08 Jul 2012, 13:02
ގ. ވޭރު، އަބްދުލް މުހީތު ގެ ގައިގައި ގދ. ގައްދޫ، އަބްލަޣީގޭ، މުހުޖަތު އަހުމަދު ނާސިހު ތޫނުއެއްޗަކުން ޖެހިތަން ދުށްކަމަށް ކްރިމިނަލް ކޯޓުގައި މިއަދު މީހަކު ހެކިބަސް ދީފި އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި ކާކުކަން ނޭނގޭގޮތަށް އަޑު ބަދަލުކޮށްގެން ހެކިބަސް ދެމުން އެމީހާ ބުނީ ހަތަރު މީހުންނަށް ވުރެ ގިނަ މީހުން ހިމެނޭ ގުރޫޕަކުން ގޮސް މުހީތު ގަޔަށް އަރައިގަތީ ކަމަށާއި އެވަގުތު މުހުޖަތު ތޫނުއެއްޗަކުން މުހީތުގައިގައި ޖެހިތަން ދުއްކަަމަށެވެ.
"މެދުގަ ތި އިން މީހާ[މުހުޖަތު އަހުމަދު ނާސިހު] ތޫނުއެއްޗަކުން މުހީތުގައިގައި ޖެހިތަން ދުށިން. ޔަގީން އޭނަކަން ޖެހީ،" ހެކިބަސް ދިން މީހާ ކޯޓުގައި މިއަދު ބުންޏެވެ.
ތޫނުއެއްޗަކުން މުހީތަށް ހަމަލާދިން ކަމުގެ ތުހުމަތުގައި މުހުޖަތުގެ އިތުރުން ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ ލިބެނީ ސ. މަރަދޫ، ސަލްޓަންވިލާ، އަލީ މުޝައްފައުގެ މައްޗަށެވެ. އަދި މުހީތަށް ތޫނުއެއްޗަކުން ހަމަލާދިން ކުއްޖަކު ސައިކަލަކަށް އަރުވައިގެން ގޮސްފައިވާތީ ޅ. ނައިފަރު، ޒައިތޫނިގޭ، މުހައްމަދު މައިމޫންގެ މައްޗަށް އުފުލާފައި ވަނީ ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ.
އޭނާ ބުނީ ޝަރީއަތަށް ހާޒިރުކޮށްފައި ތިބި މީހުންގެ ތެރެއިން މުހުޖަތު ފިޔަވައި އިތުރު މީހަކު އެތަނުން އޭނާ ނުދެކޭ ކަމަށެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލައްވަމުން ގާޒީ ވިދާޅުވީ މިއަދު ހާޒިރުކުރެވުނީ އެންމެ ހެއްކަކު ކަމަށެވެ. އިތުރު އެއްވެސް ވާހަކައެއް ވިދާޅެއް ނުވެއެވެ.
ދައުލަތުން ކުރި ދައުވާގައި ބުނަނީ ފެބްރުއަރީ މަހު 18 ވަނަ ދުވަހުގެ ރޭ 1:50 އެހާކަންހާއިރު ފިނޭންސް މިނިސްޓްރީ ކުރިމަތީ އޮންނަ ކޮޅުބެދިފައިވާ ގޯޅިގަނޑުގެ ތެރޭ ސައިކަލެއްގެ މަތީގައި މުހީތު އިންދައި މުހުޖަތާއި މުޝައްފައު އާއި އިތުރު ބަޔަކު މުހީތުގެ ބޮލަށާއި ގައިގެ އެތަން މިތަނަށް ތޫނުއެއްޗަކުން ދިން ހަމަލާއަށް ފަރުވާދެމުން ދަނިކޮށް ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހުގެ ހަވީރު މުހީތު ނިޔާވެފައިވާކަމަށެވެ.