08 Jul 2012, 12:43
ފުޅާދާއިރާއެއްގައި ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރި ކުރާ ބޮޑުންގެ ތެރޭގައި ހިމެނޭ ކަމަށް ފުލުހުން ބުނާ މ. ލޮނުމިދިލިގޭ ޝަފާޒު އަބްދުއްރައްޒާގު (ސަފާ)ގެ ބައިވެރިއަކު ދައުވާ އަށް އިއުތިރާފު ވެއްޖެ އެވެ.
ސަފާއާއި ސަފާގެ ތިން ބައިވެރިން ކަމަށްވާ ތ. ތިމަރަފުށީ، ކަރަންކާވިލާ، އިސްމާއިލް ޝަހީމާއި ހ. ގަސްވާ، މުހައްމަދު މީއާދު އަދި ގދ. ފިޔޯރީ އެވަރެސްޓް އަނަސް އަނީސްގެ މައްޗަށް ދައުލަތުން ކުރާ ދައުވާއަކީ މަނާކޮށްފައިވާ މަސްތުވާއެއްޗެއް ވިޔަފާރީގެ ބޭނުމަށް އަތުގައި ބެހެއްޓުމާއި ބޭހުގެ ގޮތުގައި ބޭނުންކުރާ މަސްތުވާ އެއްޗެއް ވިޔަފާރީގެ ބޭނުމަށް އަތުގައި ބެހެއްޓުމުގެ ކުށުގެ ދައުވާ އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި ދައުވާ އަށް ޖަވާބުދާރީ ވަމުން މީއާދު ބުނީ އޭނާގެ އަތުގައި މަސްތުވާތަކެތި ބެހެއްޓި ކަމަށާއި ނަމަވެސް އެތަކެތި ބެހެއްޓީ ވިޔަފާރިކުރަން ނޫން ކަމަށެވެ.
ގާޒީ ވިދާޅުވީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގައި ބުނާ ގޮތުން ވަކި ވަރަކަށް ވުރެ ގިނައިން މަސްތުވާތަކެތި ފެނިއްޖެ ނަމަ ބެލެވޭނީ އެއީ ވިޔަފާރި ކުރަން އަތުގައި ބެހެއްޓީ ކަމަށެވެ. އަދި ހ. ފަށަންގޭގައި ސަފާ ހިފާފައި ހުރި އެޕާޓުމަންޓުން ފުލުހުން އަތުލައިގަތް މަސްތުވާތަކެތީގެ ތަހުލީލު ރިޕޯޓުގައިވާ ގޮތުން އެފަދަ ތަކެތީގެ ވިޔަފާރީގެ ދައުވާ އުފުލާ މިންވަރަށް މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ.
ދައުވާއަށް އިއުތިރާފު ވުމަށް ފަހު މީއާދު ބުނީ އެކަމާ ބެހޭ ގޮތުން ތަފްސީލުކޮށް ޖަވާބުދާރީބުމަށް ފުރުސަތު ބޭނުންވާ ކަމަށެވެ.
ގާޒީ ވިދާޅުވީ ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި ފަހުބަސް ބުނުމަށް މީއާދަށް ފުރުސަތު ދިނުމަށް ފަހު އޭނާގެ އަޑުއެހުންތައް އެ ދުވަހު ނިންމާލާނެ ކަމަށެވެ.
މީގެ އިތުރުން ސަފާއާއި ޝަހީމް އަދި އަނަސް ދައުވާ އަށް އިންކާރުކޮށްފައި ވާތީ ދައުލަތުން މިއަދު ވަނީ އެ މީހުންގެ މައްޗަށް ކުށް ސާބިތުކުރުމަށް ޓަކައި ހެކި ހުށަހަޅައިފަ އެވެ.
ދައުލަތުން މިއަދު ހުށަހެޅި ހެކީންގެ ތެރޭގައި ހިމެނެނީ ހ. ފަށަންގެ އަށް ގޮސް އެމީހުން ހައްޔަރުކުރި ތަނަށް ދިޔަ އަށް ފުލުހަކާއި މަސްތުވާތަކެތީގެ ތަހުލީލު ރިޕޯޓާއި އެ ރިޕޯޓް ހެދި ފުލުސް މީހާ އެވެ. އަދި ރާއްޖެ އިން ބޭރުގައި ހުރި މީހަކާއި ސަފާ ފޯނުން ދައްކާފައިވާ ވާހަތަކުގެ ރެކޯޑިން އާއި އޭގެ ސުކްރިޕްޓް ވެސް ވަނީ ހުށަހަޅައިފަ އެވެ.
އެ މައްސަލައިގެ އިތުރުން ސަފާގެ މައްޗަށް ދައުލަތުން ކޮށްފައިވާ މަނާކޮށްފައިވާ މަސްތުވާ އެއްޗެއް ރާއްޖެ އެތެރެކުރަން އުޅުމުގެ ކުށުގެ ދައުވާ އަށް ވެސް ސަފާ އިންކާރުކޮށްފައި ވާތީ ދައުލަތުން މިއަދު ވަނީ ހެކި ހުށަހަޅައިފަ އެވެ.
އެ މައްސަލައިގައި ހުށަހަޅާފައިވާ ހެކިތަކަކީ ސްރީލަންކާ މީހަކާއި ފޯނުން ސަފާ ދައްކާފައިވާ ވާހަކަތުގެ އޯޑިއޯ ރިކޯޑިން އާއި އޭގެ ސުކްރިޕްޓެވެ. އަދި އޭޖޭއީ އެންޕޯރިއަމާއި ވެސްޓަން ޔޫނިއަން މެދުވެރިކޮށް ސްރީލަންކާގެ މީހަކަށް ސަފާ ފައިސާ ފޮނުވިކަން ސާބިތުކުރުމަށް ޓަކައި ވެސް ވަނީ ހެކި ހުށަހަޅާފަ އެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލައްވަމުން ގާޒީ ވިދާޅުވީ އަންނަ ހަފްތާގައި އެ މައްސަލައިގެ ހެކިބަސް ނެގުމުގެ ޝަރީއަތް ބާއްވާނެ ކަމަށެވެ. އެ މައްސަލަތަކަކީ ވަރަށް އަވަހަށް ނިންމުމަށް ކޯޓުން ބޭނުން މައްސަލަތަކެއް ކަމަށާއި އެ މައްސަލަތައް އަވަސް ކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް ކޯޓުން އަޅާނެ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.