އައްޑޫ ސިޓީގެ ހިތަދޫގައި ގްރޫޕަކުން ހިންގި މާރާމާރީއެއްގައި މީހެއްގެ ބޮލުގައި ގަލަކުން ޖަހައި ބޯފަޅައިލި މައްސަލައެއްގައި ތުހުމަތުކުރެވޭ މީހަކު ހޯދުމުގެ މަސައްކަތް ހިތަދޫ ފުލުހުން ފަށައިފި އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި އެ ހަމަލާގައި ޒަހަމްވި ހިތަދޫ ހަނީމޫން، އަހުމަދު ފުރުގާނަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ފަރުވާ ދިނުމަށް ފަހު މިހާރު އޭނާ ވަނީ ގެއަށް ދޫކޮށްލައިފަ އެވެ. އޭނާގެ ބޮލުގެ ފުއްކިބައިން ހަތަރު އިންޗިއެއްހާ ތަނުން ވަނީ ފަޅައިގެން ގޮސްފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އެ މާރާމާރީއާ ގުޅިގެން ފުލުހުން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިވާ ނުވާ ކަމަށާއި މައްސަލައިގައި ތުހުމަތު ކުރެވޭ މީހަކު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް ފުލުހުން އެ މައްސަލައިގައި ހޯދަމުން އަންނަ މީހާއާ ބެހޭ އެއްވެސް ތަފްސީލެއް އޮފިޝަލް ނުދެއްވަ އެވެ.

އެ މާރާމާރީގައި ބޯފަޅައިގެން ދިޔަ ކުއްޖާގެ ބައްޕަ ހުސެއިން މަނިކުފާނު މިއަދު ބުނީ އެ ހާދިސާ ހިނގީ މިދިޔަ ބުރާސްފަތި ދުވަހުގެ ވަގުތެއްގައި ކަމަށާއި އޭނާގެ ދަރިފުޅަށް ހަމަލާދިނީ އެ ރަށުގައި އުޅޭ ގްރޫޕަކުން ކަމަށެވެ.

އެ ކުއްޖާގެ ބައްޕަ ބުނީ އެ ހާދިސާ ހިނގި ދުވަހުގެ ފަތިހު އެގޭގެ ދޮރު ހުޅުވައިފައި ހުރުމުން ގޮސް ބެލި އިރު ގޭގެ ދޮރުމަތީގައި ކާރެއް އޮތް ކަމަށާއި އެއީ ކީއްކުރަން އައިސް އޮތް ކާރެއްތޯ ސުވާލު ކުރުމުން އެއީ އެ ގެއިން ގުޅައިގެން އެއާޕޯޓަށް ދިޔުމަށް އަައި ކާރެއް ކަމަށް ބުނި ކަމަށެވެ. ނަމަވެސް އެގެއިން އެއްވެސް މީހަކު ފުރަންވެގެން ނޫޅޭ ކަމަށާއި އެ މީހުން ކާރަކަށް ނުގުޅާ ކަމަށް ބުނުމުން އެމީހާ ވަރަށް ރުޅިއައިސްގެން ގޭތެރެއަށް ވަދެ މަރުގެ އިންޒާރުދިނުމަށް ފަހު ނުކުމެގެން ދިޔައީ ކަމަށް ވެސް އޭނާ ބުންޏެވެ.

"މިގެއިން ކާރަކަށް ނުގުޅަމޭ ބުނުމުން އެމީހާ ރުޅިއައިސްގެން ގޭތެރެއަށް ވަދެ ގަތުލު ކުރާނެ ކަމުގެ އިންޒާރުދީފައި ދިޔައީ،" ހުސެއިން މަނިކުފާނު ބުންޏެވެ.

އޭނާ ބުނި ގޮތުގައި އެ މީހުން ދެވަނަ ފަހަރަށް އެގެއަށް ގްރޫޕެއް ގޮވައިގެން ގޮސް އެގެއިން ކާރު ދަތުރަށް ދޭންޖެހޭ 300ރ ދޭން ޖެހޭނެ ކަމަށް ބުނެ އިންޒާރުދިނެވެ. އަދި އެއާ އެކު އެމީހުން ދިޔައީ ފުލުހުންނަށް ގުޅުމުންނެވެ. އަދި އޭނާގެ ދަރިފުޅަށް އެގްރޫޕުން ހަމަލާދިނީ އެ ހުރިހާ ކަމެއް ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނިކޮށް އެ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ގޭކައިރީގައި ހުރި ޖޫގޯ ބޯތަނެއްގައި ހުއްޓައި ކަމަށް ވެސް އޭނާ ބުންޏެވެ.

"އެމީހާ ފަހުން ގްރޫޕް ހަދާފައި އައި ލާރި ހޯދަން. އެވަގުތު ފުލުހުންނަށް ގުޅީމާ އެމީހުން ދިޔައީ،" ހުސެއިން މަނިކުފާނު ބުންޏެވެ.