08 Jul 2012, 11:46
ރާއްޖެ ކާބަން ނިއުޓްރަލް ގައުމަކަށް ހެދުމަށް، ރާއްޖެ އަންނަ ޓޫރިސްޓުން އަމިއްލަ އަށް އިސްނަގައިގެން ކާބަން ޓެކްސްއެއް ދެއްކުމަކީ އެދިވަޑައިގަންނަވާ ކަމެއް ކަަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
ރޮއިޓާސް އަށް މިހަފުތާގައި ދެއްވި އިންޓަވިއުއެއްގައި ރައީސް ވަހީދު ވިދާޅުވި ކަމަށް އެ އެޖެންސީން ބުނީ ރާއްޖެ އަންނަ ކޮންމެ ޓޫރިސްޓަކު 10ޑޮލަރު ދެއްކިއަސް އެއީ އަހަރަކު ދިހަ މިލިޔަން ޑޮލަރު ކަމަށާއި ކާބަން ނިއުޓްރަލް ޕްރޮގްރާމަށް އެއީ ދެމެހެއްޓެނިވި އެހީތެރިކަމަކަށް ވާނެ ކަަމަށެެވެ.
"ވައިގެ މަގުން ރާއްޖެ އަންނަ ޓޫރިސްޓުން ވޮލަންޓްރީކޮށް ފަންޑްކުރާނެ ޕްރޮގްރާމެއްގެ ހިޔާލު އަޅުގަނޑުމެން ގެންގުޅެން. ކޮންމެ ޓޫރިސްޓަކު 10 ޑޮލަރު ދެއްކި ނަމަަވެސް އެއީ އަޅުގަނޑުމެންނަށް އަހަރަކު 10 މިލިޔަން ޑޮލަރު. އެއީ ކާބަން ނިއުޓްރަލް ކުރުމުގެ ޕްރޮގްރާމަށް ދެމެހެއްޓެނިވި އެހީތެރިކަމެއް،" ރައީސް ވަހީދު ވިދާޅުވި ކަމަށް ރޮއިޓާސް ބުންޏެވެ.
ރައީސް ވަހީދު އަދި ވިދާޅުވެފައި ވަނީ ރާއްޖެ އަންނަ ޓޫރިސްޓުންނަކީ ތިމާވެއްޓާ މެދު ވިސްނާ ބައެއް ކަމަށާއި އެހެންވީމާ ރާއްޖެ ކާބަން ނިއުޓްރަލް ކުރުމަށް އެހީއެއް ވުމަކީ އެމީހުން އުފަލުން ކުރާނެ ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި ކާބަން ނިއުޓްރަލް ގައުމަކަށް ރާއްޖެ ހެދުމަށް ކުރާ މަސައްކަތް ޕްލޭން ކޮށްފައިވާ ވަރަށް ވުރެ ތަންކޮޅެއް ލަސްވެފައިވާ ކަމަށާއި އެހެން ނަމަވެސް ކުރިއަށް އޮތް ފަސްވަރަކަށް އަހަރު ތެރޭ އަރާ ހަމަ ކުރެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.
އަދި ވިދާޅުވެފައި ވަނީ މާލެއަކީ އެންމެ ރަނގަޅު ތަނެއް ނޫން ކަމަށެވެ.
"މާލެއަކީ އެންމެ ރަނގަޅު ތަނެއް ނޫން. އެތާ ތިމާވެއްޓާ ރަހުމަތްތެރި މާގިނަ އިމާރާތްތަކެއް ނެތް. ނަމަވެސް (އެފަދަ އިމާރާތްތައް ހެދުމަށް) ވަރަށް ގިނަ ކުންފުނިތަކުން ޝައުގުވެރިވޭ،" ރައީސް ވަހީދު ވިދާޅުވި ކަމަށް ރޮއިޓާސް ބުންޏެވެ.
ދިހަ އަހަރު ތެރޭގައި ރާއްޖެ ކާބަން ނިއުޓްރަލް ގައުމަކަށް ހައްދަވާނެ ކަން އިއުލާން ކުރެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެވެ.