ގއ. ދާންދޫގައި ރޯގާއެއް ފެތުރި ރަށުގެ ގިނަ ބަޔަކު ހޮސްޕިޓަލްގައި އެޑްމިޓްކޮށް، ފަރުވާދެމުންދާ ކަމަށް ދާންދޫ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.

ދާންދޫ ހޮސްޕިޓަލްގެ އެސިސްޓެންޓް މެނޭޖަރު މުހައްމަދު ހުސައިން މިއަދު ވިދާޅުވީ މިދިޔަ މަހު ފަހުކޮޅުން ފެށިގެން، ދާންދޫގައި ރޯގާއެއް ފެތުރި ކުދިބޮޑު ގިނަ ބަޔަކު ހޮނޑުލުމާއި ބޭރަށް ހިންދާތީވެ، ހޮސްޕިޓަލުން ފަރުވާ ހޯދަމުންދާ ކަމަށެވެ. އަދި ވިދާޅުވީ ރަށުގައި ފެތުރިފައިވާ ރޯގާޔާ ގުޅިގެން ހޮސްޕިޓަލަށް ބާރު ބޮޑުވެގެން ދިޔައީ އިއްޔެ ކަމަށާއި ޕޮލިސް ސްޓޭޝަނުން އެނދެއް ގެނެސްގެން ބަލި މީހުން އެޑްމިޓްކޮށްގެން ފަރުވާދެމުންދާ ކަމަށެވެ.

މުހައްމަދު ހުސައިން ވިދާޅުވީ ރޯގާއި އެންމެ ގިނައިން ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާދޭން ޖެހުނީ ކުޑަކުދިންނަށް ކަމަށެވެ. އަދި ވިދާޅުވީ 24 ގަޑިއިރު ހިދުމަތް ދެމުންދާ ހޮސްޕޮޓަލުގައި އިންނަވަނީ އެންމެ ޑޮކްޓަރެއް ކަމަށާއި ނަމަވެސް ރަށުގައި ފެތުރުނު ރޯގާއާ ގުޅިގެން ފަރުވާދޭން ޖެހުނު 28 މީހުންނަށް ބޭސް ކުރުމުގައި ޑޮކްޓަރުގެ ވަރުބަލި ކަމެއް ނެތް ކަމަށެވެ.

"އަޅުގަނޑުމެންނަށް މި ބަލި ފުރަތަމަ ނޯޓިފައި [ފާހަގަކުރެވިފައި] ވަނީ ޖޫން މަހުގެ 20 ވަނަ ދުވަހު. ނަމަވެސް އިއްޔެއަކީ އެ ބަލި ފެތުރިގެން ހޮސްޕިޓަލަށް ބާރުބޮޑުވި ދުވަސް. މިއަދު ވެސް ބަޔަކު ހޮސްޕިޓަލަށް އައިސް ފަރުވާ ހޯދަމުންދަނީ،" ދާންދޫ ހޮސްޕިޓަލްގެ އެސިސްޓެންޓް މެނޭޖަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރަށުގައި ފެތުރުނު ރޯގާއާ ގުޅިގެން އެއްވެސް މީހެއްގެ ހާލުބޮޑުވެގެން ރަށުން ބޭރަށް ގެންދަން ނުޖެހޭ ކަމަށާއި ރަށު ހޮސްޕިޓަލުން ފަރުވާ ހޯދާ މީހުން ރަނގަޅު ވަމުން އަންނަ ކަމަށެވެ.

ރަށުގައި އެ ބަލި ފެތުރެން ދިމާވި ސަބަބެއް ކަމަށް ޑޮކްޓަރާ ހަވާލާދީ މުހައްމަދު ހުސައިން ވިދާޅުވީ އެ ބަލި ފެތުރެން ދިމާވި ސަބަބަކީ ކެއިން ބުއިމުގައި ގެންގުޅޭ އެއްޗެހިތައް ތަޣައްޔަރު ވެފައި ހުރުމުން ދިމާވި ސަބަބެއް ކަމަށް ވެދާނެ ކަމަށެވެ. އެގޮތުން ކެއިން ބުއިމުގައި ބޭނުން ކުރާ ބޯފެނާއި ފިހާރަތަކުން ގަންނަ ހުރި އެއްޗެހިތަކުގައި ވިހަ އެއްޗެއް އެކުލެވިގެން ވެސް އެ ބަލި ފެތުރިދާނެ ކަމަށެވެ.

ދާންދޫ ކައުންސިލްގެ ރައީސް އިމްރާން ވަހީދު ވިދާޅުވީ ރަށުގައި ފެތުރިފައިވާ ރޯގާ ކޮންޓްރޯލް ކުރުމަށްޓަކައި ރައްޔިތުން ހޭލުންތެރި ކުރުވަމުންދާ ކަމަށާއި އެ ގޮތުން ބޯފެން ހޫނުކޮށްގެން ބުއިމަށް ނަސޭހަތްތެރިވަމުންދާ ކަމަށެވެ. އަދި ރަށުގެ ފިހާރަތައް ޗެކުކޮށް މުއްދަތު ހަމަވެފައިވާ އެއްޗެއް ވިއްކަމުންދޭތޯ ބަލުމުންދާ ކަމަށް އިމްރާން ވިދާޅުވި އެވެ.