށެވެ.

"އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ރޯދައިގެ ފަހުން ރާއްޖޭގައި އަލަށް ފަށާ ބައެއް ޕްރޮޖެކްޓްތައް އިއުލާން ކުރާނަން. މިއީ ޑޮލަރުގެ މައްސަލައަށް އޮތް ހައްލަކަށް ވާނެ. އެއީ ޑޮލަރު ލިބޭ ވަރު އިތުރުކޮށްގެން ޑޮލަރުގެ މައްސަލަ ހައްލުކުރެވެން އަންނަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވަނީ އިމްޕޯޓް ޑިއުޓީ ކަނޑާލައި ޖީއެސްޓީ ނަގަން ފެށުމުން މުދަލުގެ އަގުތަކަށް ހެޔޮބަދަލެއް އައިސްފައި ނުވާ ކަމަށް ވިދާޅުވެ އެކަމަށް ފާޑު ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ ޖީއެސްޓީ ނުނަގައި އަދި އިމްޕޯޓް ޑިއުޓީ ވެސް ނުނަގައި މުދާ ވެސް ބާޒާރުގައި އަގުހެޔޮވެފައި ނުވާ ކަމަށެވެ. އަދި މިއީ ވިސްނަން ޖެހޭ މައްސަލަތަކެއް ކަމަށް ވިދާޅުވި އެވެ.

"ޖީއެސްޓީ ނަގާފައި އިމްޕޯޓް ޑިއުޓީ އަށް ބަދަލުގެނައިމާ ވެސް އޭގެ ހެޔޮބަދަލެއް ފެނިގެނެއް ނުދިޔަ. އެކަމަކު އޭގެ ބަދަލުގައި ބައެއް ތަކެތި އަގުބޮޑުވީ. އެހެންވީމާ މިހަކަލަ ފިޔަވަޅުތަކަކީ ވިސްނައިގެން، ދިގު މުއްދަތަށް އަޅަން ޖެހޭ ފިޔަވަޅުތައް،" މިނިސްޓަރު ވިދާޅުވި އެވެ.